90 ގެ އަހަރުތަކުގައި އުފަންވާ މީހުން މުސްކުޅިވުން އަވަސް ހެއްޔެވެ؟ މި ޖީލަށް މާޔޫސް ކުރުވަނިވި ދިރާސާއެއް

އާންމުކޮށް އަޅުގަނޑުމެން އުމުރު ބަލަނީ އުފަންވި ތާރީޚުން ފެށިގެން ހޭދަވި އަހަރުތަކުގެ އަދަދުންނެވެ. ނަމަވެސް، ސައިންސްވެރިން މިހާރު ބުނަނީ މިއީ އިންސާނާގެ ހަގީގީ އުމުރު ދެނެގަތުމަށް އޮތް ހަމައެކަނި މިންގަނޑު ނޫން ކަމަށެވެ. ސެއިންޓް ލޫއިސްގެ ވޮޝިންޓަން ޔުނިވާސިޓީ ސްކޫލް އޮފް މެޑިސިން (ވޮޝްޔޫ މެޑިސިން) ގެ ދިރާސާވެރިން އިސްނަގައިގެން ކުރި އާ ދިރާސާއަކުން ދައްކާ ގޮތުގައި، ޒުވާން ޖީލުތައް، ހާއްސަކޮށް 1990 ގެ އަހަރުތަކުގައި އުފަންވި މީހުން، ކުރީގެ ޖީލުތަކަށް ވުރެ ބާރު ސްޕީޑެއްގައި ބަޔޮލޮޖިކަލީ މުސްކުޅިވަމުން އެބަދެއެވެ.

އާ ޖީލު މުސްކުޅިވަމުން އަންނަނީ އަވަސްވެފައެވެ

“ނޭޗާ މެޑިސިން” ޖާނަލްގައި ޝާއިއުކޮށްފައިވާ މި ދިރާސާއަކީ 90 ގެ ޖީލަށް މާޔޫސްކުރުވަނިވި ހަބަރެކެވެ. ދިރާސާއިން ދައްކާ ގޮތުގައި ފާއިތުވި ދިހަވަރަކަށް އަހަރުގެ ތެރޭގައި އުފަންވި މީހުންގެ “ތާރީޚީ އުމުރާއި” (އުޅެފައިވާ އަހަރުތަކުގެ އަދަދު) އަދި “ބަޔޮލޮޖިކަލް އުމުރާއި” (ހަށިގަނޑުގެ ސެލްތަކާއި ގުނަވަންތަކުގެ ހަގީގީ އުމުރު) ހުރި ފަރަގު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މީގެ މާނައަކީ އުމުރުން 30 އަހަރުގެ މީހެއްގެ ހަށިގަނޑުގެ އެތެރޭގެ ހާލަތު 40 ނުވަތަ 50 އަހަރުގެ މީހެއްގެ ހާލަތަށް ބަދަލުވަމުން ދިއުމެވެ. މިއީ “އަވަސް ފެށޭ ކެންސަރު” ނުވަތަ ޒުވާން އުމުރުގައި ކެންސަރު ޖެހުމުގެ ނުރައްކާ ބޮޑުވާން ދިމާވާ މައިގަނޑު އެއް ސަބަބު ކަމަށްވެސް މި ދިރާސާގައި ފާހަގަކޮށްފައިވެއެވެ.

ކެންސަރަކީ އާންމުކޮށް މުސްކުޅިވުމާ ގުޅުން ހުރި ބައްޔެކެވެ. ސަބަބަކީ ގިނަ އަހަރުތަކެއް ވަންދެން ހަށިގަނޑުގެ ސެލްތަކަށް ލިބޭ ގެއްލުންތައް ޖަމާވުމުން ކެންސަރު އުފެދުމަށް މަގުފަހިވާތީއެވެ. ނަމަވެސް، މިހާރަކަށް އައިސް މުޅި ދުނިޔޭގައި ޒުވާނުންގެ ތެރޭގައި ކެންސަރު ޖެހޭ މިންވަރު އިތުރުވަމުން ދާތީ ސައިންސްވެރިންގެ މެދުގައި ބޮޑު ސުވާލެއް އުފެދުނެވެ. އެއީ ޒުވާން ޖީލުތަކުގެ ހަށިގަނޑަށް ބަޔޮލޮޖިކަލް ގެއްލުންތައް ކުރީގެ ޖީލުތަކަށްވުރެ އަވަސް ރޭޓެއްގައި ލިބެނީ ހެއްޔެވެ؟ މި ދިރާސާގެ ހޯދުންތަކުން ދޭހަވަނީ މީގެ ޖަވާބަކީ “އާނއެކޭ” ކަމަށެވެ.

