އަޅުގަނޑުމެންނަށް ދުވަހުން ދުވަހަށް އަދި އަހަރަކަށްފަހު އަހަރަށް ތަޖުރިބާކުރާ ތަރައްޤީތަކުގެ އަލީގައި، އުންމީދު ކުރެވިފައިވަނީ މެދުނުކެނޑި ލިބޭ އަޕްޑޭޓްތަކާއި އާ މަޢުލޫމާތުތަކަށް ތަބާވުމަށެވެ. މިއަދު ދުނިޔޭގައި ފާހަގަކުރެވޭ އެންމެ އާދަޔާޚިލާފު އެއް ކަމަކީ، ބަލިމަޑުކަމުގެ ބިރަށްވުރެ، ސިއްހަތަށް ފައިދާހުރި ކާނާއާ މެދު މީހުން ގަންނަ ބިރު ބޮޑުވެފައިވުމެވެ. ބަލިމަޑުކަމުގެ މަތިން ހަނދާން ނައްތާލައި، ކާނާގެ ބިރަށް މީހުންގެ ދިރިއުޅުން މިވަނީ ބަދަލުވެފައެވެ.
މި ހާލަތަށް ސިއްހީ މާހިރުން ކިޔަނީ “އޯތޮރެކްސިއާ ނާރވޯސާ” (Orthorexia Nervosa) އެވެ. މިއީ ސިއްހަތަށް ފައިދާހުރި ކާނާ ކެއުމަށް މާބޮޑަށް ސަމާލުކަންދީ، އެކަމުގެ ސަބަބުން ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން މައްސަލަތަކާ ކުރިމަތިލާންޖެހޭ ހާލަތެކެވެ. މޫނުމަތިން ބަލާއިރު މިއީ ރަނގަޅު އާދައެއްގެ ގޮތުގައި ފެނުނަސް، މިއަދު މިއީ ނުރައްކަލުގެ ރަނގަބީލު ޖަހަން ފަށާފައިވާ ސިއްހީ މައްސަލައެކެވެ.
ދުޅަހެޔޮ ކާނާ ކެއުމުގެ އޯބްސެޝަން
“ހެލްތު އީޓިން ޑިސްއޯޑާ” ނުވަތަ ސިއްހަތަށް ފައިދާހުރި ކާނާ ކެއުމުގެ އުދަނގޫ، މި ލަފުޒު އެންމެ ފުރަތަމަ އުފެއްދެވީ އެމެރިކާގެ ޑޮކްޓަރު ސްޓީވަން ބްރެޓްމަން 1997 ވަނަ އަހަރުއެވެ. ދާދި ފަހުން މި މައުޟޫއަކީ ސިއްހީ ދާއިރާގައި ވަރަށް ބޮޑަށް މަޝްވަރާކުރެވޭ ކަމަކަށް ވަނީ ވެފައެވެ. ދުނިޔޭގެ އިރުމައްޗާއި ހުޅަނގުގެ ގައުމުތަކުގައި ވެސް މިއަދު ފެންނަނީ، ކާނާގެ ބާވަތާއި ފެންވަރަށް މާބޮޑަށް ފޯކަސްކޮށް، ވަކި މިންގަނޑުތަކަކަށް ފެތޭ “ސާފު” ކާނާ ހޯދުމަށް މީހުން މާބޮޑަށް ޝައުގުވެރިވެފައިވާ މަންޒަރެވެ.
ސިއްހަތަށް ފައިދާހުރި ކާނާ ހޮވުމުގެ ތެރެއިން، މީހާގެ މިސްރާބު އާދައިގެ ދިރިއުޅުމާ އެކަހެރިވެ، ހަރުކަށި އުސޫލުތަކަކަށް ބަދަލުވެއެވެ. މީގެ ތެރޭގައި މަޖުބޫރުކޮށްގެން ކަސްރަތު ކުރުމާއި، ހަށިގަނޑު ފުރިހަމަ ކުރުމުގެ އޯބްސެޝަން ނުވަތަ މާބޮޑަށް އެދުންވެރިވުން ހިމެނެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ސްޓްރެސް އިތުރުވެ، ޑިޕްރެޝަނަށް މަގުފަހިވެ، ވަޒީފާއާއި އިޖުތިމާއީ ގުޅުންތަކަށް ނޭދެވޭ އަސަރު ކުރެއެވެ.
މި ހާލަތު ފެތުރިފައިވާ މިންވަރު
2021 ވަނަ އަހަރުގެ ދިރާސާތަކުން ދައްކާ ގޮތުގައި، އާންމު އާބާދީގެ ތެރޭގައި މި އުދަނގޫ ހުންނަ މިންވަރު %6.9 އާއި %75.2 އާ ދެމެދުގައި އުޅެއެވެ. ވަކި ގްރޫޕްތަކަށް ބަލާއިރު، މީގެ ނިސްބަތް މާ މައްޗެވެ. މިސާލަކަށް 2017 ވަނަ އަހަރު ތުރުކީގެ މެޑިކަލް ދަރިވަރުންގެ ތެރޭގައި މިއީ %76.2 އެވެ. އަރަބި ގައުމުތަކުގައި މި ނިސްބަތް %23.8 އާއި %34.8 އާ ދެމެދުގައި ހުރި ކަމަށް 2024 ވަނަ އަހަރުގެ ރިޕޯޓްތައް ބުނެއެވެ.
