ދިވެހިރާއްޖެ ދައުލަތް ބަނގުރޫޓު ވެދާނެ ކަމަށް ނުވަތަ އެކަމުގެ ކިހާ ފުރުޞަތެއް އޮތްތޯ ވަރަށް ފުންކޮށް މިއަދު އަހަރެމެން މިދަނީ ވިސްނަމުންނެވެ. ހަޤީޤަތަކީ ކޮންމެ މީހަކަށްވެސް ނިމުމެއް އަންނަހެން ކޮންމެ އިޤްތިޞާދަކީވެސް އޭގެ ޒާތުގައި ނިމުމެއް ގެނުވާ ކަމެއްކަމެވެ. މި ނިމުމަކީ ބަނގުރޫޓުވުމެވެ. އިންސާނެއް ނެތި ދިއުމާއި ޚިލާފަށް ކޮންމެ ބަނގުރޫޓަކަށްފަހު އަލުން އިޔާދަ ކޮށް ތެދުވާ ތެދުވުމަކީ އިޤްތިޞާދު ތަކުގައި ޢާއްމު ކަމެކެވެ.
2019 ގެ މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް ގެ ބަލިމަޑު ކަމަށްފަހު 2023 ވެގެންދިޔައީ މުޅިދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުގެ ދަރަނި އިތުރުވެ ހަމަ އެހެންމެ ގިނަ ޤައުމުތަކަށް ހީނަރުކަމާއި ކުރިމަތިލާ އަދި ބައެއްޤައުމުތައް އެއްކޮށްހެން ބަނގުރޫޓުވެގެން ދިޔަ އަހަރަކަށެވެ.
ދަރަނިން ސަލާމަތް ނުވެވޭ މިންވަރަށް ދިއުން
ކުރިއަށް އޮތް ދުވަސްތަކުގައި 50 ވަރަކަށް ޤައުމު ދަރަނިން ސަލާމަތް ނުވެވޭ މިންވަރަށް އިޤްތިޞާދު ފުނޑިގެން ދާނެކަމަށް އ.ދ އިން އަންދާޒާ ކޮށްފައިވެއެވެ. މިގޮތުން މިދަރަނީގެ މިންވަރުން ސަލާމަތް ކުރުމަށް މިޤައުމުތަކަށް 400 ބިލިއަން ޑޮލަރު ހޭދަކުރަން ޖެހިދާނެ ކަމަށްބެލެވިފައިވެއެވެ. މިކަން މިގޮތަށް ދިމާވާ މައިގަނޑު އެއްސަބަބަކީ އެ ޤައުމުތަކުގައި އުފެއްދޭ މިންވަރަށް ވުރެ އިތުރަށް ހޭދަކުރެވޭ ބިޔަ މާސިންގާ އިންޑަސްޓްރިއަލް މަސައްކަތްތަކާއި ، އާމްދަނީއެއް އިތުރު ނުވާ ގޮތަށް އުފެއްދޭ އެކި މުއައްސަސާ ތަކާއި ، ސަރުކާރު ހިންގުމުގެ ޚަރަދު ޕްލޭނެއް ނެތި ކުރެވުމާއި ދާޚިލީ އަދި ދޭދޭ ޤައުމުތަކުގެ ދެމެދުގައި ކުރެވޭ ހަނގުރާމަތަކުގެ ނަތީޖައަކުން ، އުފެދިގެން އަންނަ ޚަރަދު ތަކުގެ ސަބަބުންނެވެ.
މިގޮތުން މިހާތަކަށް ދަރަނިން ސަލާމަތްނުވެގެން އުޅޭ ޤައުމުތައް ލިސްޓެއް ކޮށްލާނަމެވެ.