ޔުނިވާސިޓީ އޮފް ވޮޝިންޓަންގެ ސާޖަރީ އެންޑް މެޑިސިންގެ ޕްރޮފެސަރު އަދި މި ދިރާސާގެ ލީޑް ރިސާޗަރު، މޮލިކިއުލަރ އެޕިޑެމިއޮލޮޖިސްޓް ލީޑް ރިސާޗަރު އިން ކާއޯ ވިދާޅުވީ، “އަޅުގަނޑުމެންގެ އެންމެ ފަހުގެ އަމާޒަކީ ޒަމާނީ މާހައުލާއި ދިރިއުޅުމުގެ ވައްޓަފާޅި، ކެންސަރުގެ ނުރައްކާ އިތުރުވާ ބަޔޮލޮޖިކަލް އަސަރުތަކަށް ތަރުޖަމާވާ ގޮތް ދެނެގަތުމެވެ.”

ބަޔޮލޮޖިކަލް އުމުރަކީ ކޮބައި ހެއްޔެވެ؟

ތާރީޚީ އުމުރާ ހިލާފަށް ބަޔޮލޮޖިކަލް އުމުރަކީ ހަށިގަނޑުގެ ގުނަވަންތަކާއި ސެލްތަކުގެ ހަގީގީ ސިއްހީ ހާލަތު ދައްކުވައިދޭ އުމުރެވެ. މީހަކު ކުރާ ކާނާގެ އިހުތިޔާރުތަކާއި، ކަސްރަތު ކުރުމާއި، ނިދުމުގެ އާދަތަކާއި، ތިމާވެށީގެ ތަޣައްޔަރުކަމާއި، އަދި ޖެނެޓިކް ކަންތައްތަކަށް ބަލާއިރު، މީހެއްގެ ބަޔޮލޮޖިކަލް އުމުރު އޭނާގެ އަސްލު އުމުރަށްވުރެ މާ ބޮޑަށް ދުވަސްވީ ނުވަތަ ހަގަ މީހަކަށް ވެދާނެއެވެ.

މި އުމުރު ވަޒަންކުރުމަށްޓަކައި ސައިންސްވެރިން ބަރޯސާވަނީ ހަމައެކަނި ބޭރުފުށުގެ ސިފަތަކަކަށް ނޫނެވެ. ދިފާއީ ނިޒާމާއި، ސަރުބީ ޓިޝޫތަކާއި، އަދި ހަށިގަނޑުގެ ޖުމްލަ މުސްކުޅިވުން ލަފާކުރުމަށްޓަކައި ލޭގެ ޓެސްޓުތަކާއި، މެޓަބޮލިޒަމްގެ ރޭޓާއި، އެކި ގުނަވަންތަކާ ގުޅުންހުރި ޕްރޮޓީންގެ މިންވަރު ހިމެނޭ ކުރިއަރާފައިވާ “ވައިޓަލް ސައިންސްތައް” ބޭނުންކުރެއެވެ.

160،000 އަށް ވުރެ ގިނަ މީހުންގެ ތަހުލީލު

މި ބޮޑު ދިރާސާ ބަރޯސާވެފައިވަނީ ވަރަށް ފުޅާ ދާއިރާއެއްގެ މައުލޫމާތުގެ މައްޗަށެވެ. އެގޮތުން އިނގިރޭސިވިލާތުގެ “ބަޔޯބެންކް” ޑޭޓާބޭސްގައި ހިމެނޭ 154,000 އަށް ވުރެ ގިނަ ބައިވެރިންގެ މައުލޫމާތާއި، އެމެރިކާގެ ނޭޝަނަލް އިންސްޓިޓިއުޓްސް އޮފް ހެލްތުގެ “އޮލް އޮފް އަސް” ޕްރޮގްރާމްގެ 10,000 އަށް ވުރެ ގިނަ މީހުންގެ ޑޭޓާ ވަނީ ތަހުލީލުކޮށްފައެވެ.

މި ދިރާސާގެ ހޯދުންތަކުން އެނގިގެންދަނީ، ޒަމާނީ ދިރިއުޅުމުގެ ވައްޓަފާޅިއާއި ކާބޯތަކެތީގެ އާދަކާދަތަކުގެ ސަބަބުން 90 ގެ އަހަރުތަކުގައި އުފަންވި ޒުވާނުންގެ ހަށިގަނޑު މުސްކުޅިވާ ރޭޓު ވަރަށް ބޮޑަށް އަވަސްވެފައިވާ ކަމެވެ. މިއީ ސިއްހީ ދާއިރާއަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމަކަށްވާއިރު، އަމިއްލަ ސިއްހަތަށް ދޭ ސަމާލުކަން އިތުރުކުރުމަށް މި ޖީލަށް ލިބުނު ވަރުގަދަ އިންޒާރެކެވެ.

Be the first to comment

Leave a Reply

Your email address will not be published.


*