2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރޭ މިސްރާއި އިރާން ބައްދަލުކުރި ފޯރިގަދަ މެޗު 1-1 އިން އެއްވަރުވެ، މިސްރުގެ ގައުމީ ޓީމު ތާރީޚީ ކާމިޔާބީއެއް ހޯދައިފިއެވެ. މިއީ ވޯލްޑް ކަޕްގެ ދެވަނަ ބުރަށް މިސްރު ކޮލިފައިވި ފުރަތަމަ ފަހަރެވެ.
މެޗު ފެށުމުގެ ކުރިންވެސް ގްރޫޕް އެޗްގެ އެހެން ނަތީޖާތައް ހުރިގޮތުން މިސްރަށް އޮތީ 32 ވަނަ ބުރުގެ ޖާގައެއް ކަށަވަރުވެފައެވެ. ނަމަވެސް ރޭގެ މެޗުގެ ނަތީޖާއާއެކު މިސްރަށް ވަނީ ފަސް ޕޮއިންޓް ލިބި، ގްރޫޕް ޖީގެ ރަނަރަޕްގެ މަގާމު ލިބިފައެވެ. އެއީ ހަމަ އެވަގުތު ނިއުޒީލެންޑް 5-1 އިން ބަލިކުރި ބެލްޖިއަމާ ގޯލުގެ ތަފާތުން ކުރި ހޯދައިގެންނެވެ.
މެޗު ފެށިގެން ފަސްވަނަ މިނެޓުގައި މިސްރުން ވަނީ ލަނޑެއް ޖަހައި ކުރިހޯދާފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ކޯޗު ހުސާމް ހަސަންގެ އިތުބާރު ހޯދާފައިވާ މަޙްމޫދު ސާބްރޭއެވެ. އޭނާ މި ލަނޑު ޖެހީ އިރާނުގެ ކީޕަރަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ގޯލުގެ ތެރެއަށް ފޮނުވާލި ބާރު ހަމަލާއަކުންނެވެ.
މެޗުގެ ފޯރިގަދަވެގެން ދިޔައީ 10 ވަނަ މިނެޓުގައި މިސްރުގެ މުހައްމަދު އަބްދުލް މޮނޭމް އަތުން އިރާނުގެ ކެޕްޓަން މެހްދީ ޓަރޭމީއަށް ކުރި ފައުލަކާ ގުޅިގެން އިރާނަށް ލިބުނު ޕެނަލްޓީއާއެކުގައެވެ. ނަމަވެސް 11 ވަނަ މިނެޓުގައި ޓަރޭމީ ފޮނުވާލި ޕެނަލްޓީ މިސްރުގެ ކީޕަރު މޮސްތަފާ ޝޯބެއިރު ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
އިރާނުން ނަތީޖާ ހަމަހަމަކުރީ 14 ވަނަ މިނެޓުގައެވެ. ކީޕަރު ޝޯބެއިރު ދިފާއުކުރި ބޯޅައެއް ރިބައުންޑްވުމުން، ރަމީން ރެޒައިއަން ވަނީ އެ ބޯޅަ ގޯލުގެ ތެރެއަށް ވައްދާލާފައެވެ. ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ފެނުނީ ވަރަށް ޖިސްމާނީ ކުޅުމެކެވެ. މީގެ ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފުގައި ކޮންމެ ޓީމަކަށް ދެ ރީނދޫ ކާޑާއެކު ޖުމްލަ ހަތަރު ރީނދޫ ކާޑު ފެނިގެންދިޔައެވެ.
މިސްރުގެ ޓީމަށް މި މެޗުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވިއެވެ. އެގޮތުން އަނިޔާގެ ސަބަބުން މުހައްމަދު އަބްދުލް މޮނޭމްގެ ބަދަލުގައި ޔާސިރު އިބްރާހިމް ކުޅެން އެރިއިރު، މެޗުގެ 57 ވަނަ މިނެޓުގައި އަނިޔާގެ ސަބަބުން ކެޕްޓަން މުހައްމަދު ސަލާހު ބަދަލުކުރަން ޖެހުނެވެ. ސަލާހުގެ ބަދަލުގައި ކުޅެން އެރީ “ޒިޒޯ” އެވެ.
މެޗުގެ ދެވަނަ ހާފުގައި މިސްރުގެ ޓްރެޒެގުއެޓް އާއި ޒިޒޯ އަދި މަރްމޫޝްއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް، އިރާނުގެ ޑިފެންސުން ވަނީ އެ ހަމަލާތައް ހުއްޓުވާފައެވެ. މެޗުގެ ފަހު މިނެޓްތަކުގައި އިރާނުން ލަނޑެއް ޖެހި ނަމަވެސް، ވީއޭއާރް ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ.
މި ނަތީޖާއާއެކު މިސްރުން އަންނަ ޖުލައި މަހުގެ ތިންވަނަ ދުވަހު އާލިންގޓަންގައި އޮސްޓްރޭލިއާއާ ދެކޮޅަށް ނުކުންނާނެއެވެ. އިރާނަށް މިހާރު އޮތް އުންމީދަކީ ގްރޫޕް ސްޓޭޖް ނިމޭއިރު އެންމެ މޮޅު ތިންވަނަ ޓީމުތަކުގެ ތެރޭގައި ހިމެނިގެން އަނެއް ބުރަށް ދިއުމެވެ

Leave a Reply