އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި މިހާރު ކުރިއަށްދާ 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ފުރަތަމަ ބުރުގެ މެޗުތައް ނިމި، ގަދަ 32 ޓީމު ކަށަވަރުވުމާއެކު، މުބާރާތުގެ ޗެމްޕިއަންކަން ހޯދާނެ ޓީމަކާ މެދު އޮޕްޓާ ސުޕަކޮމްޕިއުޓަރުން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ލަފާކޮށްފިއެވެ.
މި މުބާރާތުގެ ފުރަތަމަ ބުރުން 32 ޓީމު ނޮކްއައުޓް ސްޓޭޖަށް ކޮލިފައިވިއިރު، 16 ޓީމެއް ވަނީ މުބާރާތުން ކަޓާފައެވެ. ނޮކްއައުޓް ބުރުގެ މެޗުތައް މިއަދު ހަވީރު ދެކުނު އެފްރިކާ އާއި ކެނެޑާ ބައްދަލުކުރާ މެޗުން ފެށުމަށް ވަނީ ހަމަޖެހިފައެވެ.
އޮޕްޓާ ސުޕަކޮމްޕިއުޓަރުން ގާތްގަނޑަކަށް 25،000 ފަހަރު މުބާރާތުގެ ނަތީޖާ ސިމިއުލޭޓް ކުރުމަށްފަހު ދައްކާގޮތުގައި، މިފަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކުރުމުގެ އެންމެ ފުރުސަތު ބޮޑީ ފްރާންސްއަށެވެ. އެގޮތުން ކިލިއަން އެމްބާޕޭ އިސްކޮށް ހުންނަ ފްރާންސް ޓީމުން 1998 އާއި 2018 ވަނަ އަހަރަށްފަހު، ތިންވަނަ ފަހަރަށް ތަށި އުފުލާލުމުގެ ފުރުސަތު %18.7 އޮތް ކަމަށް ވަނީ ލަފާކޮށްފައެވެ.
ސުޕަކޮމްޕިއުޓަރުގެ ލަފާކުރުންތަކަށް ބަލާއިރު، ދެވަނައަށް އެންމެ ފުރުސަތު ބޮޑީ ޑިފެންޑިންގ ޗެމްޕިއަން އާޖެންޓީނާއަށެވެ. އެ ޓީމަށް %16.3 ގެ ފުރުސަތެއް އޮތްއިރު، ޖުލައި 19 ވާ އާދީއްތަ ދުވަހު ބާއްވާ ފައިނަލްގައި ބައްދަލުކުރާނީ ފްރާންސް އާއި އާޖެންޓީނާ ކަމަށް ވަނީ ބެލެވިފައެވެ. ތިންވަނައިގައި %13.5 އާއެކު ސްޕެއިން އޮތްއިރު، މި ތިން ޓީމަކީ ތަށި ހޯދުމުގެ ފުރުސަތު %10 އަށް ވުރެ މަތީގައި އޮތް ހަމައެކަނި ޓީމުތަކެވެ.
ދުނިޔޭގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ބްރެޒިލަށް މިފަހަރު ތަށި ހޯދުމުގެ އޮތީ %6.5 ގެ ފުރުސަތެކެވެ. އަދި އަރަބި ގައުމުތަކުގެ ތެރެއިން އެންމެ ކުރީގައި އުޅެނީ %1.6 ގެ ފުރުސަތަކާއެކު މޮރޮކޯއެވެ. މިއީ އަރަބި ގައުމުތަކުގެ ތެރެއިން ފުރުސަތު %1 އަށް ވުރެ މަތީގައި އޮތް ހަމައެކަނި ގައުމެވެ.
އޭއައިގެ ލަފާކުރުންތަކުގައި ބައެއް ޓީމުތަކަށް ތަށި ހޯދުމުގެ އެއްވެސް ފުރުސަތެއް ނެތް ކަމަށް ވަނީ ދައްކާފައެވެ. އޭގެ ތެރޭގައި ދެކުނު އެފްރިކާ، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ، އަދި ކޭޕް ވަރޑޭ ހިމެނެއެވެ.
ސުޕަކޮމްޕިއުޓަރުން ލަފާކުރާ ގަދަ 10 ޓީމު:
- ފްރާންސް: %18.7
- އާޖެންޓީނާ: %16.3
- ސްޕެއިން: %13.5
- އިނގިރޭސިވިލާތް: %9.7
- ބްރެޒިލް: %6.5
- ނެދަލެންޑްސް: %5.1
- ޕޯޗުގަލް: %4.7
- ޖަރުމަނުވިލާތް: %4.4
- ކޮލަމްބިއާ: %3.2
- ނޯވޭ: %3
މި މުބާރާތުގެ 32 ވަނަ ބުރުގެ މެޗުތައް ޖުލައި 4 ވާ ހޮނިހިރު ދުވަހާ ހަމައަށް ކުރިއަށްދާނެއެވެ. އެ ދުވަހުގެ ހަވީރުން ފެށިގެން 16 ވަނަ ބުރުގެ ފޯރިގަދަ މެޗުތައް ފެށޭނެއެވެ. އޭގެ ތެރޭގައި ޖަރުމަނާއި ފްރާންސް، އަދި ޕޯޗުގަލް އާއި ސްޕެއިން ފަދަ ވަރުގަދަ ކުރިމަތިލުންތަކެއް ފެނުމުގެ ފުރުސަތު ބޮޑުކަމަށް ބެލެވެއެވެ.

Leave a Reply