އެމެރިކާގެ ސްޓޮކް މާކެޓް، ވޯލް ސްޓްރީޓުން ތާރީޚުގައި ފެންނާނެ އެންމެ ބޮޑު “އިނިޝިއަލް ޕަބްލިކް އޮފަރިން” (އައިޕީއޯ) ނުވަތަ އާންމުންނަށް ހިއްސާ ވިއްކުމުގެ މުއާމަލާތްތަކަކަށް ތައްޔާރުވަމުން އެބަދެއެވެ. ކުރިއަށް އޮތް މަސްތަކުގައި ސްޕޭސްއެކްސް، އެންތްރޮޕިކް އަދި އޯޕަންއޭއައި ފަދަ ބޮޑެތި ކުންފުނިތައް ލިސްޓްކުރުމާއެކު، މާކެޓް ކެޕިޓަލައިޒޭޝަނަށް 4 ޓްރިލިއަން ޑޮލަރު އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.
އިނގިރޭސިވިލާތުގެ މަޝްހޫރު މަޖައްލާ “ދަ އިކޮނޮމިސްޓް” އިން ޝާއިއުކުރި ރިޕޯޓެއްގައިވާ ގޮތުން، ޖައްވީ ދާއިރާގެ މަސައްކަތްތަކަށް ޚާއްސަ ސްޕޭސްއެކްސް އިން މި މަހު ނަސްޑޭކް (Nasdaq) ސްޓޮކް އެކްސްޗޭންޖުގައި ހިއްސާ ވިއްކައިގެން ގާތްގަނޑަކަށް 75 ބިލިއަން ޑޮލަރު ހޯދުމަށް ވަނީ ރާވާފައެވެ. މީގެ އިތުރުން، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަށް ޚާއްސަ ދެ ކުންފުނި ކަމަށްވާ އެންތްރޮޕިކް އާއި އޯޕަންއޭއައި އިން ތައްޔާރުވަމުންދާ އައިޕީއޯތަކުގެ އަގު، ކޮންމެ ކުންފުންޏަކަށް 60 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވެއެވެ
އައިޕީއޯ އަކީ އަމިއްލަ ކުންފުންޏެއް ޕަބްލިކް ކުންފުންޏަކަށް ބަދަލުވެ، އެ ކުންފުނީގެ ހިއްސާ އާންމުންނަށް ސްޓޮކް އެކްސްޗޭންޖުގައި ގަނެވިއްކުމުގެ ފުރުސަތު ހުޅުވާލުމެވެ. މި ބޮޑެތި ހުށަހެޅުންތަކުގެ ސަބަބުން މާކެޓަށް ބުރޫއަރާފާނެ ކަމުގެ ކަންބޮޑުވުންތައް ހުރި ނަމަވެސް، އެމެރިކާގެ މާކެޓުގެ ފުޅާކަމާއި ލިކުއިޑިޓީގެ ސަބަބުން މި ލިސްޓިންތަކަށް ކުރު މުއްދަތެއްގައި ބޮޑެތި ދަތިތަކެއް ކުރިމަތިނުވާނެ ކަމަށް ރިޕޯޓުގައިވެއެވެ.
ލިމިޓެޑް އިމްޕެކްޓް
މާކެޓުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރަސަލް 3000 އިންޑެކްސްގައި ލިސްޓްކޮށްފައިވާ ކުންފުނިތަކުގެ ޖުމްލަ އަގު 79 ޓްރިލިއަން ޑޮލަރަށް އަރާއިރު، އެސް އެންޑް ޕީ 500 (S&P 500) ގެ އަގަކީ 69 ޓްރިލިއަން ޑޮލަރެވެ. އެމެރިކާގެ ގިނަ އިންޑެކްސްތަކުގައި ކުންފުނިތަކުގެ ބަރުދަން ކަނޑައަޅަނީ ހަމައެކަނި ވިޔަފާރިކުރަން ލިބޭ ހިއްސާގެ ނިސްބަތަށް ބަލައިގެން ކަމަށްވާތީ، އިންވެސްޓްމަންޓް ފަންޑުތަކަށް ކުރާ ފުރަތަމަ އަސަރު ކުޑަވާނެއެވެ. މިސާލަކަށް، ސްޕޭސްއެކްސްގެ މުޅި ކުންފުނީގެ އަގު 1.75 ޓްރިލިއަން ޑޮލަރަށް އެރި ނަމަވެސް، އެސް އެންޑް ޕީ 500 އިންޑެކްސްގައި އޭގެ ބަރުދަން ހުންނާނީ އެންމެ %0.1 ގައެވެ.
