ފީފާ ވޯލްޑް ކަޕް 2026 ގެ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ވަރުގަދަ އިނގިރޭސިވިލާތުގެ މައްޗަށް ކުރިހޯދައި، އާރޖެންޓީނާއިން މުބާރާތުގެ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ހަލުވި އަދި މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. ދެ ޓީމުންވެސް ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް، ގިނަ ހަމަލާތައް ދިޔައީ ގޯލާ އަމާޒުނުވެއެވެ. ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފު ނިމިގެންދިޔައީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެ އޮވެގެންނެވެ.
ދެވަނަ ހާފަށް ދެ ޓީމުންވެސް ނުކުތީ މެޗު ކާމިޔާބުކުރުމުގެ އުއްމީދާއެކުގައެވެ. މެޗުގެ ނަތީޖާ ފުރަތަމަ ފަހަރަށް ބަދަލުކޮށްލީ އިނގިރޭސިވިލާތުންނެވެ. އެގޮތުން މެޗުގެ 55 ވަނަ މިނެޓުގައި ލަނޑެއް ޖަހައި އިނގިރޭސިން 1-0 ގެ ލީޑެއް ނެގިއެވެ. ނަމަވެސް އާރޖެންޓީނާއިން އުއްމީދު ކަނޑާނުލައި ކުރި މަސައްކަތުން، މެޗުގެ 85 ވަނަ މިނެޓުގައި ލަނޑެއް ޖަހައި ނަތީޖާ އެއްވަރުކުރިއެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރަށް ދެއްކި 7 މިނެޓުގެ ތެރޭގައި އާރޖެންޓީނާއިން ވަނީ އިތުރު ލަނޑެއް ޖަހައި މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑާއެކު 2-1 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށް، އާރޖެންޓީނާ ވަނީ ފައިނަލަށް ދަތުރުކޮށްފައެވެ.
މި މުބާރާތުގެ ފައިނަލް މެޗުގައި އާރޖެންޓީނާ ބައްދަލުކުރާނީ ސްޕެއިންއާއެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 20 ޖުލައި 2026 ވާ އާދީއްތަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 00:00 ގައެވެ. އަދި މުބާރާތުގެ ތިންވަނަ ހޮވާ މެޗުގައި އިނގިރޭސިވިލާތް ބައްދަލުކުރާނީ ފްރާންސާއެވެ.
Leave a Reply