މި މަހުގެ ޖޫން 12 ވަނަ ދުވަހު ފެށި، ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައި ފީފާ ވޯލްޑް ކަޕް 2026 ގެ ފޯރި ދުވަހެއް ދުވަހަކަށް ގަދަވަމުން އަންނައިރު، މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ކުޅުން ނިމި “ރައުންޑް އޮފް 32” އަށް ދަތުރުކުރި ޓީމުތައް މިހާރު ވަނީ ކަށަވަރުވެފައެވެ.
މި ފަހަރުގެ މުބާރާތުގެ ގަދަ 32 ގެ ތެރޭގައި ހިމެނޭ ގައުމުތަކަކީ ސައުތު އެފްރިކާ، ކެނަޑާ، ބްރެޒިލް، ޖަޕާން، ޖަރުމަން، ޕަރަގުއޭ، ނެދަލެންޑްސް، މޮރޮކޯ، ކޯޓެޑި އައިވޮރީ، ނޯވޭ، ފްރާންސް، ސްވެޑެން، މެކްސިކޯ، އެކުއެޑޯ، އިންގްލެންޑް، ޑީ.އާރު ކޮންގޯ، ބެލްޖިއަމް، ސެނެގަލް، ޔޫއެސްއޭ، ބޮސްނިޔާ، ސްޕެއިން، އޮސްޓްރިއާ، ޕޯޗުގަލް، ކްރޮއޭޝިއާ، ސްވިޒަލެންޑް، އަލްޖީރިއާ، އޮސްޓްރޭލިއާ، އީޖިޕްޓް، އާޖެންޓީނާ، ކާބޯ ވާޑޭ، ކޮލަމްބިއާ އަދި ގާނާއެވެ.
މުބާރާތުގެ ދެވަނަ ބުރު ނުވަތަ ރައުންޑް އޮފް 32 ގެ ފޯރިގަދަ ކުޅުން މިހާރު ފެށިފައިވާއިރު، މި ބުރުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ކެނަޑާ އާއި ސައުތު އެފްރިކާއެވެ. މި ދެ ގައުމުގެ މެދުގައި ކުޅެވުނު ވަރުގަދަ ކުރިމަތިލުން ކާމިޔާބުކޮށް، މުބާރާތުގެ ކުރިއަށް އޮތް ބުރަށް ދަތުރުކުރުމުގެ ފުރުސަތު ކެނަޑާ ވަނީ ހޯދާފައެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ފުޓްބޯޅަ ސަޕޯޓަރުންގެ ސަމާލުކަން މި މުބާރާތަށް ހުއްޓިފައިވާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި ފެނިގެންދާނީ އިތުރަށް ފޯރިގަދަ އަދި ވާދަވެރި މެޗުތަކެއް ކަމަށް ބެލެވެއެވެ.
Leave a Reply