- ޔޫކްރޭން
ރަޝިޔާ ހަނގުރާމަ ގެ ސަބަބުން ޤައުމުގެ އިޤްތިޞާދު މުޅިންހެން ހުއްޓުމަކަށް އައެވެ. އަދި މިކަމުގެ ސަބަބުން ، ހުޅަނގުގެ އެކި ޤައުމުތަކުން ލޯނުގެ ގޮތުގައި އެހީ ހޯދައި ހަނގުރާމާއިގެ ހަތިޔާރާއި، ޤައުމު ހިންގުމަށް ހޭދަ ކުރަން ޖެހުނެވެ. ޔުކްރޭންގެ ޕްރައިމް މިނިސްޓަރ ޑެނީ ޝްމީހަލް ހާމަކުރާ ގޮތުގައި އަހަރުތަކަށް ބަހާލައިގެން ދެވޭ 15 ބިލިއަން ޔޫއެސް ޑޮލަރުގެ އައިއެމްއެފް (އިންޓަނޭޝަނަލް މަނިޓަރީ ފަންޑް) އިން ލިބޭނެކަމަށް އުއްމީދު ކުރެވެއެވެ. 38 ބިލިއަން ޑޮލަރުގެ ބަޖެޓް ޑެފިސިޓެއް ކުރިމަތި ވެފައިވާ އިރު އެކަން ފޫބެއްދުމަށް އީޔޫ އިން 19.3 ބިލިއަން ޑޮލަރު އަދި އެމެރިކާއިން 10 ބިލިއަން ޑޮލަރު މިހާތަނަށް ދޭން އެއްބަސްވެފައިވާ ކަމަށް ޕްރައިމިނިސްޓަރ ހާމަކުރެއްވިއެވެ.
- ސްރީލަންކާ
ސްރީލަންކާގެ މުޅި ތާރީޚުގައިވެސް ނުދެކޭ ވަރުގެ ދަރަނިވެރިކަމަކާއި ކުރިމަތިވެފައި މިވަނީ ޤައުމު ހިންގުން ބޮއްސުން ލައިގެން ދިއުމުން ކަމުގައި ހުރިހާ އެއްމެންވެސް ޤަބޫލު ކުރެއެވެ. ދަރަނި ދެއްކުމުގެ ނާޤަބިލު ކަމާއި އަދި ޤައުމުގެ އިޤްތިޞާދު ވެއްޓިފައިވާ ފުން ވަޅުގަނޑުން އަރައިގަތުމަށްޓަކައި އައިއެމްއެފް އިން 3 ބިލިއަން ޑޮލަރުގެ އެހީއެއް އަންނަ ސެޕްޓެމްބަރު ގައި ދޭގޮތަށް އެއްބަސްވެވިފައިވާއިރު ، ޗައިނާ އިންޑިޔާ އަދި ޖަޕާނުނަށް ދަރާފައިވާ ބޮޑެތި އަދަދު ތަކުގެ ސަބަބުން ޤައުމު ހާލަތު ދެންބައްޓަންވާނެ ގޮތަކާއި މެދުވަނީ ސުވާލެއް އުފެދިފައެވެ.
- ޒެމްބިއާ
ޒެމްބިޔާގެ ދަރަނި 13 ބިލިއަން ޑޮލަރަށް އަރާފައިވާއިރު އެކަމުގެ ސަބަބެއް ކަމުގައި ހުޅަނގުގެ ފަރާތްތަކުން އަޅުވަނީ ޗައިނާގެ ބޮލުގައެވެ. އަދި ޒެމްބިއާއާއި ޗައިނާއާއި ދެމެދު ކުރެވިފައިވާ ގިނަ މާސިންގާ މަސައްކަތަށްފަހު އުފެދިފައިވާ ހަމަނުޖެހުމުގައި “ގެއްލުމުގެބަދަލު” އެއީ ޒެމްބިޔާ އަށް ނުއުފުލޭވަރުގެ ބުރައެއްކަމުގައި ބެލެވޭ ކަމަށެވެ.
- ލެބަނާން
ލެބަނާނަށް ދިމާވި ދަރަނީގެ ގޮންޖެހުމުގެ އަސްލަކީ 2019 ގައި ޤައުމު ހިންގުން ބޮއްސުންލާގޮސް އުފެދިގެން ދިޔަ ކޮރަޕްޝަންގެ މައިގަޑު ސަބަބެއްގެ ގޮތުގައެވެ. މި ދިޔަ އަހަރުގެ އެޕްރީލްމަހު އައިއެމްއެފް އިން ވަނީ ޕްރޮވިޝަނަލް އެގްރީމެންޓެއްގެ ދަށުން 3 ބިލިއަން ޑޮލަރު އެހީގެ ގޮތުގައި ދިނުމަށް އެއްބަސްވެފައެވެ.
