އެމެރިކާގެ “ފައުންޑިންގ ފާޑަރސް” ނުވަތަ ބާނީންނަކީ އިނގިރޭސި އިސްތިޢުމާރީ ވެރިކަމާ ދެކޮޅަށް އެމެރިކާގެ އިންޤިލާބުގައި އަދި އެމެރިކާގެ އާ ސަރުކާރު ޤާއިމުކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި ނުފޫޒުގަދަ ޝަޚުޞިއްޔަތުތަކެވެ. މި ބޭފުޅުންނަކީ 1776 ވަނަ އަހަރުގެ މިނިވަންކަމުގެ އިޢުލާން އެކުލަވާލުމާއި، 1787 ވަނަ އަހަރުގެ ޤާނޫނު އަސާސީ އެކުލަވާލުމުގައި އިސްދައުރެއް އަދާކުރެއްވި، އައު ޤައުމުގެ ބިންގާ އެޅުއްވި ފަންނުވެރިންނެވެ.
މި ޝަރަފުވެރި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ ކޮންޓިނެންޓަލް އާމީގެ ކޮމާންޑަރ އިން ޗީފް އަދި ފުރަތަމަ ރައީސް ޖޯޖް ވޮޝިންޓަން، ދެވަނަ ރައީސް ޖޯން އެޑަމްސް، ތިންވަނަ ރައީސް ތޯމަސް ޖެފަރސަން، ހަތަރުވަނަ ރައީސް ޖޭމްސް މެޑިސަން، މަޝްހޫރު ޑިޕްލޮމެޓް އަދި އީޖާދުވެރިޔާ ބެންޖަމިން ފްރެންކްލިން، ޓްރެޜަރީގެ ފުރަތަމަ ސެކްރެޓަރީ އެލެގްޒެންޑަރ ހެމިލްޓަން، އަދި ސުޕްރީމް ކޯޓުގެ ފުރަތަމަ އުއްތަމަ ފަނޑިޔާރު ޖޯން ޖޭ އެވެ.
މި ބޭފުޅުންނަށް “ފައުންޑިންގ ފާޑަރސް” ގެ ނަމުން ނިސްބަތްކުރެވެނީ، އެމީހުންގެ ދިރިއުޅުމާއި ބުރަ މަސައްކަތުން އެމެރިކާގެ މުއައްސަސާތަކާއި، އިޤްތިޞާދާއި، އަސްކަރީ އަދި ސިޔާސީ އޮނިގަނޑު ބިނާކުރެވުނީތީއެވެ. މި ބޭފުޅުންނަކީ ތަފާތު އިޖުތިމާޢީ ފަސްގަނޑުތަކުން އައިސްފައިވާ ބައެއް ނަމަވެސް، އުނގެނުމަށް ހުރި ޝައުޤުވެރިކަމާއި، ޤާނޫނީ ޢިލްމާއި، ފަލްސަފާގެ ރޫޙު އެމީހުންގެ މެދުގައި ހިއްސާކުރިއެވެ.
“ފައުންޑިންގ ފާޑަރސް” މި ލަފުޒު އެންމެ ފުރަތަމަ އުފެއްދެވީ އެމެރިކާގެ 29 ވަނަ ރައީސް ވޮރެން ހާޑިންގް 1916 ވަނަ އަހަރުއެވެ. އޭނާ ވިދާޅުވި ގޮތުގައި މިއީ އައު ޖުމްހޫރިއްޔާ މިނިވަންކަމާއި އިންސާފަށް ޚާއްޞަކުރި، އިންޤިލާބުގެ ފުރަތަމަ ޖީލުގެ ލީޑަރުންނެވެ.
ޖޯޖް ވޮޝިންޓަން
1732 ވަނަ އަހަރު ވާޖިނިއާގެ ދަނޑުވެރި އާއިލާއަކަށް އުފަންވި ޖޯޖް ވޮޝިންޓަންއަކީ ޤައުމުގެ ބަޕައެވެ. 1775 ގައި ލިބަރޭޝަން އާމީގެ ކޮމާންޑަރެއްގެ ގޮތުން އިނގިރޭސީންގެ މައްޗަށް ކާމިޔާބީ ހޯއްދަވައި، 1776 ގައި މިނިވަންކަން ހޯދުމަށް މަގުފަހިކޮށްދެއްވިއެވެ. 1789 ގައި އިއްތިފާޤުން ރައީސްކަމަށް ހޮވިވަޑައިގެން، ޖެހިޖެހިގެން ދެ ދައުރު ވެރިކަން ކުރެއްވިއެވެ. އޭނާގެ ވެރިކަމުގައި ސްޓޭޓްތަކުގެ އަދަދު 11 އިން 16 އަށް އިތުރުވެގެން ދިޔައެވެ. ވޮޝިންޓަން އަވަހާރަވީ 1799 ގައެވެ.
