ތަލްމުދީ ނަމާދާއި ގާތަކުން އަރައިގަތުން… ފަލަސްތީނުގެ އަވަށު “ރަބާ” އަށް ނިދިއެއް ނޭނގެ

އަލްޖަޒީރާ

ހުޅަނގު އައްސޭރީގެ އުތުރުގައި އޮންނަ ޖެނިންގެ އިރުމަތީ އަވަށެއް ކަމަށްވާ “ރަބާ” ގެ ރައްޔިތުން، ޔަހޫދީ ވަޒަންވެރިންގެ ނުރައްކާތެރި ހަމަލާތަކާއި ދީނީ ހަރުކަށި އަމަލުތަކުގެ ސަބަބުން ބިރުވެރިކަމެއްގެ ތެރޭގައި ދިރިއުޅެން ޖެހިއްޖެއެވެ. ފާއިތުވި ދެ އަހަރެއްހާ ދުވަހު، މި އަވަށުގެ ދަނޑުވެރިއެއް ކަމަށްވާ ފަދުލް ނަވާޖުއާ އާއި އޭނާގެ އާއިލާއަށް ހަމަޖެހިލައިގެން ނިދާލެވޭނެ އެންމެ ރެއެއްވެސް ނުދެއެވެ.

މި ހާލަތު ގޯސްވާން ފެށީ އަވަށާ ކައިރީގައި އޮތް ފަރުބަދައެއްގައި މަދު ވަޒަންވެރިންތަކަކާއެކު އުފެއްދި “ޕެސްޓޯރަލް އައުޓްޕޯސްޓް”، ރެކޯޑް ވަގުތެއްގެ ތެރޭގައި “ހަރު ބެޒެކް” ކިޔާ ރަސްމީ އާބާދީއަކަށް ބަދަލުވުމާ ގުޅިގެންނެވެ. ވަޒަންވެރިން މިހާރު ދަނީ ފަލަސްތީނު މީހުންގެ ބިންތަކަށް ވެރިވެގަނެ، އެމީހުންގެ ޒައިތޫނި ގަސްތަކުގެ ތެރޭގައި ޔަހޫދީންގެ ދީނީ ނަމާދެއް ކަމަށްވާ “ތަލްމުދީ” ނަމާދުކޮށް، އެ ބިމަކީ އެމީހުންގެ ދީނީ ބިމެއް ކަމަށް ދައުވާ ކުރަމުންނެވެ.

ނަވާޖު ބުނި ގޮތުގައި، އޭނާގެ އާއިލާ ރައްކާތެރިކުރުމަށްޓަކައި ގެޔާއި ބިން ވަށައިގެން އުސް ފެންސެއް ޖެހި ނަމަވެސް، އެ ފެންސު މިހާރު ބަދަލުވެފައިވަނީ އޭނާގެ އާއިލާ ބަންދުވެފައިވާ ޖަލަކަށެވެ. ވަޒަންވެރިން ކޮންމެ ދުވަހަކު އައިސް ދަނޑުތަކަށް ގާ އުކައި، ދަނޑުވެރިކަން ހަލާކުކޮށްލާއިރު، ރެއާއި ދުވާލު ތަފާތު ނުވާ މިންވަރަށް ހަމަލާތަކުގެ ބިރުވެރިކަން އޮވެއެވެ. މިކަމުގެ ސަބަބުން އޭނާގެ ދިރިއުޅުމުގެ ވަސީލަތް ކަމުގައިވާ ބިކަރުތައް (ބަކަރިތައް) ވެސް ވަނީ ވިއްކާލަން މަޖުބޫރުވެފައެވެ. “އަހަރެންގެ ދަރިއަކު ވަޒަންވެރިއެއްގެ ވަޒަނުން މަރުވާން އަހަރެން ބޭނުމެއް ނޫން،” އޭނާ ހިތާމައާއެކު ބުންޏެވެ.

ރަބާ ރަށު ކައުންސިލްގެ ވެރިޔާ ޣައްސާން ބަޒޫރު ވިދާޅުވި ގޮތުގައި، ޖޫން 25، 2024 ގައި ރަސްމީކޮށް ބިންތައް އަތުލުމުގެ ނިންމުމެއް ނިންމުމަށްފަހު، “ޖަބަލް އަލް ސަލްމާ” ސަރަހައްދުގައި ވަޒަންވެރިންގެ އުދުވާންތައް ވަނީ އިތުރުވެފައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ވަޒަންވެރިން މިހާރު މަސައްކަތް ކުރަނީ ދީނީ ފޮތްތައް ހިފައިގެން އައިސް ނަމާދުކޮށް، އެތަނަކީ އާސާރީ ގޮތުން ޔަހޫދީންގެ ތަނެއްކަން ދެއްކުމަށް “އާ ވާހަކައެއް” އުފެއްދުމަށެވެ. ނަމަވެސް ތާރީޚީ ގޮތުން އެތަނުގައި އެފަދަ އެއްވެސް ނިޝާނެއް ނެތްކަން އޭނާ ކަށަވަރުކޮށްދެއްވިއެވެ.

މި ހަމަލާތަކުގައި ވަޒަންވެރިން ބޭނުންކުރަނީ އިސްރާއީލު ސިފައިން ބޭނުންކުރާ ފަދަ ވަރުގަދަ ހަތިޔާރުތަކެވެ. ކޮމިއުނިޓީ ޕްރޮޓެކްޝަން ކޮމިޓީގެ އޮފިޝަލް ސަމަރ ބަޒޫރު ބުނި ގޮތުގައި، ވަޒަންވެރިން ދަނޑުވެރިންނަށް ސީދާ ބަޑިޖަހައި، ގެތަކުގައި ރޯކޮށް، މުދަލަށް ގެއްލުން ދެމުންދަނީ ސިފައިންގެ ފުރިހަމަ ހިމާޔަތުގައެވެ.
ފަލަސްތީނުގެ ވޯލް އެންޑް ސެޓްލްމަންޓް ރެސިސްޓެންސް ކޮމިޝަނުން ހާމަކުރި ގޮތުގައި، ޣައްޒާ ހަނގުރާމަ ފެށުނު ފަހުން ހުޅަނގު އައްސޭރީގައި ވަޒަންވެރިންގެ ހަމަލާތައް ވަނީ އިންތިހާއަށް އިތުރުވެފައެވެ. އެގޮތުން ހަމައެކަނި އޭޕްރީލް މަހުވެސް 540 ހަމަލާ ދީފައިވާއިރު، މި އަހަރުގެ މިހާތަނަށް ވަޒަންވެރިންގެ ހަމަލާތަކުގައި 15 ފަލަސްތީނު މީހުން ވަނީ ޝަހީދުވެފައެވެ.

Be the first to comment

Leave a Reply

Your email address will not be published.


*