ޒަކުވާންގެ ހިތުގެ އުދާސްތަކާއި، އޭނާ ތަހައްމަލު ކުރަމުންދާ ބިރުވެރިކަމުގެ ވާހަކަ އަޑުއަހާފައި ޒައިދާން އޭނާގެ ކޮނޑުގައި އަތް ބާއްވާލިއެވެ. އެއީ ހަމްދަރުދީއާއި އެކުވެރިކަމުގެ އަތެކެވެ. ގިނަ ދުވަސްތަކެއް ވަންދެން އެކަނިވެރިކަމާއި ނުތަނަވަސްކަމުގެ ކަނޑެއްގައި ފަތަމުންދިޔަ ޒަކުވާނަށް، އެންމެ ފަހުން އުންމީދުގެ އަލިކަމެއް ފެންނަން ފެށިއެވެ.
ޒައިދާންގެ އާއިލާގެ އެންމެންގެ ފަރާތުން ޒަކުވާނަށް ލިބެމުންދިޔަ އެހީތެރިކަމާއި، ލޮއިއްބާއި އަޅާލުމުގެ ސަބަބުން އޭނާގެ ހިތަށް ބޮޑު ތަސައްލީއެއް ލިބުނެވެ. ނަމަވެސް، އޭނާގެ ފަހަތުން ނުނެއްޓިގެން އުޅޭ އެ “ކަޅު ހިޔަނި” ގެ ސިއްރުތައް ހޯދައި ބަލަން ޒަކުވާން ބޭނުންވިއެވެ. އެއީ ކޮން އެއްޗެއްކަމާއި، އޭނާގެ ފަހަތުން އެ ނުނެއްޓިގެން އުޅޭ ސަބަބު އޮޅުންފިލުވަން އޭނާ ނިންމިއެވެ.
“ޒައިދާން! މަށަށް ހީވަނީ…” ޒަކުވާނަށް ބުނެވުނީ އެހިސާބަށެވެ. ކުއްލިއަކަށް އޭނާގެ ދޫ ބަންދުވިއެވެ.
ޒަކުވާންގެ ކުރިމަތިން ފެނިގެންދިޔައީ ބިރުވެރި މަންޒަރެކެވެ. މީގެ ކުރިން އޭނާއަށް ފެންނަމުންދިޔަ އަންހެން ކުއްޖާ، މިފަހަރު ފެނުނީ އިންތިހާއަށް ހުތުރު ސިފައެއްގައެވެ. އޭނާގެ މޫނު ވަނީ ކަޅުވެ، ލޯ ވަނީ ރަތްވެފައެވެ. އެ ސޫރަ ފެނުމާއެކު ޒަކުވާންގެ މުޅި ހަށިގަނޑު ގަނޑުވި ކަހަލައެވެ.
“ޒަކުވާން… ރަނގަޅުތަ؟” ޒަކުވާން އިށީނދެގެން އިން ގޮތް ފެނިފައި ޒައިދާން ކަންބޮޑުވެފައި ސުވާލު ކުރިއެވެ.
ޒަކުވާން އިނީ އެއްކޮށް ކަހަލަ ގޮތަކަށް ފިނިވެފައެވެ. އޭނާގެ ދެލޯ ވަނީ ބޮޑުވެފައެވެ. ބިރުން ގޮސް އެއްޗެކޭ ބުނާނެ ހިތްވަރެއްވެސް އޭނާގެ ގަޔަކު ނެތެވެ. ޒަކުވާންގެ މި ހާލަތު ފެނި ޒައިދާން ވަރަށް ބިރުގަތެވެ. އޭނާގެ އެކުވެރިޔާ ސަލާމަތްކުރުމަށް ޒައިދާން އަށް ކުރެވެން އޮތް ކަމެއް ކުރަން އޭނާ މަސައްކަތް ކުރިއެވެ. އެވަގުތު ޒައިދާންގެ ހަނދާނަށް އައީ މީހަކު ބުނެފައިވާ ވާހަކައެކެވެ. މިފަދަ ކަމެއް ދިމާވާ ހިނދު ކައިރީގައި ބަންގި ގޮވުމަށެވެ.
އެކަން ހަނދާންވުމާއެކު، ޒައިދާން ވަރަށް ސާބިތުކަމާއެކު ބަންގި ގޮވަން ފެށިއެވެ. ބަންގީގެ އަޑާއެކު މާހައުލަށް ވެރިވެފައިވާ ބިރުވެރިކަން މަޑުމަޑުން ފިލަން ފެށިއެވެ. އިރުކޮޅެއްގެ ފަހުން ޒަކުވާން ހަމައަކަށް އެޅުނެވެ. ނަމަވެސް އޭނާ އިނީ މުޅިން ވަރުބަލިވެފައެވެ. މީހާގެ ހަކަތަ ހުސްވެފައިވާކަން ޒައިދާންއަށް ފާހަގަކުރެވުނެވެ.
“ބުރޯ… އޯކޭތަ؟ ދެންމެ ކިހިނެއްވީ؟ އަނެއްކާ އޭގެ އުނދަގޫ ކުރީތަ؟” ޒައިދާން ހާސްވެފައި ސުވާލުތައް އަމުނާލިއެވެ.
ޒަކުވާން އެއްވެސް އެއްޗެކޭ ނުބުނެއެވެ. އޭނާ މަޑުމަޑުން ތެދުވެ، ގެއާ ދިމާލަށް ހިނގައިގަތެވެ. އެވަގުތު އޭނާއަށް އެންމެ ރަނގަޅު ގޮތަކީ ގެއަށް ގޮސް އަރާމުކޮށްލުން ކަމަށް އޭނާގެ ސިކުނޑި ބުނަމުންދިޔައެވެ. ނަމަވެސް އެ ކަޅު ހިޔަނީގެ ނުރައްކާ އަދި މުޅިން ފިލައި ނުދާކަން އޭނާގެ ހިތުގެ ކޮންމެވެސް ކަނެއްގައި ބުނަމުންދިޔައެވެ.

Leave a Reply