އިކޮނޮމިސްޓް ރިޕޯޓުން ދައްކާ ގޮތުގައި، އެންމެ ބޮޑު އަސަރެއް ކުރާނީ ކުންފުނީގެ ފައުންޑަރުންނާއި ކުރީގެ އިންވެސްޓަރުންގެ ހިއްސާ ވިއްކުން މަނާކޮށްފައިވާ “ލޮކްއަޕް” މުއްދަތު ހަމަވުމުންނެވެ. ސްޕޭސްއެކްސްގެ ހާލަތުގައި، އެލޮން މާސްކް ފަދަ ބޮޑެތި އިންވެސްޓަރުންގެ ހިއްސާ ވިއްކުން އަހަރަކަށްވުރެ ގިނަ ދުވަހަށް ހިފެހެއްޓިފައި ހުރުމުގެ ފުރުސަތު ބޮޑެވެ.
އެސެސްމަންޓް ރިސްކްތައް
މި އައިޕީއޯތަކާ މެދު ބޮޑު އުންމީދެއް އޮތް ނަމަވެސް، ތާރީޚުން ފެންނަން އޮތީ މެގަ އޮފާތަކަކީ އިންވެސްޓަރުންނަށް އަބަދު ފައިދާހުރި ކަމެއް ނޫން ކަމެވެ. ޔުނިވާސިޓީ އޮފް ފްލޮރިޑާގެ މާލީ މާހިރު ޖޭ ރިޓާ ކުރި ދިރާސާއަކުން ދައްކާ ގޮތުގައި، 1980 އާއި 2024 އާ ދެމެދު އައިޕީއޯ ކުރި ކުންފުނިތަކުގެ ތިން އަހަރުގެ ޕާފޯމަންސް މާކެޓަށްވުރެ %20 ދަށެވެ. އަދި އާމްދަނީގެ 40 ގުނައަށްވުރެ ބޮޑު ވެލިއުޝަންތަކުގައި ލިސްޓްކުރި ކުންފުނިތަކުގެ ޕާފޯމަންސް %58 ދަށެވެ. ސްޕޭސްއެކްސްގެ ވެލިއުޝަން އާމްދަނީގެ 90 ގުނައަށް އަރާތީ، އެއީ ނުރައްކާ ބޮޑު ކެޓަގަރީއެކެވެ.
މީގެ އިތުރުން، އިންވެސްޓަރުންގެ ޝައުގުވެރިކަން ހަމައެކަނި އޭއައި ދާއިރާއަށް ހުއްޓިފައި ހުރުމަކީވެސް ނުރައްކަލެކެވެ. މިހާރުވެސް އެސް އެންޑް ޕީ 500 ގެ މާކެޓް ވެލިއުގެ %40 ހިއްސާކުރަނީ އޭއައިއާ ގުޅުންހުރި ބޮޑު 10 ކުންފުންޏެވެ. އެހެންކަމުން، މި ދާއިރާގެ ޕާފޯމަންސް ދަށްވުމަކީ މުޅި މާކެޓަށް އޭގެ ނޭދެވޭ އަސަރު ފޯރާނެ ކަމެކެވެ.
ފައިނޭންސިންގ ޝިފްޓް
ތަހުލީލު ކުރާ ފަރާތްތަކުން ދެކޭ ގޮތުގައި، މިއީ އެމެރިކާގެ މާލީ ބާޒާރަށް އަންނަ ބޮޑު ބަދަލެއްގެ ފެށުމެވެ. މީގެ ކުރިން ބޮޑެތި ޓެކް ކުންފުނިތަކުން ފައިސާ ބޭނުންކުރީ އަމިއްލަ ހިއްސާ އަނބުރާ ގަތުމަށެވެ. ނަމަވެސް މިހާރު އެ ފައިސާ އަމާޒުކުރަނީ އޭއައި މޮޑެލްތަކާއި ޑޭޓާ ސެންޓަރުތައް ފަދަ އިންފްރާސްޓްރަކްޗާ ތަރައްގީކުރުމަށެވެ. މި ބޮޑެތި އިންވެސްޓްމަންޓްތަކަށް ފައިސާ ހޯދުމަށް ކުންފުނިތަކުން ދަނީ ބޮންޑާއި ސްޓޮކް މާކެޓަށް އެނބުރެމުންނެވެ.
އިކޮނޮމިސްޓްގެ ރިޕޯޓު ނިންމާލަމުން ބުނެފައިވަނީ، ކައިރި މުސްތަގުބަލެއްގައި މި ބޮޑެތި އައިޕީއޯތަކުގެ ސަބަބުން އިންވެސްޓަރުންނަށް ގޮންޖެހުންތަކެއް ކުރިމަތިވެ، ހިއްސާގެ ސަޕްލައި އިތުރުވުމާއެކު މާކެޓަށް ޕްރެޝަރު ބޮޑުވެދާނެ ކަމަށެވެ.
Leave a Reply