ޖޯން އެޑަމްސް
1735 ގައި އުފަންވި ޖޯން އެޑަމްސްއަކީ ހާވާޑުން ކިޔަވައިގެން ހުންނެވި ޤާނޫނީ މާހިރެކެވެ. މިނިވަންކަމުގެ އިޢުލާން އެކުލަވާލުމުގައި ބައިވެރިވެވަޑައިގެންނެވި އެޑަމްސްއަކީ އެމެރިކާގެ ފުރަތަމަ ނައިބު ރައީސް އަދި ދެވަނަ ރައީސެވެ. އޭނާ ވަނީ ފްރާންސާއެކު ހިނގަން އުޅުނު ހަނގުރާމައެއް ހުއްޓުވައި، ޑިޕްލޮމެޓިކް ރޮނގުން ބޮޑެތި ކާމިޔާބީތަކެއް ހޯއްދަވާފައެވެ. އެޑަމްސް އަވަހާރަވީ މިނިވަންކަމުގެ އިޢުލާނަށް 50 އަހަރު ފުރުނު ދުވަހުއެވެ.
ތޯމަސް ޖެފަރސަން
ތޯމަސް ޖެފަރސަންއަކީ އެމެރިކާގެ މިނިވަންކަމުގެ އިޢުލާންގެ މައިގަނޑު މުސައްނިފެވެ. 1801 ގައި ރައީސްކަމާ ހަވާލުވެވަޑައިގެން، ލޫސިއާނާގެ ބިންތައް ގަނެ އެމެރިކާގެ ސައިޒު ދެގުނައަށް ބޮޑުކުރެއްވިއެވެ. އޭނާއަކީ ޔުނިވަރސިޓީ އޮފް ވާޖިނިއާގެ ބާނީވެސްމެއެވެ. ޖެފަރސަން އަވަހާރަވީ 1826 ވަނަ އަހަރުގެ ޖުލައި 4 ގައެވެ.
ޖޭމްސް މެޑިސަން
“އެމެރިކާގެ ޤާނޫނު އަސާސީގެ ބައްޕަ” ގެ ގޮތުގައި މަޝްހޫރުވެފައިވާ ޖޭމްސް މެޑިސަންއަކީ ބާރުތައް ވަކިކުރުމުގެ އުޞޫލާއި “ބިލް އޮފް ރައިޓްސް” އެކުލަވާލުމުގައި އެންމެ މުހިންމު ދައުރު އަދާކުރެއްވި ބޭފުޅާއެވެ. އެމެރިކާގެ ހަތަރުވަނަ ރައީސްގެ ގޮތުން އޭނާ ވަނީ 1812 ގެ ހަނގުރާމައިގައި ޤައުމަށް ލީޑަޝިޕް ދައްކަވާފައެވެ.
ބެންޖަމިން ފްރެންކްލިން
ބެންޖަމިން ފްރެންކްލިންއަކީ ހަމައެކަނި ސިޔާސީ ބޭފުޅެއް ނޫނެވެ. އޭނާއަކީ ދުނިޔެ ދުށް މޮޅު ސައިންސްވެރިއެއް އަދި އީޖާދުވެރިއެކެވެ. ލައިޓްނިންގ ރޮޑާއި ފްރެންކްލިން ސްޓޯވް ފަދަ އީޖާދުތަކުން އޭނާ މަޝްހޫރުވިއެވެ. ފްރާންސުން އެމެރިކާއަށް އަސްކަރީ އެހީ ހޯދައިދިނުމުގައި އޭނާގެ ޑިޕްލޮމެޓިކް ހުނަރު ބޭނުންކުރެއްވިއެވެ.
އެލެގްޒެންޑަރ ހެމިލްޓަން
ޔަތީމު ކުއްޖެއްގެ ގޮތުގައި އުފަންވި ހެމިލްޓަންއަކީ އެމެރިކާގެ މާލީ ނިޒާމުގެ ބާނީއެވެ. ޓްރެޜަރީގެ ފުރަތަމަ ސެކްރެޓަރީގެ ގޮތުގައި ހުންނަވައި، ޤައުމީ ބޭންކެއް އުފައްދަވައި މާލީ ވަރުގަދަ އޮނިގަނޑެއް އެކުލަވާލެއްވިއެވެ. އޭނާ އަވަހާރަވީ 1804 ގައި ހިނގި މަޝްހޫރު ޑައުއެލްއެއްގައެވެ.
ޖޯން ޖޭ
ޖޯން ޖޭއަކީ ސުޕްރީމް ކޯޓުގެ ފުރަތަމަ އުއްތަމަ ފަނޑިޔާރެވެ. 1783 ގެ ޕެރިސް މުއާހަދާގައި ބައިވެރިވެވަޑައިގެން ހަނގުރާމަ ނިންމުމަށް މަސައްކަތް ކުރެއްވިއެވެ. އަދި ނިއުޔޯކުގެ ގަވަރުނަރުގެ ގޮތުގައި ހުންނަވައި، އަޅުވެތިކަން ނިމުމަކަށް ގެނައުމަށް މުހިންމު ޤާނޫނުތަކެއް ފާސްކުރެއްވިއެވެ.
މި ހުރިހާ ބޭފުޅުންގެ އެއްބާރުލުމާއި، ވިސްނުމާއި، އަދި ވަރުގަދަ ޢަޒުމުގެ ސަބަބުން އެމެރިކާއަކީ މިއަދު ފެންނަން އޮތް ވަރުގަދަ ޖުމްހޫރިއްޔާއަކަށް ވުމުގެ ބިންގާ އެޅިގެންދިޔައެވެ.
Leave a Reply