ސްޕެއިން: 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލަށް ދަތުރުކުރާނެ ކަމަށް ގިނަ ބަޔަކު އުންމީދުކުރާ ދެ ޓީމު ކަމަށްވާ ސްޕެއިން އާއި އާޖެންޓީނާގެ ފޯރިގަދަވެފައިވަނިކޮށް، ފުޓްބޯޅައިގެ ތާރީޚީ އައިކޮނިކް ތަސްވީރެއް އަލުން ދުނިޔޭގެ ސަމާލުކަމަށް އަތުވެއްޖެއެވެ. މިއީ އާޖެންޓީނާގެ ލެޖެންޑް ލިއޮނަލް މެސީ އާއި ސްޕެއިންގެ އުއްމީދީ ތަރި ލަމީނޭ ޔަމާލް ތުއްތު ކުއްޖެއްގެ ގޮތުގައި ފެންނަ ތަސްވީރެކެވެ.
ސޯޝަލް މީޑިއާ އާއި ބައިނަލްއަގްވާމީ މީޑިއާތަކުގައި މި ފޮޓޯ އާންމުވުމާއެކު، ގިނަ ބަޔަކު ވަނީ މީގެ ސައްހަކަމާ މެދު ސުވާލު އުފައްދާފައެވެ. ޚާއްސަކޮށް ޔޫރޯ 2024 ގައި ސްޕެއިން އާއެކު ޔަމާލް ދެއްކި މޮޅު ކުޅުމާއި، ބާސެލޯނާގައި އޭނާ ހޯދަމުންދާ ކާމިޔާބީތަކާ ގުޅިގެން، ބައެއް ފަރާތްތަކުން ގަބޫލުކުރީ މިއީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ނުވަތަ ފޮޓޯ އެޑިޓިން ސޮފްޓްވެއާއެއް ބޭނުންކޮށްގެން އުފައްދާފައިވާ ފޭކް ފޮޓޯއެއް ކަމަށެވެ. ނަމަވެސް، މި ތަސްވީރަކީ ސައްހަ، އަދި އޭގެ ފަހަތުގައި ތާރީޚީ ވާހަކައެއް އެކުލެވިގެންވާ ފޮޓޯއެކެވެ.
ފޮޓޯގެ ފަހަތުގައިވާ ވާހަކަ.
މި ފޮޓޯ ނަގާފައިވަނީ ޑިސެމްބަރު 2007 ގައެވެ. އެއީ ލަމީނޭ ޔަމާލް އުފަންވިތާ އެންމެ ހަތަރު މަސް ފަހެވެ. މި ފޮޓޯ ނެގުނީ ބާސެލޯނާ ފައުންޑޭޝަނުން ސްޕެއިންގެ “ސްޕޯޓް” ނޫހާ ގުޅިގެން ހިންގި ޗެރިޓީ މަޝްރޫއެއްގެ ތެރެއިންނެވެ. އދ. އާ ގުޅިގެން ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގެ މަގްސަދަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ނިކަމެތި ކުޑަކުދިންނަށް އެހީތެރިވުމަށް ފައިސާ އެއްކުރުމެވެ.
މި މަޝްރޫއުގެ ދަށުން ތައްޔާރުކުރި 2008 ވަނަ އަހަރުގެ ކެލެންޑަރުގައި ހިމެނުމަށް ބާސެލޯނާގެ މަޝްހޫރު ކުޅުންތެރިން ކަމަށްވާ ޒާވީ ހަރްނާންޑޭޒް، ބޯޖަން ކްރްކިޗް، ޑެކޯ އަދި ރަފާ މާކޭޒްއާއެކު އޭރު އުމުރުން އެންމެ 20 އަހަރުގެ މެސީ ވެސް ހޮވުނެވެ. ބާސެލޯނާގެ ރަސްމީ ވެބްސައިޓުން މި ފޮޓޯ ސިފަކޮށްފައިވަނީ “ސިހުރުވެރި” ބައްދަލުވުމެއްގެ ގޮތުގައެވެ. އޭރު މެސީއަކީ އުއްމީދީ ކުޅުންތެރިއަކަށް ވީއިރު، އޭނާގެ އަތްމަތީގައި އޮތް ތުއްތު ކުއްޖާއަކީ ކޮންމެވެސް ދުވަހަކުން އޭނާގެ ފިޔަވަޅުމަތީގައި ހިނގާނެ ތަރިއަކަށް ވާނެ ކަމަށް އެކަކުވެސް އޭރު އުންމީދެއް ނުކުރެއެވެ.
ފޮޓޯގްރާފަރުގެ ތަޖުރިބާ
މި ފޮޓޯ ނެގި ފޮޓޯގްރާފަރު ޖޯއަން މޮންފޯޓް ބުނި ގޮތުގައި، މެސީ އާއި ޔަމާލް ބައްދަލުވީ ހަމަ އިއްތިފާގުންނެވެ. “ޗެރިޓީ ފޮޓޯއަށް ކުދިން ހޮވީ ގުރުއަތަކުން. އެހެންވެ މިއީ މެސީގެ ބަދަލުގައި އެހެން ކުޅުންތެރިއަކަށް ވެސް ވެދާނެ. އަދި ޔަމާލްގެ އާއިލާއިން ބޭނުންވި ނަމަ ރޮނާލްޑީނިއޯ ނުވަތަ އިނިއެސްޓާ ވެސް ހޮވިދާނެ،” މޮންފޯޓް ކިޔައިދިނެވެ.
އޭނާ އިތުރަށް ބުނި ގޮތުގައި އޭރު މެސީއަކީ ވަރަށް ލަދުގަންނަ ޒުވާނެކެވެ. އަދި އެއީ މެސީ އަތަށް ދިން ފުރަތަމަ ތުއްތު ކުއްޖާ ކަމަށް ވުމުން، އެ މުއާމަލާތް އޭރު ދިޔައީ ކުޑަކޮށް އުނދަގޫކޮށެވެ. ނަމަވެސް މިއަދު އެ ތަސްވީރަކީ އެއްވެސް އަދަދަކަށް ފައިސާއަކުން ނުގަނެވޭނެ ފަދަ އަގުހުރި އައިކޮނިކް ފޮޓޯއަކަށް ވެފައިވާ ކަމަށް އޭނާ ފާހަގަކުރިއެވެ.
ކުރިމަގުގެ އުންމީދު
2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ ޖުލައި 19، 2026 ވާ ހުކުރު ދުވަހު ނިއުޔޯކްގެ މެޓްލައިފް ސްޓޭޑިއަމްގައެވެ. މި ފޮޓޯއާ ގުޅޭގޮތުން ސުވާލު ކުރުމުން ލަމީނޭ ޔަމާލް ބުނީ، އޭނާ އާއި މެސީ ވެސް މިހާރު ބޮޑުވެއްޖެ ކަމަށާއި، ވޯލްޑް ކަޕްގެ ފައިނަލުގައި މެސީއާ ކުރިމަތިލުމަކީ އޭނާގެ ވަރަށް ބޮޑު އުންމީދެއް ކަމަށެވެ.

Leave a Reply