ލަންޑަންގެ ކާރުބާރު ބޮޑު މާހައުލަށް ދުނިޔެ ހޭލައިފިއެވެ. ފިނިމޫސުމުގެ ގަދަ ފިނީގައި މުޅި ސަހަރު ވަނީ ހުދު ކަފަކޮޅުތަކެއް ފަދަ ސްނޯއިން ފޮރުވިފައެވެ. މަގުތަކުގެ މަތީގައިވާ ގަސްތަކާއި އިމާރާތްތަކުގެ ފުރާޅުތައް ވަނީ ސްނޯގެ ހުދު ދޫލައިން ފަރުދާވެފައެވެ. މި ހަލަބޮލި އަދި ފިނި މާހައުލަކީ އުމުރުން 19 އަހަރުގެ ޒައިނާގެ މިހާރުގެ ދިރިއުޅުމެވެ. އިނގިރޭސިވިލާތުގެ ތަހުޒީބާއި ޔޫރަޕްގެ ގޮތްފޮތް ޒައިނާގެ ދިރިއުޅުމަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ.
ޒައިނާއަކީ ފެޝަނަށް ލޯބިކުރާ، އަބަދުވެސް ތުންފަތްމަތީގައި ހިނިތުންވުމެއް ރަސްކަންކުރާ، ހަލުވި އަންހެންކުއްޖެކެވެ. އޭނާގެ މިޒާޖު އެހެން ކުދިންނާ ތަފާތެވެ. ކޮންމެ ކަމެއްގައިވެސް މުރާލިކަމާއި ހިތްވަރު ދައްކުވައިދޭ ޒުވާނެކެވެ.
“ދަރިފުޅާ ޒައިނާ! އަވަހަށް ތެދުވޭ. އެޔޮށް ކޮލެޖަށް ދާ ގަޑި ޖެހެނީ،” ޒައިނާގެ މަންމަ ޒުލޭޙާ އޯގާތެރިކަމާއެކު ގޮވާލިއެވެ.
“ޔެސް މޮމް.. އައި މި ތެދުވީއޭ،” ދެލޯ އުގުޅަމުން، ނިދީގެ އަސަރު އެކުލެވިފައިވާ އަޑަކުން ޒައިނާ ޖަވާބުދިނެވެ.
ޒައިނާ އެނދުން ތެދުވެ، ހޭވިފައިވާ އިސްތަށިގަނޑު ފަހަތަށް އޮޅާލުމަށްފަހު ހުޅިއެއް ޖަހާލިއެވެ. އަދި ކޮޓަރީގެ ބޮޑު ކުޑަދޮރުގެ ފޮތިގަނޑު ކަހާލިއެވެ. ކުރިމަތިން ފެންނަން އޮތީ ލަންޑަންގެ ހަލަބޮލި މަގުތަކެވެ. ސްނޯގެ ސަބަބުން ޖައްވު ވަނީ ފުސްވެފައެވެ. މަގުމަތީގައި ދުއްވާފައިދާ ކާރުތަކުގެ ބުރަކީލުން ބިންމަތީގައިވާ ހުދު ސްނޯގަނޑުގެ މަތީގައި ކުރެހުންތަކެއް އަޅަމުންދެއެވެ.
“ހޫމް ދޮންތީ…” ކޮޓަރީގެ ދޮރުމަތީގައި ހުރި ޒީނިޔާ ކަރުކެހިލަމުން ގޮވާލިއެވެ.
ޒައިނާ ސިހިފައި ފަހަތަށް ބަލާލިއިރު، އޭނާގެ ހަގު ކޮއްކޮ ޒީނިޔާ ހުރީ ލާނެއް ހިނިތުންވުމަކާއެކު ބަލާށެވެ. ޒައިނާ އާއި ޒީނިޔާ އަކީ އެކަކު އަނެކަކާ ސަމާސާކޮށް، ތޮޅުމުގައި ކުޑަކުދިންތަކެއް ފަދަ ބައެކެވެ. ނަމަވެސް، ދިރިއުޅުމުގެ ބޮޑު ކަމެއް ދިމާވާ ހިނދު، އެ ދެބެންނަކީ އެކަކު އަނެކަކަށްޓަކައި ގުރުބާންވާން ތައްޔާރަށް ތިބޭ ދެ ރޫހެވެ.
“މިހާރު މަ ކީއްކުރީ؟ ކިހިނެއްވީ؟” ޒައިނާ ތުން ފިއްތާލަމުން ބުނެލިއެވެ.
“މަންމަ ބުނީ އަވަސްކުރާށޯ. ހެނދުނު ސައިވެސް ބޯން ޖެހޭނެދޯ،” ޒީނިޔާ ހެމުން ބުނެލިއެވެ. އަދި ދުވެފައި ކަހަލަ ގޮތަކަށް ތިރިއަށް ދިޔައީ މަންމައަށް އެހީތެރިވުމަށެވެ.
މުހައްމަދުފުޅާއި ޒުލޭޙާއަކީ ތަނަވަސް ބައެކެވެ. އެމީހުންގެ މުޅި ދިރިއުޅުން ބިނާވެފައިވަނީ ދެބެންގެ ކިޔެވުމާއި މުސްތަގުބަލަށްޓަކައެވެ. ކޮލެޖުގެ ހުރިހާ ޚަރަދެއް އެއްވެސް ދަތިކަމެއް ނެތި އެ ދެމަފިރިން ދިޔައީ ހަމަޖައްސައިދެމުންނެވެ.
އިރުކޮޅެއް ފަހުން ޒައިނާ ތައްޔާރުވެގެން ތިރިއަށް ފޭބިއިރު، ކާ މޭޒުދޮށުގައި މުހައްމަދުފުޅާއި ޒުލޭޙާ އަދި ޒީނިޔާ ތިއްބެވެ.
“ހޫމް.. މިޔޮށް އައީ މިގޭގައި އުޅޭ ރާނީ. އަވަހަށް ވަޑައިގަންނަވާ،” ޒައިނާ ފެނުމާއެކު ޒީނިޔާ މަޖާ ރާގަކަށް ބުނެލިއެވެ.
“މަންމާ! މަށެއް ސައެއް ނުބޯނަން،” ޒީނިޔާ ކުއްލިއަކަށް ތެދުވަމުން ބުންޏެވެ. އޭނާ ހުރީ ކޮލެޖަށް ދާން އަވަސްވެފައެވެ.
ޒީނިޔާ ގެއިން ނިކުމެގެން ދިޔައިރު، އޭނާގެ ކަންފަތުގައި އިން ހެޑްސެޓުން އިވެމުންދިޔައީ އޭނާއަށް އެންމެ ކަމުދާ “ނޯ ޕްރޮމިސް” މި ލަވައެވެ. އެ ލަވައިގެ ކޮންމެ ބަހަކީ އޭނާގެ ހިތާ ކުޅެލާ ފަދަ އަސަރުގަދަ ބަސްތަކެކެވެ. ފިނި ފިނި ވައިރޯޅިތަކުގެ ތެރެއިން ޒީނިޔާ ހިނގައިގަތީ، ދިރިއުޅުމުގެ އާ ދުވަހަކަށް ކުރިމަތިލުމަށެވެ. މާހައުލު ކިތަންމެ ފިންޏަސް، އެ އާއިލާގެ ގުޅުމާއި ލޯބީގެ ހޫނުކަން އެކުދިންގެ ހިތްތަކުގައި އަބަދުވެސް ބިންވަޅު ނެގިފައިވެއެވެ.

Leave a Reply