ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އާއި ޔޫގަންޑާގައި ހަލުވިކަމާއެކު ފެތުރެމުންދާ އިބޯލާ ބަލިމަޑުކަމުގައި ބަލިޖެހުނު މީހުންނާއި ބަލިޖެހިފައިވާ ކަމަށް ޝައްކުކުރެވޭ މީހުންގެ އަދަދު 600 އަށް އަރާފައިވާ ކަމަށާއި، މީގެ ތެރެއިން 139 މީހަކު މިހާތަނަށް މަރުވެފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ހާމަކޮށްފިއެވެ.
ބުދަ ދުވަހު ޖެނީވާގައި ބޭއްވި ޑަބްލިޔުއެޗްއޯގެ އިމަޖެންސީ ކޮމިޓީގެ ބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން އެ ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔެސަސް ވިދާޅުވީ، އިބޯލާގެ ނުރައްކާ ގައުމީ އަދި ސަރަހައްދީ ފެންވަރުގައި ބޮޑުވި ނަމަވެސް، މިއީ އަދި ބައިނަލްއަގްވާމީ ފެންވަރުގެ ކުއްލި ހާލަތެއްގެ ގޮތުގައި ކަނޑައަޅާފައި ނުވާ ކަމަށެވެ. “ޑަބްލިއުއެޗްއޯ އިން ވަޒަންކުރަނީ ގައުމީ އަދި ސަރަހައްދީ ފެންވަރުގައި ބަލިމަޑުކަމުގެ ނުރައްކާ ބޮޑު އަދި ދުނިޔޭގެ ފެންވަރުގައި ދަށް ކަމަށް،” ޓެޑްރޯސް ވިދާޅުވިއެވެ.
މި ބަލިމަޑުކަމާ ގުޅޭގޮތުން ޑަބްލިޔުއެޗްއޯގެ އިމަޖެންސީސްގެ ވެރިޔާ ޗިކްވޭ އިހެކްވޭޒޫ ވިދާޅުވީ، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ ބަލި ފެތުރޭ ހުރިހާ ގޮތްތަކެއް (ޓްރާންސްމިޝަން ޗޭންތައް) ދެނެގަތުމަށް ކަމަށެވެ. މީގެ ސަބަބުން ބަލި ފެތުރޭ މިންވަރު ކަނޑައަޅައި، އެކަށީގެންވާ ފަރުވާ ދިނުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ސިއްހީ މާހިރުން ހާމަކުރާ ގޮތުގައި މި ބަލިމަޑުކަން ފެތުރެން މެދުވެރިވަނީ އިބޯލާ ވައިރަސްގެ ނުރައްކާތެރި ވައްތަރެއް ކަމަށްވާ ‘ބުންޑިބުގްޔޯ ސްޓްރޭން’ އެވެ. މި ވައްތަރަށް އަދި މިހާތަނަށް އެކަށީގެންވާ ވެކްސިނެއް ނުވަތަ ވަކި ހާއްސަ ފަރުވާއެއް ހޯދިފައެއް ނުވެއެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، ކޮންގޯގެ އުތުރުގެ ޕްރޮވިންސްތައް ކަމަށްވާ އިޓޫރީ އާއި ނޯތު ކިވޫއިން އެކަނިވެސް 51 މީހަކު ވަނީ ބައްޔަށް ފައްސިވެފައެވެ. އަދި ޔޫގަންޑާގެ ކަމްޕަލާއިންވެސް ދެ މީހަކު ފައްސިވެފައިވާއިރު، އޭގެ ތެރެއިން އެކަކު ވަނީ މަރުވެފައެވެ. މީގެ އިތުރުން، ބަލި ޖެހިފައިވާ މެޑިކަލް މިޝަނަރީއަކަށް ފަރުވާ ދިނުމަށް ޖަރުމަނަށް ގެންދިއުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.
ޑަބްލިއުއެޗްއޯގެ ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި މި ބަލި ފެތުރެން ފަށާފައިވަނީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ. ފުރަތަމަ މަރު ރިޕޯޓްކޮށްފައިވަނީ އޭޕްރީލް 20 ގައެވެ. އޮފިޝަލުން ޝައްކުކުރާ ގޮތުގައި ބަލި ހަލުވިކަމާއެކު ފެތުރެން މެދުވެރިވީ ‘ސުޕަ ސްޕްރެޑާ އިވެންޓް’ އެއްގެ ސަބަބުންނެވެ. އެއީ ޖަނާޒާއެއްގައި ނުވަތަ ސިއްހީ ހިދުމަތްދޭ ތަނެއްގައި ހިނގާފައިވާ ކަމެއް ކަމަށް ބެލެވެއެވެ.
ޔޫރަޕިއަން ޔޫނިއަންގެ ތަރުޖަމާނު އީވާ ހްރްންސިރޯވާ ވިދާޅުވީ ޔޫރަޕަށް މި ބަލީގެ ނުރައްކާ އޮތީ ވަރަށް ކުޑަ މިންވަރެއްގައި ކަމަށެވެ. ނަމަވެސް ބަލިތަކަކީ ބޯޑަރުތަކުން ހުއްޓުވޭނެ އެއްޗެއް ނޫން ކަމަށާއި، އެންމެހާ ފަރާތްތަކުން ސިއްހީ އިރުޝާދުތަކަށް އަމަލުކުރުން މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.
މި ބަލިމަޑުކަމުގެ ބިރުވެރިކަން އުފެދިފައި މިވަނީ، މީގެ ކުރިން ކުރިމަތިވި ބަލިމަޑުކަމެއް ނިމުމަކަށް އައިކަން އިއުލާންކުރިތާ އެންމެ ފަސް މަސް ފަހުން ކަމަށްވުމީ ސިއްހީ މާހިރުންގެ ބޮޑު ކަންބޮޑުވުމެކެވެ.

Leave a Reply