ޣައްޒާ: އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ޣައްޒާގެ އެކި ސަރަހައްދުތަކަށް ދެމުންދާ ހަމަލާތަކާއި، އިމާރާތްތައް ތަޅާލުމަށް ހިންގާ ފުޅާ އޮޕަރޭޝަންތަކުގައި ހޮނިހިރު ދުވަހު ފަލަސްތީނުގެ ތިން މީހަކު ޝަހީދުކޮށްލައިފިއެވެ. ޣައްޒާގެ މެޑިކަލް މަސްދަރުތަކުން މިކަން ކަށަވަރުކޮށްދީފައިވާއިރު، އިސްރާއީލު ސިފައިން ދަނީ ޣައްޒާގެ ދެކުނު ސަރަހައްދުގައި ހުރި އާންމުންގެ އިމާރާތްތައް ބިމާހަމަކުރަމުންނެވެ.
ޣައްޒާގެ އުތުރުގައި އޮންނަ ބެއިޓް ލާހިއާ ޓައުންގެ އެކި ސަރަހައްދުތަކަށް އިސްރާއީލުން އާޓިލަރީ ބޮންތައް އަޅައި ބަޑީގެ ހަމަލާތައް ދީފައިވެއެވެ. މި ހަމަލާތަކުގައި ޝަހީދުވި ދެ މީހެއްގެ ހަށިގަނޑު ރެސްކިއު ކްރޫއިން މިހާރު ވަނީ ހޯދާފައެވެ. މީގެ އިތުރުން، ޣައްޒާ ސިޓީގެ އިރުދެކުނުގައި އޮންނަ ޒައިޓޫން އަވަށަށް ދިން ހަމަލާއެއްގައި އެކަކު ޝަހީދުވެ، އިތުރު ބަޔަކު ޒަޚަމްވެފައިވާ ކަމަށް ބަޕްޓިސްޓް ހޮސްޕިޓަލުން ރިޕޯޓްކޮށްފައިވެއެވެ.
ޣައްޒާގެ ހެލްތު މިނިސްޓްރީން ހާމަކުރި ގޮތުގައި، ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި އެކަނިވެސް 16 ޝަހީދުންނާއި 16 ޒަޚަމްވީ މީހުން ހޮސްޕިޓަލްތަކަށް ގެނެވިފައިވެއެވެ. މީގެ ތެރޭގައި ބޮންގޮއްވުމާއި ބަޑިޖެހުމުގެ ސަބަބުން ޝަހީދުވި މީހުންނާއި، ލިބުނު އަނިޔާތަކަށް ފަރުވާ ދެމުންދަނިކޮށް މަރުވި މީހުން ހިމެނެއެވެ. 2015 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އަމަލުކުރަމުންދާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އިސްރާއީލުން ތަކުރާރުކޮށް ޚިލާފުވަމުންދާއިރު، މި ފަދަ ޚިލާފުވުންތަކުގެ ސަބަބުން މިހާތަނަށް 1,066 މީހުން ޝަހީދުވެ 3,445 މީހުން ޒަޚަމްވެފައިވާ ކަމަށް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ތަޅާލުމުގެ ފުޅާ އޮޕަރޭޝަންތައް
އިސްރާއީލު ސިފައިން ދަނީ ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްގެ އިރުމައްޗާއި އިރުއުތުރު ސަރަހައްދުތަކުގައި ހުރި ދިރިއުޅޭ އިމާރާތްތައް ތަޅާލުމުގެ ބޮޑު އޮޕަރޭޝަނެއް ހިންގަމުންނެވެ. މިގޮތުން ބަނީ ސުހެއިލާ ޓައުންގެ ސަރަހައްދުތަކުގައި ހުރި ގެތައް ގޮއްވާލައި ބިމާހަމަކުރަމުންދާއިރު، އިސްރާއީލުގެ ހަނގުރާމަމަތީ ބޯޓުތައް ދަނީ ވަރަށް ތިރިން އުދުހެމުންނެވެ
ޣައްޒާގެ ދެކުނުގައި އޮންނަ ރަފާގެ ހުޅަނގު އުތުރު ސަރަހައްދުތަކަށް އާޓިލަރީ ބޮން އެޅުމުގެ އިތުރުން، އެ ސިޓީގެ ހުޅަނގު ސަރަހައްދުތަކަށް އިލިމިނޭޝަން ބޮންތައް ވެސް ވަނީ ޖަހާފައެވެ. އަދި ޣައްޒާ ސިޓީގެ އިރުމަތީގައި އޮންނަ އަލް ތުއްފާ އަވަށަށް އިސްރާއީލުގެ ޓެންކްތަކުން ވަރުގަދަ ހަމަލާތަކެއް ދީފައިވެއެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައިގައި މިހާތަނަށް 73,090 މީހުން ޝަހީދުވެ، 173,553 މީހުން ވަނީ ޒަޚަމްވެފައެވެ. މި ހަނގުރާމައިގެ ސަބަބުން ޣައްޒާގެ މަދަނީ އިންފްރާސްޓްރަކްޗަރގެ 90 އިންސައްތަ ވަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައެވެ.
Leave a Reply