ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ކޮންގޯ އަތުން އެއްވަރުވެ ޕޯޗުގަލްއަށް މާޔޫސީ ފެށުމެއް

ކިޔާލާ.ކޮމް

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި ޕޯޗުގަލް ކުޅުނު ފުރަތަމަ މެޗުން ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއާ ވާދަކޮށް 1-1 އިން އެއްވަރުވެ، ޕޯޗުގަލްއަށް މާޔޫސީ ފެށުމަކާ ކުރިމަތިލާން ޖެހިއްޖެއެވެ. މިއީ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ރެކޯޑް ހަ ވަނަ ވޯލްޑް ކަޕް ކަމަށްވާއިރު، މި ނަތީޖާއާއެކު ގްރޫޕް ކޭ އިން ކޮންގޯ ވަނީ ފުރަތަމަ ޕޮއިންޓް ކަށަވަރުކޮށްފައެވެ.

މެޗު ފެށިގެން ހަ ވަނަ މިނެޓުގައި ޕޯޗުގަލް އިން ވަނީ ލީޑު ނަގާފައެވެ. ޕެޑްރޯ ނެޓޯ ތަނަވަސްކޮށްދިން ފުރުސަތަކުން މި ގޯލު ބޮލުން ޖަހައިދިނީ ޒުވާން ކުޅުންތެރިޔާ ޖޯއާއޯ ނޭވޭސް އެވެ. ނަމަވެސް މެޗުގެ ބޮޑުބައި ޕޯޗުގަލް އިން ކޮންޓްރޯލް ކުރި ނަމަވެސް، އިތުރު ގޯލެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ. ނަތީޖާއަކަށްވީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ކޮންގޯގެ ޔޯއަން ވިސާ ބޮލުން ފޮނުވާލި ބޯޅައަކުން މެޗުގެ ނަތީޖާ އެއްވަރު ކުރުމެވެ. މި ގޯލާއެކު ދަނޑުގައި ތިބި ކޮންގޯގެ ސަޕޯޓަރުން ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފައެވެ.

މި މެޗުގައި އުމުރުން 41 އަހަރުގެ ރޮނާލްޑޯގެ ފަރާތުން ފެނުނީ އާދައިގެ ކުޅުމެކެވެ. އޭނާގެ ވާދަވެރި ލިއޮނަލް މެސީ އަންގާރަ ދުވަހު އަލްޖީރިއާއާ ދެކޮޅަށް ހެޓްރިކް ހަދައި ދެއްކި ފަދަ ތަފާތު ކުޅުމެއް މި މެޗުގައި ރޮނާލްޑޯއަށް ނުދެއްކުނެވެ. އަދި ވީއައިޕީ ގޮނޑިބަރީގައި މެޗު ބަލަން ހުރި ޕޯޗުގަލްގެ ކުރީގެ ތަރި ޕެޕޭގެ މޫނުމަތިންވެސް ފެނުނީ މާޔޫސްކަމެވެ.

ކޮންގޯގެ މި ނަތީޖާއަކީ އެ ގައުމަށް ވަރަށް ބޮޑު ކާމިޔާބީއެކެވެ. ސަބަބަކީ އެ ގައުމުގައި ފެތުރެމުންދާ އިބޯލާ ބަލިމަޑުކަމުގެ ސަބަބުން ޓީމުގެ ތައްޔާރީތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާތީއެވެ. މިއީ 1974 ވަނަ އަހަރު “ޒައިރޭ” ގެ ނަމުގައި ކުޅުނު ފަހުން އެ ގައުމު ވޯލްޑް ކަޕުން ފެނުނު ފުރަތަމަ ފަހަރެވެ.

މި މެޗުގައި ޕޯޗުގަލްގެ ކުޅުންތެރިން ވަނީ، މިދިޔަ އަހަރު ކާރު އެކްސިޑެންޓެއްގައި މަރުވި އެ ޓީމުގެ ކުޅުންތެރިޔާ ޑިއޯގޯ ޖޯޓާގެ ހަނދާނުގައި، ބޮޑުވަޒީރު ލުއިސް މޮންޓެނީގްރޯ ދެއްވި އަތްތިލަ ބެންޑެއް އަޅައިގެން ކުޅެފައެވެ.

މި މެޗަށް ޕޯޗުގަލް އިން ނުކުތްއިރު، ރެއާލް މެޑްރިޑާ ގުޅޭނެ ކަމަށް އަޑުފެތުރިފައިވާ ބާނާޑޯ ސިލްވާ ބެންޗުގައި ބޭނުން ނުކޮށް ބައިންދާފައި ހުރިކަން ފާހަގަކުރެވުނެވެ. ޕޯޗުގަލް އިން މެޗު ޑޮމިނޭޓް ކުރި ނަމަވެސް، ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ ނަތީޖާއަކީ ގްރޫޕްގެ ފުރަތަމަ މެޗުން ޕޮއިންޓަކުން ފުއްދާލަން ޖެހުމެވެ.

Be the first to comment

Leave a Reply

Your email address will not be published.


*