ދިވެހިންގެ މެދުގައި މިހާރު އެންމެ މަގުބޫލު އެއް ލަވަ ކަމަށްވާ “މަޑުމަޑުން ނޯވެ އެންދެރި” ޓެލެވިޝަން މޯލްޑިވިސް (ޓީވީއެމް) އިން ގެނެސްދޭ “ހޭޔަންބޯ” ހިޓް ޗާޓުގެ ގަދަ ހަތަރަކުން ޖާގަ ހޯދައިފިއެވެ.
އެންދެރި ބޮޑުބެރު ގްރޫޕުން ހުށަހަޅައިދޭ މި ލަވަޔަކީ މިއަހަރުގެ އަލްހާ އީދާ ދިމާކޮށް އާންމުންނަށް ދޫކޮށްލި ލަވައެކެވެ. ލަވަ ނެރުނުތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މި ލަވަ ވަނީ ދިވެހި ކޮންމެ ގެއެއްގެ ތެރޭގައިވެސް ގުގުމާލާފައިވާ، އެންމެންނަށް ފަރިތަ މަގުބޫލު ލަވައަކަށް ވެފައެވެ.
“ހޭޔަންބޯ” ހިޓް ޗާޓަކީ ރާއްޖޭގައި މިވަގުތު ހުރި އެންމެ މަގުބޫލު ލަވަތައް ރޭންކް ކުރާ ޕްރޮގްރާމަކަށްވާއިރު، އެންދެރި ގްރޫޕްގެ މި ލަވަޔަށް ލިބެމުންދާ ތަރުހީބު ދުވަހުން ދުވަހަށް އަންނަނީ އިތުރުވަމުންނެވެ. ލަވައިގެ ފޯރިގަދަ ރިދަމާއި، މިއުޒިކްގެ ސަބަބުން ކުދި ބޮޑު އެންމެންގެ މެދުގައި މި ލަވަ ވަނީ ހިޓަކަށް ވެފައެވެ.
އެންދެރި ބޮޑުބެރު ގްރޫޕުން މައުލޫމާތު ދޭ ގޮތުގައި، މި ލަވަޔަށް އާންމުންގެ ފަރާތުން ލިބެމުންދާ ބޮޑު ތަރުހީބަކީ އެ ގްރޫޕަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. އަދި ހޭޔަންބޯ ޗާޓުގެ ގަދަ 4 ގައި މި ލަވަ ހިމެނުމަކީ ލަވައިގެ މަގުބޫލުކަން ހާމަވާ އަލިގަދަ ހެއްކެކެވެ.
Leave a Reply