- ގާނާ
ގާނާ ގެ ދަރަނި އިތުވެ، ދައުލަތަށް ލިބުނު އާމްދަނީގެ %40 މިދިޔަ އަހަރު ހޭދަކޮށްފައިވަނީ ދަރަނި ދެއްކުމަށެވެ. މިއާއިއެކު އައިއެމްއިފް އިން 3 ބިލިއަން ޑޮލަރުގެ އެހީއެއް ދިނުމަށް މިހާރުވަނީ އެއްބަސްވެފައެވެ.
- ޕާކިސްތާން
ހުސްވި އަހަރު ކާބޯތަކެތީގެ ތަދުމަޑުކާމާއި ކުރިމަތިވެ ، ހަމަ އެދަނޑިވަޅު ސިޔާސީ ކޯޅުންތަކުން ޤައުމުގެ އިޤްތިޞާދު ހީނުކުރާވަރު އަޑިގަނޑަކަށް ދިޔައެވެ. ބޭޤަރާރުވާ މިންވަރަށް އިޤްތިޞާދީ ޙާލަތު ދިއުމުން އައިއެމެއެފް އިން ވަނީ 1.1 ބިލިއަން ޑޮލަރު ޕާކިސްތާނަށް ދީފައެއެވެ. ފައިނޭންސަލް މިނިސްޓަރ އިސްޙާޤް ދާރ ވިދާޅުވެފައިވާ ގޮތުގައި ޗައިނާއިންވަނީ 700 ބިލިއަން ޑޮލަރުގެ ލޯނެއް ދިނުމަށް ވަޢުދުވެފައެވެ. މިއާއި އެކު އުފެދޭ ސުވާލަކީ %70 ނުރައްކާ ޒޯނުގައި އޮތް ހާލަތުގައި ދައުލަތުގެ އާމްދަނީގެ ދެބައިކުޅައެއްބައި ލޯނުދެއްކުމަށް ޙަރަދު ކުރަން ޖެހޭހިނދު ކުރިމަތިވާނޭ ނާމާން ކަމާއެވެ.
- މިސުރު
ކާބޯތަކެއްޗާއި ޒަރޫރީ ވަސީލަތުގެ އަގ އުފުލެން ފަށާފައިވަނީ ކޮވިޑާއި ގުޅިގެން އައި ތަދުމަޑު ކަމުގެ ތެރޭގައެވެ. މިކަމުން ސަލާމަތް ވުމަށް އައިއެމްއެފް އިން އަންނަ ޑިސެމްބަރ ގައި 3 ބިލިއަން ޑޮލަރު ދޭ ގޮތަށް ހަމަޖެހިފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. މިސުރުގެ ފައިސާގެ އަގު ތިންގުނަ 2022 މާރޗް ގައި ވެއްޓުމަށްފަހު ނިމިގެން ދިޔަ އަހަރެއްހާ ދުވަހު ވަނީ 50% ވަނީ ފައިސާގެ ބާރުގޮސްފައެވެ. 104 މިލިއަން ރައްޔިތުން ދިރިއުޅޭ ޤައުމަކަށް މިކަން ވެގެންގޮސްފައިވަނީ ތަހައްމަލު ކުރަން އިންތިހާ އަށް ދަތި ކަމަކަށެވެ. މިކަމުން ސަލާމަތް ވުމަށްޓަކައި ސަރުކާރުންވަނީ 1.5 ބިލިއަން ޑޮލަރުގެ ސުކުކް (ބޮންޑް) ހުސްވި ހަފްތާގައި ވިއްކާފައެވެ. އައިއެމްއެފް ޤަބޫލު ކުރާގޮތުގައި 14 ބިލިއަން ޑޮލަރު އެހެނިހެން ގޮތްގޮތުން ނުލިބި މިސުރުގެ ދަރަންޏާއި ، ދައުލަތް ބަނގުރޫޓުވުމުން ސަލާމްތަ ނުކުރެވޭނެ ކަމަށެވެ.
