އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވިތާ އެންމެ ދުވަހެއްގެ ފަހުން، ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން ޗައިނާއަށް ވަޑައިގެންފިއެވެ. މި ދަތުރުފުޅަކީ ބައިނަލްއަގުވާމީ ސިޔާސީ މަސްރަހުގައި ޗައިނާގެ ބާރުވެރިކަން ދައްކުވައިދޭ ވަރަށް މުހިންމު ދަނޑިވަޅެއްގައި ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގެ ތެރެއިން ޕުޓިން ވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންއާ އެކު، 2001 ވަނަ އަހަރު ދެ ގައުމުގެ ދެމެދުގައި އެކުލަވާލި “ޓްރީޓީ އޮފް ގުޑް ނެއިބަރލިނެސް އެންޑް ފްރެންޑްލީ ކޯޕަރޭޝަން” ގެ ހަނދާނުގައި ހާއްސަ އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ. ނަމަވެސް، ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި މި ސަމިޓްގެ އަސްލު މުހިންމުކަން ރަމްޒީ ކަންކަމަށްވުރެ މާ ފުންވެފައި، ބޮޑެވެ.
ޓްރަމްޕްގެ ދަތުރުފުޅުގައި ވިޔަފާރީގެ އެއްބަސްވުންތަކަށް ބާރުއެޅުއްވި ނަމަވެސް، ޓައިވާނާއި އީރާނާ ދެކޮޅަށް ހިންގާ ހަނގުރާމަތަކާއި، އެމެރިކާ-އިޒްރޭލު ގުޅުމާ ގުޅޭ ބޮޑެތި މައްސަލަތަކުގައި ޗައިނާއާއި އެމެރިކާއާ ދެމެދު މާބޮޑު ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. މިއީ ޕުޓިންއަށް ލިބުނު ބޮޑު ހިތްހަމަޖެހުމެއް ކަމަށް އެނަލިސްޓުން ދެކެއެވެ. ސަބަބަކީ، ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކާ ކުރިމަތިލާން ޖެހިފައިވާ ރަޝިޔާއަށް، ޗައިނާއިން އެ ގައުމާއެކު އޮތް ގުޅުން ދޫކޮށްލުމުގެ އެއްވެސް ވިސްނުމެއް ނެތްކަން މިކަމުން ހާމަވާތީއެވެ.
“ޝީ އަށް ވުރެ ޕުޓިން ބޭނުންވަނީ މިކަން”
ކިންގްސް ކޮލެޖް ލަންޑަންގެ ރިސާޗަރު މަރީނާ މިރޮން ވިދާޅުވި ގޮތުގައި، މި ދަތުރުފުޅަކީ ދެ ގައުމުގެ އިގްތިސާދީ އަދި އަސްކަރީ ޓެކްނޮލޮޖީގެ ގުޅުން އިތުރަށް ބަދަހިވާނެ ކަމެކެވެ. ޚާއްސަކޮށް، ޔޫކްރެއިން ހަނގުރާމައަށް ފަހު ރަޝިޔާ ވަނީ ޗައިނާއަށް ވަރަށް ބޮޑަށް ބަރޯސާވާން ޖެހިފައެވެ. ރަޝިޔާއިން ޑްރޯން އުފެއްދުމަށް ޗައިނާގެ ޓެކްނޮލޮޖީ ބޭނުންވާއިރު، ޗައިނާއިން ބޭނުންވަނީ ރަޝިޔާގެ ހަކަތައިގެ ވަސީލަތްތައް އަގުހެޔޮކޮށް ހޯދުމަށެވެ.
ޗަތަމް ހައުސްގެ ޓިމޮތީ އޭޝް ފާހަގަކުރެއްވި ގޮތުގައި، “ޗައިނާ އަތުގައި ހުރިހާ ކާޑެއް އެބަހުރި” ކަމަށާއި، ޕުޓިން ބޭނުންފުޅުވަނީ ޗައިނާގެ އަސްކަރީ އެހީތެރިކަން އިތުރުކުރަން ކަމަށެވެ. ކްރައިސިސް ގްރޫޕްގެ އޮލެގް އިގްނަޓޯވް ވިދާޅުވީ، ދެ ގައުމުގެ އަމަލުތައް ހުރީ އެމެރިކާގެ ބާރު ކުޑަ، “މަލްޓިޕޯލާ” ދުނިޔެއެއް ބިނާކުރުމަށް ކަމަށެވެ
ނިއުޓްރަލް ސުޕަޕަވަރެއްގެ ގޮތުގައި ޗައިނާ
އެނަލިސްޓުން ދެކޭ ގޮތުގައި ޗައިނާގެ މިހާރުގެ ސިޔާސަތަކީ އެއްވެސް ފަރާތަކަށް ޖެހިނުލައި، “ނިއުޓްރަލް ސުޕަޕަވަރެއް” ގެ ގޮތުގައި ދުނިޔެއަށް ދެއްކުމެވެ. ޓްރަމްޕާއި ޝީގެ ބައްދަލުވުން ނާކާމިޔާބުވުމަކީ ރަޝިޔާއަށް ލިބުނު ފުރުސަތެކެވެ. ސަބަބަކީ އީރާން މައްސަލައިގައި ވެސް ޗައިނާއިން އެމެރިކާއަށް ދޫނުދޭނެކަން ސާފުވުމެވެ.
ޔޫކްރެއިން ހަނގުރާމައިގެ މައްސަލައިގައި ވެސް ޗައިނާއިން ރަޝިޔާއަށް ޕްރެޝަރު ކުރާނެ ކަމަކަށް ނުބެލެވެއެވެ. ޗައިނާއިން ބުނަމުންދަނީ އެ ގައުމަކީ ސުލްހައިގެ މެދުވެރިއެއް ކަމަށެވެ.
މި ދަތުރުފުޅުން އެނގިގެންދަނީ، އެއް ދުވަހު އެމެރިކާގެ ރައީސަށް އަދި އަނެއް ދުވަހު ރަޝިޔާގެ ރައީސަށް މެހުމާންދާރީ އަދާކޮށް، ބައިނަލްއަގުވާމީ ސިޔާސީ މަސްރަހު ކޮންޓްރޯލް ކުރުމުގެ ފުރިހަމަ ގާބިލްކަން ޗައިނާއަށް ލިބިފައިވާ ކަމެވެ.

Leave a Reply