ވިނިޝިއަސް ޖޫނިއާގެ އައު ސިފަ: ކޮސްމެޓިކް ސާޖަރީއަށްފަހު އައި ބޮޑު ބަދަލު

ކިޔާލާ.ކޮމް

ރެއާލް މެޑްރިޑްގެ ތަރި އަދި ބްރެޒިލްގެ މަޝްހޫރު ފޯވާޑް ވިނިޝިއަސް ޖޫނިއާ، ޗުއްޓީއަށްފަހު އަލުން އާންމުންގެ ތެރެއަށް ނުކުތްއިރު، އޭނާގެ ސިފައަށް އައިސްފައިވާ ބޮޑު ބަދަލާއެކު މުޅި ދުނިޔެ ސިއްސުވާލައިފިއެވެ. އުމުރުން 26 އަހަރުގެ މި ކުޅުންތެރިޔާ ބްރެޒިލަށް އެނބުރި އައުމަށްފަހު، ފުރަތަމަ ފަހަރަށް އާންމުކޮށް ފެނިގެންދިޔައީ ގޮއިއާނިއާ ސިޓީގައި އޭނާގެ ގާތް އިންފްލޫއެންސަރަކު ހުޅުވި ފުރަތަމަ ޖިމްގެ ރަސްމިއްޔާތުގެ ތެރެއިންނެވެ. މި ފެނިލުމާއެކު، ސޯޝަލް މީޑިއާގައި އޭނާގެ ސިފައާ ގުޅޭގޮތުން ބޮޑު ބަހުސެއް ވަނީ އުފެދިފައެވެ.

ބްރެޒިލްގެ ނޫސްތަކެއް ކަމަށްވާ ޓީއެމްސީ އާއި ޕޯޓަލް ލިއޯޑިއާސްއިން ރިޕޯޓްކުރާ ގޮތުގައި، ވިނިޝިއަސްގެ މޫނަށް އައިސްފައިވާ މި ބަދަލަކީ ޑިޖިޓަލް އެޑިޓިންއެއް ނުވަތަ ފޮޓޯޝޮޕްގެ ނަތީޖާއެއް ނޫނެވެ. އެއީ އޭނާ ހަދާފައިވާ ކޮސްމެޓިކް ފޭޝަލް ސާޖަރީއެއްގެ ނަތީޖާއެވެ. ޚާއްސަކޮށް އޭނާގެ ދަތްދޮޅީގެ ބައްޓަމަށް ބަދަލު ގެނައުމަށް “ޗިން ކަރެކްޝަން” ސާޖަރީއެއް ހަދާފައިވާކަން މީޑިއާތަކުން ވަނީ ކަށަވަރުކޮށްދީފައެވެ.

މި ސާޖަރީގެ ފަހަތުގައިވަނީ ބްރެޒިލްގެ މަޝްހޫރު ފަންނާނުންނާއި ސެލެބްރިޓީންގެ އިތުބާރު ހޯދާފައިވާ ހަމުގެ ޚާއްސަ ސާޖަން އެލެސަންޑްރޯ އަލްރާކާއޯ އެވެ. ރިޕޯޓްތައް ބުނާގޮތުގައި މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ވަރަށް ބޮޑަށް ސިއްރުކޮށްގެންނެވެ. އެގޮތުން، އޮޕަރޭޝަން ކުރި ދުވަހު ކްލިނިކްގެ ދޮރުތައް އާންމުންނަށް ބަންދުކޮށް، މުޅި ދުވަސް ޚާއްސަކޮށްފައިވަނީ ހަމައެކަނި ރެއާލް މެޑްރިޑްގެ ތަރިއަށް ފަރުވާ ދިނުމަށެވެ. ނަމަވެސް، މިހާ ސިއްރުވެރިކޮށް ކަންކަން ކުރި ނަމަވެސް، އޭނާގެ އައު ސިފަ އާންމުންނަށް ފެނުމާއެކު އެކަމުގެ ތަފްސީލުތައް މުޅި ދުނިޔެއަށް ފެތުރިގެން ދިޔައެވެ.

ސޯޝަލް މީޑިއާގައި ވިނިޝިއަސްގެ މި ބަދަލާ ގުޅިގެން ވަނީ ބޮޑު ހައިރާންކަމެއް އުފެދިފައެވެ. އެކްސް (ކުރީގެ ޓްވިޓާ) ގައި ވިނިޝިއަސްގެ ނަން ޓްރެންޑްވެފައިވާއިރު، ގިނަ ބަޔަކަށް އޭނާ ދެނެގަންނަން ވެސް ވަނީ އުނދަގޫވެފައެވެ. ގާތްގަނޑަކަށް 3 މިލިއަން ވިއުސް ލިބުނު ޕޯސްޓެއްގައި ޔޫޒަރަކު ބުނެފައިވަނީ “އަހަރެންގެ ސިކުނޑިއަށް މިއީ ވިނިޝިއަސް ކަމަށް ނުވިސްނޭ” ކަމަށެވެ. އަދި ބައެއް މީހުން އޭނާއަކީ “ދެނެގަނެވޭ ވަރުގެ މީހެއް ނޫން” ކަމަށް ބުނެ ކޮމެންޓްކޮށްފައިވާއިރު، މިއީ ފުޓްބޯޅަ ކުޅުންތެރިއެއްގެ ސިފައަށް މިހާ ބޮޑު ބަދަލެއް އައި ފުރަތަމަ ފަހަރުގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.

ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަކީ ވިނިޝިއަސްއަށް ވަރަށް މުހިންމު ސީޒަނަކަށް ވާނެއެވެ. އޭނާގެ އައު ސިފައާއެކު ދަނޑުމަތިން ފެނިގެންދާއިރު، ސަޕޯޓަރުންގެ ލޯތްބާއި ސަމާލުކަން އޭނާއަށް އިތުރަށް ލިބޭނެކަމަށް ބެލެވެއެވެ. ރެއާލް މެޑްރިޑާއި ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ފާހަގަކޮށްލެވޭ އެއް ތަރީގެ ގޮތުގައި ވިނިޝިއަސްގެ ކެރިއަރު ކުރިއަށްދާއިރު، މި ގެނައި ބަދަލަކީ އޭނާގެ އަމިއްލަ ނަފްސަށް އޮތް އިތުބާރު ބޮޑުކުރުމަށް އެޅި ފިޔަވަޅެއް ކަމަށް ބައެއް މީހުން ދެކެއެވެ. ކޮންމެއަކަސް، ވިނިޝިއަސްގެ މި އައު “ލުކް” އަކީ މިވަގުތު ފުޓްބޯޅަ ދުނިޔޭގެ އެންމެ ހޫނު މައުޟޫއެވެ.

Be the first to comment

Leave a Reply

Your email address will not be published.


*