ކާއިނާތުގައިވާހާ ތަކެއްޗެއް އުފެއްދެވި މަތިވެރި އިލާހު، މާތްﷲ އިންސާނުންނާއި ޖިންނީން އުފެއްދެވީ އެއްވެސް ބޭނުމެއް ނެތް، ބޭކާރު ބައެއްގެ ގޮތުގައެއް ނޫނެވެ. އަދި ކައިބޮއި، މަޖާކޮށް، ދުނިޔޭގެ ޒީނަތްތެރިކަމުގައި ވަގުތުތައް ހޭދަކޮށްލުމަކީވެސް އެކަލާނގެ އަޅުގަނޑުމެން އުފެއްދެވި އަޞްލު މަޤްޞަދެއް ނޫނެވެ.
އިންސާނުންނާއި ޖިންނީން އުފެއްދެވި މަޤްޞަދު މާތްﷲ ވަނީ ކީރިތި ޤުރުއާނުގައި ވަރަށް ސާފުކޮށް ބަޔާންކޮށްދެއްވާފައެވެ. ސޫރަތުއްޛާރިޔާތުގެ 56 ވަނަ އާޔަތުގައި ވަހީކުރައްވާފައިވެއެވެ.
وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ
މާނައީ: “ތިމަންﷲއަށް އަޅުކަން ކުރުމަށް މެނުވީ، ތިމަންﷲ ޖިންނީންނާއި އިންސާނުން ނަހައްދަވަމެވެ.”
މި އާޔަތުން އެނގިގެންދާ ގޮތުގައި އިންސާނުންނާއި ޖިންނީންގެ ޙަޔާތުގެ އެންމެ އިސް އަދި އެންމެ މުހިންމު މަޤްޞަދަކީ އެކަލާނގެ އެއްކައުވަންތަކޮށް، އެކަލާނގެއަށް ޚާލިޞްކޮށް އަޅުކަން ކުރުމެވެ. ދީނީ ނަޒަރަކުން ބަލާއިރު، “އަޅުކަން” ނުވަތަ “ޢިބާދާތު” ބަހުގެ މާނަ ފުޅާވެގެން ވެއެވެ. އެއީ ހަމައެކަނި ނަމާދުކުރުމާއި ރޯދަހިފުން ފަދަ ކަންކަމެއް ނޫނެވެ. އޭގެ ބަދަލުގައި، މާތްﷲ ލޯބިވެވޮޑިގަންނަވާ އަދި ރުހިވޮޑިގަންނަވާ ކޮންމެ ބަހަކާއި ޢަމަލަކީ އަޅުކަމެކެވެ.
އިންސާނުންނާއި ޖިންނީން ޚަލްޤުކުރެއްވުމުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެނީ:
ﷲގެ އެއްކައުވަންތަކަން ޤަބޫލުކުރުން (ތައުޙީދު): ހުރިހާ ތަކެއްޗެއް އުފެއްދެވި ފަރާތަކީ ﷲ ކަން ދެނެގަނެ، އެކަލާނގެ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އަޅުކަން ނުކުރުމެވެ.
އިމްތިޙާނު ކުރެއްވުން: މި ދުނިޔެއަކީ އިމްތިޙާނުގެ ގޮވަައްޗެކެވެ. މާތްﷲގެ އަމުރުފުޅުތަކަށް ކިޔަމަންވަނީ ކޮން ބައެއްތޯއާއި، އުރެދެނީ ކޮން ބައެއްތޯ ބެއްލެވުމެވެ.
ބިން އާބާދުކުރުން: މާތްﷲގެ ޝަރީޢަތާ އެއްގޮތަށް ބިންމަތީގައި ޢަދުލުވެރިކަން ޤާއިމުކޮށް، ބިން އާބާދުކުރުމުގެ މަސްއޫލިއްޔަތު އިންސާނުންނާ ވަނީ ޙަވާލުކުރައްވާފައެވެ.
ﷲގެ ކުޅަދުންވަންތަކަން ދެނެގަތުން: ކާއިނާތުގައިވާ މާތްﷲގެ އާޔަތްތަކާއި ހެކިތަކަށް ބަލައި، އެކަލާނގެ މަތިވެރިކަން ދެނެގަނެ، އެކަލާނގެއަށް ތަސްބީޙަ ކިޔައި ޙަމްދުކުރުމެވެ.
އެހެންކަމުން، އަޅުގަނޑުމެން ކޮންމެ މީހަކީވެސް ވަކި މަޤްޞަދެއްގައި އުފައްދާފައިވާ ބައެއްކަން ދަނެ، އެ މަޤްޞަދު ޙާޞިލުކުރުމަށް ގަދައަޅައި މަސައްކަތް ކުރަންޖެހެއެވެ. މާތްﷲގެ ރުހުން ހޯދުމަށް މަސައްކަތް ކުރުމަކީ ދުނިޔޭގެ ހަގީގީ އުފަލާއި އާޚިރަތުގެ ދާއިމީ ނިޢުމަތް ލިބިގަތުމަށް އޮތް ހަމައެކަނި މަގުވެސްމެއެވެ.

Leave a Reply