ލޭ ޖަހާފައިވާ ކައިވެނީގެ ސޫޓެއް… އިސްރާއީލުގެ ހަމަލާއަކުން ފަލަސްތީނުގެ ކައިވެނީގެ ތައްޔާރީތައް ޖަނާޒާއަކަށް ބަދަލުވެއްޖެ

ފޮޓޯ : އަލްޖަޒީރާ

ޣައްޒާ، ފަލަސްތީން – އިސްރާއީލުގެ ލާނުސާނީ އުދުވާނުގެ ސަބަބުން ފަލަސްތީނުގެ އިތުރު ޒުވާނެއްގެ އުއްމީދުތައް ފުނޑުފުނޑުވެ، އުފާވެރި ކައިވެނީގެ ހަފުލާއެއް ހިތާމަވެރި ޖަނާޒާއަކަށް ބަދަލުވެއްޖެއެވެ. ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސް ސިޓީގައި ދިރިއުޅެމުންދިޔަ ޒުވާން މުހަންނަދު ފަރުވާނާ ޝަހީދުވީ، އޭނާގެ ކައިވެނީގެ ރަސްމިއްޔާތު ފެށުމަށް އެންމެ ގަޑިއިރަކަށް ވެފައި ވަނިކޮށް އިސްރާއީލުން ދިން ރަހުމުކުޑަ ބޮމުގެ ހަމަލާއެއްގައެވެ.

މި ހާދިސާ ހިނގާފައިވަނީ ހޮނިހިރު ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ. މުހަންނަދު ފަރުވާނާ އޭނާގެ އާލަޔަކާއެކު ދިރިއުޅުމެއް ފެށުމަށްޓަކައި ޚާން ޔޫނިސްގައި ހުންނަ އެ އާއިލާގެ ގޭގެ ފުރާޅުމަތީގައި ޓެންޓެއް ޖަހައި، ހުރިހާ ތައްޔާރީތަކެއް އޮތީ ނިންމާފައެވެ. ނަމަވެސް ފަތިހު ތިނެއް ޖަހާ އެހާކަންހާއިރު، އޭނާ އެ ޓެންޓުގެ ތެރޭގައި ނިދާފައި އޮއްވާ އިސްރާއީލުން ދިން ބޮމުގެ ހަމަލާގައި އެ ތަން ވަނީ އެއްކޮށް ސުންނާފަތިވެފައެވެ.

އަލްޖަޒީރާ މުބާޝިރުގެ މުވައްޒަފު އޮލާ އަބޫ މުއައްމަރު އެ ސަރަހައްދަށް ކުރި ޒިޔާރަތުގައި ފެނިގެންދިޔައީ ހިތްދަތި މަންޒަރުތަކެކެވެ. ކައިވެނީގެ އުފަލަށްޓަކައި ތައްޔާރުކޮށްފައިވާ ކައިވެނީގެ ސޫޓާއި، ރީތި މާތަކާއި، އާންމު ދިރިއުޅުމަށް ބޭނުންވާ ތަކެތި ހުރީ ލެޔާއި ހިރަފުހުން ތަޣައްޔަރުވެފައެވެ.

ޝަހީދުގެ ގާތްތިމާގެ މީހެއް ކަމަށްވާ މުހައްމަދު މަހްމޫދު އަލް ޤުދްރާ ބުނި ގޮތުގައި، ކައިވެނީގެ އުފަލުގައި އާއިލާއިން އޭގެ ކުރީ ރޭ ހަވީރު ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފައެވެ. ނަމަވެސް ކުއްލިއަކަށް ދިން މި ހަމަލާއާއެކު އެ ހުރިހާ އުފަލެއް ބޮޑު މުސީބާތަކަށް ބަދަލުވެގެން ދިޔައީއެވެ. އޭނާ ފާހަގަކުރި ގޮތުގައި މި ހަމަލާ ދީފައިވަނީ ހަނގުރާމަވެރި ހަރަކާތްތަކާ ދުރު، ރައްކާތެރި ސަރަހައްދެއްގެ ގޮތުގައި ބެލެވުނު ތަނެއްގައެވެ.

ޝަހީދުގެ ބޭބެ އަހުމަދު އުސްމާން ފަރުވާނާ ކިޔައިދިން ގޮތުގައި، އޭނާގެ ކޮއްކޮގެ ކައިވެންޏަށް މަރުހަބާ ކިޔުމަށް ތައްޔާރުކުރި ރޯޒްތައް ބޭނުންކުރަން ޖެހުނީ އޭނާގެ އަލްވަދާއުގެ ރަސްމިއްޔާތުގައެވެ. ހަމަލާ ދިނުމާއެކު އެ ސަރަހައްދުގައި އަލިފާން ރޯވެފައިވާއިރު، އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން އެމްބިއުލާންސާއި ފަޔާ ފައިޓަރުންނަށް އެ ސަރަހައްދަށް ވާސިލުވުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވިއެވެ.

އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ސަރަހައްދަކީ ރައްކާތެރި ސަރަހައްދެއް ކަމަށް ބުނި ނަމަވެސް، މެދުނުކެނޑި ބަޑިޖެހުމުގެ އަޑު އިވެމުންދިޔައެވެ. މި ހިތްދަތި ހާދިސާއާ ގުޅިގެން ޝަހީދުގެ އާއިލާއިން ވަނީ ބައިނަލްއަގްވާމީ މުޖުތަމައުއަށް ގޮވާލުމެއް ނެރެފައެވެ. އެ އާއިލާއިން އެދިފައިވަނީ ކުށެއްނެތް އާންމުންގެ ފުރާނަ މިގޮތަށް ގެއްލިގެންދާ ދިއުން ހުއްޓުވުމަށް ފިޔަވަޅު އަޅައިދިނުމަށެވެ.

Be the first to comment

Leave a Reply

Your email address will not be published.


*