ސްޕެއިންގެ ތަރި ލާމިން ޔަމާލްގެ ނަމުގެ ފަހަތުގައިވަނީ އަސަރުގަދަ ވާހަކައެއް!

ކިޔާލާ.ކޮމް

ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ އުއްމީދީ އެއް ތަރި، ސްޕެއިންގެ ލާމިން ޔަމާލްގެ ނަމަކީ މިއަދު ފުޓްބޯޅަ ދުނިޔޭގައި އެންމެ ގަދައަށް އިވޭ އެއް ނަމެވެ. ނަމަވެސް މި ނަމުގެ ފަހަތުގައިވަނީ ގިނަ ބަޔަކަށް ނޭނގޭ، އިންސާނިއްޔަތުން ފުރިގެންވާ އަސަރުގަދަ ވާހަކައެކެވެ.

ލާމިން ޔަމާލް ނަސްރައުއީ އިބާނާ އުފަންވީ 2007 ވަނަ އަހަރު ކެޓަލޯނިއާގައެވެ. އޭނާގެ ބައްޕަ މުނީރު ނަސްރައުއީ އަކީ މޮރޮކޯގެ ރައްޔިތަކަށް ވާއިރު، މަންމަ ޝީލާ އިބާނާ އަކީ އިކުއެޓޯރިއަލް ގިނީގެ މީހެކެވެ. “ލާމިން” އަދި “ޖަމާލް” މި ދެ ނަމަކީވެސް އަރަބި ބަހުގެ މާނަވީ ދެ ނަމެވެ. “ލާމިން” ނުވަތަ “އަލްއަމީން” ގެ މާނައަކީ އިތުބާރު ކުރެވޭ މީހާއެވެ. އަދި “ޖަމާލް” ގެ މާނައަކީ ރީތިކަމެވެ.

ނަމަވެސް ސްޕެއިންގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، ޖަމާލްގެ މައިންބަފައިން މި ދެ ނަން އިޚްތިޔާރުކުރީ ހަމައެކަނި ދީނީ ނުވަތަ އާއިލީ ސަބަބަކަށްޓަކައެއް ނޫނެވެ. އެއީ އެ ދެމަފިރިންގެ ހަޔާތުގެ އެންމެ ދަތި ދުވަސްވަރު އެހީތެރިކަން ފޯރުކޮށްދިން ދެ މީހެއްގެ ހަނދާނުގައެވެ. ޖަމާލްގެ މަންމަ އޭނާއަށް ބަނޑުބޮޑުވިއިރު އުމުރަކީ އެންމެ 16 އަހަރެވެ. އެ ދުވަސްވަރު މާލީ ގޮތުން ދަތިހާލުގައި އުޅުނު އެ އާއިލާއަށް ކުލި ނުދެއްކިގެން މަގުމަތިވުމުގެ ބިރު ހީވި ހިނދު، “ލާމިނޭ” އަދި “ޖަމާލް” ކިޔާ ދެ މީހަކު ވަނީ އެމީހުންނަށް ބޯހިޔާވަހިކަން ހޯދައިދީ ވަރަށް ބޮޑަށް އެހީތެރިވެދީފައެވެ. އެ މީހުންގެ އިހްސާންތެރިކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ޖަމާލްގެ ބައްޕަ އޭނާގެ ދަރިފުޅަށް އެ ދެމީހުންގެ ނަން ދިނީއެވެ.

މިއަދު ލާމިން ޔަމާލްއަކީ ދުނިޔޭގެ ނިސްބަތުންވެސް އެންމެ އަގުބޮޑު އެއް ކުޅުންތެރިޔާއެވެ. ބާސެލޯނާގެ މަޝްހޫރު ލާ މާސިއާ އެކަޑަމީން ތަމްރީނުވެ، ސްޕެއިންގެ ގައުމީ ޓީމާއެކު ޔޫރޯ ކާމިޔާބުކޮށްފައިވާ ޖަމާލް، އޭނާގެ ކާމިޔާބީގެ ތެރޭގައިވެސް ނިކަމެތި ފެށުން ހަނދާނެއް ނުނައްތާލައެވެ. ލަނޑު ޖެހުމަށްފަހު އޭނާ އިނގިލިތަކުން ދައްކާ “304” ގެ ނިޝާނަކީ އޭނާ ބޮޑުވި ނިކަމެތި އަވަށް، ރޮކާފުންޑާގެ ޕޯސްޓް ކޯޑުގެ ފަހު ތިން އަދަދެވެ.

ޖުލައި މަހުގެ ކުރީކޮޅު ދިން އިންޓަވިއުއެއްގައި ޖަމާލް ބުނެފައިވަނީ، އޭނާގެ މަންމަ އުމުރުން 17 އަހަރުގައި އޭނާ ވިހެއިއިރު، ބައްޕަ އުޅުނީ މަގުމަތިން އެއްޗެހި ހޮވައިގެން ކާބޯތަކެތި ހޯދަން ކަމަށެވެ. “އަހަންނަށް އެއީ އަސްލު ޕްރެޝަރަކީ. މިހާރު ފުޓްބޯޅައިގައި ތަޖުރިބާ ކުރަމުންދާ ކަމެއް ނޫން،” އޭނާ ބުނެފައިވެއެވެ.

ޖަމާލްގެ ނަމާ ގުޅިފައިވާ އެ ދެމީހުންގެ އައިޑެންޓިޓީއަކީ އަދިވެސް ސިއްރެކެވެ. އެމީހުން ދުވަހަކުވެސް އާންމުންގެ ކުރިމައްޗަށް ނުކުމެ އެހީތެރިކަމުގެ ވާހަކަ ދައްކާފައެއް ނުވެއެވެ. ފަހަރުގައި އެއީ ޖަމާލްގެ ވިދުމަށް ހިޔަނި އަޅަން ބޭނުން ނުވާތީ ކަމަށްވެދާނެއެވެ. ނަމަވެސް ޔަގީންވާ ކަމަކީ، މީގެ 19 އަހަރު ކުރިން އެ ދެމީހުން ދެއްކި އިންސާނިއްޔަތުކަމުގެ ނަތީޖާއެއްގެ ގޮތުން މިއަދު މުޅި ދުނިޔެ އެ ނަމަކަށްޓަކައި ފަޚުރުވެރިވާ ކަމެވެ.

Be the first to comment

Leave a Reply

Your email address will not be published.


*