2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގްރޫޕް އެޗްގެ ފުރަތަމަ މެޗުގައި، ޔޫރަޕްގެ ގަދަބާރު ސްޕެއިން އާއި އެފްރިކާގެ ކެބޯ ވަރޑޭ ބައްދަލުކުރާ ތާރީޚީ މެޗަށް ދުނިޔޭގެ ފުޓްބޯޅަ އާއިލާ މިހާރު އަންނަނީ އިންތިޒާރު ކުރަމުންނެވެ. މި މެޗު އޮންނާނީ 15 ޖޫން 2026 ވާ ( ހޯމަ ) ދުވަހުގެ ރޭ ރާއްޖެ ގަޑިން 9:30 ގައި އެމެރިކާގެ އެޓްލާންޓާ ސްޓޭޑިއަމްގައެވެ.
މިއީ މި ދެ ގައުމުގެ ސީނިއާ ޓީމު ބައިނަލްއަގްވާމީ މައިދާނެއްގައި ބައްދަލުކުރާ ފުރަތަމަ ފަހަރެވެ. އާބާދީގެ ގޮތުން ވޯލްޑް ކަޕަށް ކޮލިފައިވި އެންމެ ކުޑަ އެއް ގައުމުގެ ގޮތުގައި ހިމެނޭ ކެބޯ ވަރޑޭއަށް މިއީ ފަޚުރުވެރި ވަގުތެކެވެ. އަނެއްކޮޅުން، 2024 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރި ސްޕެއިންއަށް މިއީ ދުނިޔޭގެ އެންމެ ބޮޑު މުބާރާތުގައި އަލުން އަމިއްލަ ނަފްސު ސާބިތުކޮށްދިނުމުގެ ފުރުސަތެކެވެ. މިއީ ސްޕެއިން ކުޅޭ 17 ވަނަ ވޯލްޑް ކަޕެވެ.
ކޯޗު ލުއިސް ޑެ ލާ ފުއެންޓޭގެ އިރުޝާދުގެ ދަށުން ސްޕެއިން އޮތީ ވަރަށް ވަރުގަދަ ފޯމެއްގައެވެ. 2024 ވަނަ އަހަރުގެ މާޗް މަހުން ފެށިގެން އެޓީމު ކުޅުނު 30 މެޗުން ބަލިވެފައެއް ނުވެއެވެ. ފީފާ ރޭންކިންގެ ދެވަނައިގައި ސްޕެއިން އޮތްއިރު، ކެބޯ ވަރޑޭ އޮތީ 67 ވަނައިގައެވެ. ނަމަވެސް ބުބިސްޓާ މެނޭޖްކުރާ ކެބޯ ވަރޑޭ (ބްލޫ ޝާކްސް) އަކީ ކެމަރޫން ފަދަ ގަދަ ޓީމުތައް ބަލިކޮށް، ހައިރާންކުރުވަނިވި ނަތީޖާތަކެއް ނެރެފައިވާ ޓީމެކެވެ.
ޓީމުތަކުގެ ޚަބަރު:
ސްޕެއިންއަށް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ އަނިޔާގެ ސަބަބުން ކްލަބް ސީޒަންގެ ފަހު މެޗުތައް ގެއްލުނު ޒުވާން ތަރި ލަމީނޭ ޔަމަލް ފިޓްވުމެވެ. ކޯޗު ޑެ ލާ ފުއެންޓޭ ބުނީ އޭނާ ފުރަތަމަ އެގާރައިގައި ނުހިމެނުނަސް، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ތައްޔާރަށް ހުރި ކަމަށެވެ.
ލަފާކުރެވޭ އެގާރަ:
ސްޕެއިން (4-3-3): އުނައި ސައިމަން؛ މާކޯސް ލޮރެންޓޭ، ޕައު ކުބާސީ، އައިމެރިކް ލަޕޯޓޭ، އެރިކް ކުކުރެލާ؛ ފަބިއަން ރޫއިޒް، ރޮޑްރީ، ޕެޑްރީ؛ ފެރަން ޓޮރޭސް، މިކެލް އޮޔާރްޒާބަލް، އެލެކްސް ބައެނާ.
ކެބޯ ވަރޑޭ (4-2-3-1): ވޮޒިންހާ؛ ސްޓީވަން މޮރެއިރާ، ލޯގަން ކޮސްޓާ، ޕިކޯ، ޖޯއާއޯ ޕައުލޯ؛ ޔަނިކް ސެމެޑޯ، ކެވިން ޕީނާ؛ ރަޔަން މެންޑޭސް، ޖަމީރޯ މޮންޓެއިރޯ، ލޮޕެސް ކެބްރަލް؛ ޑައިލޮން ލިވްރަމެންޓޯ.
މި މެޗު ބަލަން ބޭނުންވާ ސަޕޯޓަރުންނަށް ޒީ5 (Zee5) ވެބްސައިޓާއި އެޕްލިކޭޝަން މެދުވެރިކޮށް ލައިވްކޮށް ބަލާލެވޭނެއެވެ.

Leave a Reply