ޔަގީންކަމެއް ނެތުމާއި އިންތިޒާރު… އެމެރިކާއާއި އީރާނުގެ އާ އެއްބަސްވުމުގައި ލުބުނާނުގެ ނަސީބު ވާނީ ކިހިނެއް؟

ފޮޓޯ : އަލް ޖަޒީރާ

ވޮޝިންޓަނާއި ތެހެރާނާ ދެމެދު އާ އެއްބަސްވުމެއް އިއުލާންކޮށްފައިވާއިރު، މި އެއްބަސްވުމުގެ ދަށުން ލުބުނާނުގައި ކުރިއަށްދާ ހަނގުރާމައަށް ވާނެ ގޮތަކާ މެދު ބޮޑު ސުވާލުތަކެއް ވަނީ އުފެދިފައެވެ. އެމެރިކާއާއި އީރާނުން އިއުލާންކުރި މި އެއްބަސްވުމުގެ ފުރިހަމަކަމާ މެދު ޔަގީންކަމެއް ނެތް ވިލާގަނޑެއް އޮތްއިރު، މައިގަނޑު ގޮންޖެހުމަކީ އިސްރާއީލުގެ އަމަލުތަކެވެ.

އީރާނާއި ޕާކިސްތާނުގެ އޮފިޝަލުން ކަށަވަރުކޮށްދޭ ގޮތުގައި މި އެއްބަސްވުމުގައި ލުބުނާން ވެސް ހިމެނެއެވެ. އަދި ހުރިހާ ފަރާތްތަކުން އަސްކަރީ އޮޕަރޭޝަންތައް ވަގުތުން އަދި ދާއިމީކޮށް ހުއްޓާލުމަށް ވަނީ ކަނޑައަޅާފައެވެ. ނަމަވެސް އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ ލުބުނާނުގެ ހަމަނުޖެހުން ހައްލުކުރުމަށް މަޝްވަރާކުރާނެ ކަމަށާއި، އެކަމުގައި އިސްރާއީލާ ވާހަކަދައްކަން ޖެހޭނެ ކަމަށެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މި އެއްބަސްވުމާ މެދު ވިދާޅުވީ މިއީ ޓްރަމްޕްގެ ނިންމުމެއް ކަމަށާއި، އިސްރާއީލުގެ އަމިއްލަ މަސްލަހަތުތަކެއް ހުރިކަން ހަނދާން ކުރަންޖެހޭ ކަމަށެވެ. އަދި އަސްކަރީ ފިޔަވަޅު އެޅުމުގެ މިނިވަންކަން ދެމެހެއްޓުމަށް އޭނާ ބާރުއެޅުއްވިއެވެ. ހޯމަ ދުވަހުގެ ރޭ މި އެއްބަސްވުން އިއުލާންކުރި ފަހުން ވެސް އިސްރާއީލުގެ އޮފިޝަލުން ވަނީ ރުޅިވެރިކަން ފާޅުކޮށް،ލުބުނާނުގެ ދެކުނުން ފޭބުމަށް އެއްބަސްވުމުން ލާޒިމު ނުކުރާ ކަމަށް ބުނެ ހަމަލާތައް ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު ދީފައެވެ.

މިގޮތުން، ހަނގުރާމަ ހުއްޓާލިކަން އިއުލާންކުރި ނަމަވެސް، ލުބުނާނުގެ ދެކުނުގެ ނަބަތީހުގެ ކްފާރު ޓެބްނިޓް އާއި އަލްފުއުގާގެ ރަށްތަކަށް އިސްރާއީލުން ވަނީ އާޓިލަރީ ހަމަލާތައް ދީފައެވެ. މި ދަނޑިވަޅަކީ ގެދޮރު ދޫކޮށް ގޮސްފައިވާ އެތައް ސަތޭކަ ބަޔަކު އަނބުރާ ރަށްތަކަށް އަންނަން ފެށި ވަގުތެކެވެ.

އެމެރިކާގެ މަގާމު:
އެމެރިކާގެ ރައީސް ޓްރަމްޕް އަދި ރަސްމީ ބަޔާނެއް ނެރެފައި ނުވި ނަމަވެސް، އަންނަ ހުކުރު ދުވަހު އެއްބަސްވުމުގައި ސޮއިކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. އެމެރިކާގެ އިސް އޮފިޝަލަކު ބުނި ގޮތުގައި ލުބުނާނުން އިސްރާއީލު ފޭބުމަކީ މި އެއްބަސްވުމުގެ ޝަރުތެއް ނޫނެވެ. އަދި ހިޒްބުالله އިން ހަމަލާދީފިނަމަ އަމިއްލަ ދިފާއުގައި ޖަވާބުދިނުމުގެ ހައްގު އިސްރާއީލަށް އޮންނާނެއެވެ.

އީރާނުގެ މަގާމު:

އީރާނުން ބާރުއަޅަނީ ލުބުނާނުގެ އިސްތިގުލާލަށް އިހުތިރާމްކުރުމަށާއި، ހުރިހާ ފަރާތްތަކުން ހަނގުރާމަ ހުއްޓާލުމަށެވެ. އީރާނުގެ ފޮރިން މިނިސްޓަރު އަރާކްޗީ ވިދާޅުވީ އިސްރާއީލުގެ ހަމަލާތައް ހުއްޓުވުމުގެ ޒިންމާ އޮތީ އެމެރިކާގެ އަތްމަތީގައި ކަމަށެވެ.

ލުބުނާނާއި ހިޒްބުالله:
ލުބުނާނުގެ ރައީސް ޖޯސެފް އައުން އާއި ޕާލަމެންޓްގެ ރައީސް ނަބީހް ބެރީ ވަނީ މި އެއްބަސްވުމަށް މަރުހަބާ ކިޔާފައެވެ. ހިޒްބުالله އިން ވެސް އީރާނުގެ މަސައްކަތަށް ތައުރީފުކޮށްފައިވާއިރު، އެ ޖަމާއަތުން ބުނީ ލުބުނާނުގެ ބިމާއި ރައްޔިތުން ދިފާއުކުރުމުގެ ހައްގު އެމީހުންނަށް އޮންނާނެ ކަމަށެވެ.

ލުބުނާނުގެ ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، އިސްރާއީލުގެ މި އަނިޔާވެރިކަމުގައި މިހާތަނަށް 3,783 މީހުން މަރުވެ، 11,700 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.

Be the first to comment

Leave a Reply

Your email address will not be published.


*