ސަބަބުތައް: ސޯޝަލް މީޑިއާ އާއި ފުރިހަމަކަން ހޯދުން
ސޯޝަލް މީޑިއާއަކީ މި ހާލަތު ފެތުރުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރާ އެއް ވަސީލަތެވެ. ފޭސްބުކް އަދި އިންސްޓަގްރާމް ފަދަ ޕްލެޓްފޯމްތަކުން ފެންނަ “ފުރިހަމަ” ހަށިގަނޑުތަކާއި ކާނާގެ ފޮޓޯތަކުގެ ސަބަބުން، ޒުވާނުންގެ މެދުގައި ކެއުމުގެ އުދަނގޫތައް އިތުރުވެއެވެ. ޖަރުމަނާއި ސްޕެއިންގެ ދިރާސާވެރިން ފާހަގަކުރާ ގޮތުގައި، ފިޓްނަސް އާއި ޑައިޓާ ބެހޭ ޕޯސްޓްތައް މާބޮޑަށް ފޮލޯކުރުމަކީ ނަފްސާނީ ގޮތުން ބަލިކަށިވެ، ހަށިގަނޑުގެ ބައްޓަމަށް މާބޮޑަށް ސަމާލުކަންދޭން މަޖުބޫރުވާ ކަމެކެވެ.
ހަށިގަނޑުގެ ސިފައާމެދު އަމިއްލައަށް މާ ބޮޑަށް އިވެލުއޭޓް ކުރުމަކީ މި ބަލީގެ ނުރައްކާ އިތުރުކޮށްދޭ ކަމެކެވެ. ނަމަވެސް، އަމިއްލަ ހަށިގަނޑާ މެދު ހިތްހަމަޖެހި، ޕޮޒިޓިވް ވިސްނުމެއް ގެންގުޅޭ މީހުންނަށް މި އުދަނގޫތަކުން ރައްކާތެރިވެވިދާނެކަން 2024 ވަނަ އަހަރުގެ ދިރާސާތަކުން ހާމަވެއެވެ.
ޢިލްމާއި ދުޅަހެޔޮ ކާނާއަށް ކުރާ އޯބްސެޝަން
ހައިރާންވާންޖެހޭ ކަމަކީ، ކާނާއާ ބެހޭ ޢިލްމު ލިބިފައިވާ މީހުންގެ ތެރޭގައި މި މައްސަލަ ބޮޑުވުމެވެ. 2022 ވަނަ އަހަރުގެ ދިރާސާއަކުން ދައްކާ ގޮތުގައި، ނިއުޓްރިޝަން ދަރިވަރުންގެ ތެރޭގައި މި އުދަނގޫ ހުންނަ ނިސްބަތް %63.8 އަށް އަރައެވެ. މިއީ އެނގޭ މަޢުލޫމާތުގެ ސަބަބުން އުފެދޭ ނަފްސާނީ ބުރައެއްގެ ސަބަބުން ދިމާވާ ކަމެކެވެ.
އަދި ބައެއް މީހުން ދުޅަހެޔޮ ކާނާ ބޭނުންކުރަނީ ދިރިއުޅުމުގެ ސްޓްރެސް ނުވަތަ ހާސްކަން ފިލުވައިލުމުގެ ވަސީލަތެއްގެ ގޮތުގައެވެ. ޖަރުމަނާއި ލުބުނާނުގެ ދިރާސާތަކުން ދައްކާ ގޮތުގައި، ނަފްސާނީ ގޮތުން ދިމާވާ މައްސަލަތަކުން ސަލާމަތްވުމަށްޓަކައި ބައެއް މީހުން ކާނާގެ ހަރުކަށި އުސޫލުތަކަށް ބަރޯސާވެއެވެ.
ނިންމާލަމުން ދަންނަވާނީ، ސިއްހަތަށް ފައިދާހުރި ކާނާ ކެއުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ނަމަވެސް، އެކަން އޯބްސެޝަނަކަށް ނުވަތަ ބައްޔަކަށް ބަދަލުވުމަކީ ނުރައްކާތެރި ކަމެކެވެ. މިއަދު އަޅުގަނޑުމެން ބިރުގަންނަންވީ ބަލިމަޑުކަމަށްވުރެ ބޮޑަށް، އަޅުގަނޑުމެންގެ ވިސްނުމާއި ކެއުމުގެ އާދަކާދައަށް އަންނަމުންދާ މި ނުރައްކާތެރި ބަދަލަށެވެ.
Leave a Reply