ނޭމާ ޖޫނިއާ: ފުޓްބޯޅައިގެ ކާމިޔާބީތަކާއެކު އިންސާނިއްޔަތަށް ހުޅުވާލެވިފައިވާ މަނަވަރެއް

ކިޔާލާ.ކޮމް ( ނޭމާރ ޖޭ.އާރް)

ދުނިޔޭގެ ފުޓްބޯޅައިގެ ރަސްގެފާނު ޕެލޭއާ ގާތް ގުޅުމެއް އޮންނަ، ބްރެޒިލްގެ ގައުމީ ޓީމާއި ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީ.އެސް.ޖީ) ގެ ތަރި ނޭމާ ޖޫނިއާ އަކީ ހަމައެކަނި ދަނޑުމަތީގެ ހުނަރުވެރިއެއް ނޫނެވެ. އޭނާއަކީ އިޖުތިމާއީ އަދި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައިވެސް ނަމޫނާ ދައްކަމުން އަންނަ ޝަހުސިއްޔަތެކެވެ.

އުމުރުން އެންމެ 17 އަހަރުގައި ބްރެޒިލްގެ ސަންޓޯސް ކްލަބުން ފެށި އޭނާގެ ފުޓްބޯޅަ ކެރިއަރުގައި ވަނީ ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައެވެ. އެގޮތުން 2011 އަދި 2012 ވަނަ އަހަރު ސައުތު އެމެރިކަން ފުޓްބޯލަރ އޮފް ދަ އިޔަރގެ މަގާމު ހޯދިއިރު، 2013 ވަނަ އަހަރު ބާސެލޯނާއާ ގުޅި، ލަލީގާ، ކޮޕާ ޑެލްރޭ އަދި ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރިއެވެ. 2015 ވަނަ އަހަރު ފީފާގެ ބެލޮން ޑިއޯ އެވޯޑްގައި ވެސް އޭނާ ވިދާލިއެވެ.

ބްރެޒިލްގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ޝަރަފު އޮތް ނޭމާ ވަނީ 2016 ވަނަ އަހަރުގެ އޮލިމްޕިކްސްގައި ބްރެޒިލަށް ރަން މެޑަލް ހޯދައިދިނުމުގައި ކެޕްޓަނެއްގެ ގޮތުން އިސް ދައުރެއް އަދާކޮށްފައެވެ. އޭނާގެ މަގުބޫލުކަން ހުރި މިންވަރަކީ، 2016 ވަނަ އަހަރު އީ.އެސް.ޕީ.އެން އިން ހޮވި ދުނިޔޭގެ ހަތަރުވަނައަށް އެންމެ މަގުބޫލު އެތުލީޓުގެ މަގާމު ލިބުމެވެ.

ފުޓްބޯޅައިގެ ބޭރުން ނޭމާ ކުރަމުންދާ އެންމެ މުހިންމު މަސައްކަތަކީ 2014 ވަނަ އަހަރު އޭނާ އުފެއްދި “އިންސްޓިޓިއުޓޯ ޕްރޮޖެޓޯ ނޭމާ ޖޫނިއާ” (އައި.އެން.ޖޭ.އާރު) އެވެ. މިއީ ބްރެޒިލްގެ ފަގީރު އާއިލާތަކަށް އަމާޒުކޮށްގެން ހިންގާ މަދަނީ ޖަމިއްޔާއެކެވެ. މި ޖަމިއްޔާ މެދުވެރިކޮށް ހަތް އަހަރާއި 17 އަހަރާ ދެމެދުގެ އެތައް ހާސް ކުދިންނަކަށް ތައުލީމާއި، ކުޅިވަރާއި، ސިއްހީ އަދި ދަތުގެ ފަރުވާގެ އިތުރުން ޕްރޮފެޝަނަލް ކޯސްތައް ހިލޭ ފޯރުކޮށްދެއެވެ. މި ބޮޑު މަޝްރޫއު ކުރިއަށް ގެންދަނީ ނޭމާގެ އަމިއްލަ ވަސީލަތްތަކާއި އެކި ޖަމިއްޔާތަކުގެ އެހީތެރިކަމާއެކުގައެވެ.

މީގެ އިތުރުން، އުމުރުން 24 އަހަރުގައި ނޭމާ ވަނީ އދ.ގެ މައި މަރުކަޒުގައި ‘ހެންޑިކެޕް އިންޓަނޭޝަނަލް ފްރާންސް’ ގެ އެމްބެސެޑަރަކަށް އައްޔަންކުރެވިފައެވެ. މިއީ ތަރައްގީވަމުން އަންނަ ގައުމުތަކުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީތެރިވާ ޖަމިއްޔާއެކެވެ. އޭނާ އަކީ މޭކް-އަ-ވިޝް ފަދަ ޖަމިއްޔާތަކަށް އެހީތެރިވުމާއި، ބަލިމަޑުކަމުން ރައްކާތެރިވުމަށް ހިންގާ ކެމްޕޭންތަކުގައިވެސް އިސް ސަފުގައި ހަރަކާތްތެރިވާ ފަރާތެކެވެ.

ޚާއްސަގޮތެއްގައި 2014 ވަނަ އަހަރު “އެޓިޓިއުޑް އަބްރިލް” ކެމްޕެއިން މެދުވެރިކޮށް އެޗް.އައި.ވީ އިން ރައްކާތެރިވުމާއި، ޓެސްޓް ކުރުމުގެ މުހިންމުކަން އަންގައިދީ، މުޖުތަމައުގައި އެފަދަ ބަލިމީހުންނާ މެދު ކުރާ ތަފާތުކުރުންތައް ނައްތާލުމަށް އޭނާ ވަނީ އަޑުއުފުލާފައެވެ. މިއީ ނޭމާ ޖޫނިއާގެ ކާމިޔާބީގެ މަނަވަރުގެ ފަހަތުގައިވާ އިންސާނިއްޔަތުގެ ފުން މިސާލުތަކެކެވެ.

 

Be the first to comment

Leave a Reply

Your email address will not be published.


*