- ތޫނީސިއާ
އިޤްތިޞާދީ ގޮތުން އެންމެ ބޮޑު ގޮންޖެހުމަކާއި ކުރިމަތި ކުރުވީ ކާބޯތަކެތި ލިބުން ދަތިވެ، ތަކެތީގެ އަގު އުފުލިގެން ދިއުމުންނެވެ. ކާބޯތަކެއްޗާއި ޒާރޫރީ ބިލު ތަކަށް ދެވިފައިވާ ސަބްސިޑަރީ ކަނޑާލަން މަޖުބޫރުވާ ހާލަތަށް ދިއުމުން އައިއެމްއެފް ގެ ލޯނު އެހީގެ ގޮތުގައި 1.9 ބިލިއަން ޑޮލަރު ލިބުމަށް ސަރުކާރުން ވަނީ އެދިފައެވެ.
- މަލާވީ
ބޭރުފައިސާ ލިބުމުގެ ދަތިކަމާއި ކުރިމަތިލާން ޖެހުމުން މަލާވީ ގެ އިޤްތިޞާދު އިންތިހާ އަށް ހީނަރުވެގެން ދިޔައެވެ. މިގޮތުން އިތުރަށް އިޤްތިޞާދު ރަނގަޅު ކުރެވޭނީ އައިއެމްއިން ނުވަތަ ހިލޭ އެހީ އެކި ޤައުމުތަކުން ލިބިގެން ކަމުގައި އެޤައުމުގެ ސަރުކާރުން ހާމަކުރެއެވެ.
- އެލް ސަލްވަޑޯ
ސެޕްޓެމްބަރ 2021 ގައި ބިޓްކޮއިން އަކީ ޤާނޫނީ ގޮތުން ބަލައިގަންނަ ފައިސާއެއްގެ ގޮތުގައި އެ ޤައުމުން ނިންމުމާއި ގުޅިގެން އައިއެމްއެފް ގެ ފައިސާގެ ދޮރުބަންދު ކުރެވިފައެވެ. ސަރުކާރުން މިނެގި ރިސްކްގެ ނަތީޖާ އަކީ އިޤްތިޞާދީގޮތުން ހީނަރުވެފައިވާ މިދަނޑިވަޅު އައިއެމްއެފް އާއިއެކު އިތުރު އެއްބަސްވުން ތަކަކަށް ދާންޖެހުމެވެ. މިއަހަރުގެ ޖެނުއަރީ މަހުގައި 600 މިލިއަން ޑޮލަރުގެ ޕޭމަންޓެއް ދައްކާ ހަލާސްކޮށްލުމަކީވެސް ފައިސާގެ ގޮތުން މިއަދު އެލް ސަލްވަޑޯ އަށް ގޮންޖެހުން ތަކާއި ކުރިމަތިލާން ޖެހުނު ސަބަބެއް ކަމުގައިވިއެވެ.
ދިވެހިރާއްޖެ އޮތް ހިސާބު
( މަޢުލޫމާތު : tradingeconomics.com )
- 2023 ވަނަ އަހަރު ވަނީ 3.7 މިލިއަން ޔޫއެސް ޑޮލަރަށް ދަރަނި ބޮޑުވެފައެވެ.
- 2024 ގެ އެޕްރީލް މަހާއި ހަމައަށް ޒިޔާރަތް ކުރި ފަތުރުވެރިން ވަނީ 2023 ވަނަ އަހަރުގެ އެޕްރީލާއި ހަމައަށް ޒިޔާރަތް ކުރި ފަތުރުވެރިންނާއި އަޅާބަލާއިރު ދައްށްވެފައެވެ. ( 2023 އާއި ހަމައަށް 194227 ފަތުރުވެރިން – 2024 އެޕްރީލާއި ހަމައަށް 168366 ފަތުރުވެރިން )
- 2008 ގައި މަލްޓި ޕާޓީ ޑިމޮކްރަސީ އެއް އައުމަށްފަހު ދައުލަތުން ވިޔާފާރިތަކުގެ ތެރެއަށްވަނުން ވަނީ އިތުރުވެފައެވެ. އަދި ފަހަކަށް އައިސް ވަނީ ދައުލަތުން ވިޔާފާރިތައް ފުޅާކޮށް އާއްމު ވިޔާރިތަކުގެ ތެރެއިން ބައެއް ވިޔާފާރިތައ މުޅިންހެން ޕްރައިވެޓް ސެކްޓަރ އިން (އާއްމު ފަރުދުންގެ އަތުން) ނެތިދިއުމުގެ ބިރު އުފެދިފައެވެ.
- ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނި ތަކުގެ މުއައްޒަފުންގެ ގޮތުގައި މަސައްކަތް ކުރުމަށް ދިވެހިން އިތުރު ވުމުގެ ނަތީޖާ އަކީ ފަރުދުންގެ މަސައްކަތް (ޕްރައިވެޓް ސެކްޓަރ ގެ ވިޔާފާރިތަކުގައި) މަސައްކަތް ކުރާނޭ މުއައްޒަފުންގެ ދަތިތަކާއި ކުރިމަތިލާންޖެހުމެވެ. މިކަމުގެ ސަބަބުން ބޭރުމީހުން ވަޒީފާއަށް އިތުރުވެ މުއައްޒަފުންނަށް ދެވޭ މުސާރައިގެ ގޮތުގައި ބޮޑުބައެއް ޤައުމުން ބޭރަށް ނުކުމުގެން ދެއެވެ.
- ކުދި އަދި މެދުފަންތީގެ ވިޔާފާރި ތަކަށް ލޯނުގެ ގޮތުގައި ފައިސާ ދޫކުރާ ބޭންކް ” އެސްޑީއެފްސީ” މިއަދާއި ހަމައަށްވެސް ލޯނުތައް ދޫނުކޮށް 2023 ގެ ނޮވެމްބަރ މަހުން ފެށިގެން ބަންދުކުރެވިފައިވާ ބަންދު ކުރުމަކީ ކުދި އަދި މެދުފަންތީގެ ސިނާޢަތަށް ވަރަށް ބޮޑަށް އޭގެ ނޭދެވޭ އަސަރު ކޮށް ކުދި އަދި މެދުފަންތީގެ ވިޔާފާރިތައް މުޅިންހެން ހުއްޓުމަކަށް މިއަދު އައިސްފައިވާ އެއްސަބަބެވެ.
- މަސްވެރިން ބާނާ މަހަށް އަގު ނުލިބުމާއި، މަސްވެރިކަމުގެ ތެރޭގައި އުޅުނު ޕްރައިވެޓް ގިނަކުންފުނި ތަކެއް “މިފްކޯގެ” ވިޔާފާރީގެ ސިޔާސަ އުޞޫލު ތަކުގެ ސަބަބުން މީގެ އަހަރުތަކެއްގެ ކުރިން ބަނގުރޫޓު ވެފައި ވުމުގެ ނަތީޖާ އަކީ މަސްވެރިކަމުން ޤައުމަށް އާމްދަނީ ލިބެން އޮތް ގިނަ ދޮރުތަކެއް ބަންދުވެފައި އޮތްކަމެވެ.
މިއަދު އާދެވިފައި ހިސާބުން ދިވެހިރާއްޖެ ބަނގުރޫވެ ، ދަރަނިން އަރައި ނުގަނެވޭނޭ މިންވަރަށް ހިނގައިދާނެ ކަމަށް މުޅިންހެން ނިންމަން އެއީ އެހާ ދަތިކަމަކަށް ނުވެދާނެއެވެ. ނަމަވެސް ސަރުކާރުން ޤައުމުގެ އުފެއްދުންތެރިކަން އިތުރު ކުރުމަށް މަސައްކަތް ފަށައިފި ނަމަ އެއީ މުޅި ސައުތު އޭސިޔާ ބައްރުގައި އޮތް އެންމެ ވަރުގަދަ އިޤްތިޞާދަށް ވުމުގެ ފުރުޞަތު އިންތިހާ އަށް ހުޅުވިފައި އެބައޮތެވެ.
ޔޫސުފް ޔޫޝަޢު އަކީ ނޫސްވެރިކަމާއި ލިއުންތެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާތާ 20 އަހަރަށްވުރެ ގިނަދުވަސްވެފައިވާ ފަރާތެކެވެ. މިގޮތުން ޔޫސުފް ޔޫޝައު ނެރެފައިވާ ފޮތް “ހެޔޮވެރިކަމެއްގެ ނިމުން” މިފޮތަކީ ސިޔާސީ ގޮތުން ފާހަގަ ކޮށްލެވޭ ފޮތެކެވެ.
Leave a Reply