ރަން ރައްކާކުރުމުގައި ލަންޑަންގެ ބާރުގަދަވުން – ޗައިނާގެ ވާދަވެރިކަމަށް އޮތް ގޮންޖެހުންތަކަކީ ކޮބައިތޯ؟

ފޮޓޯ : އަލް ޖަޒީރާ

ލަންޑަން، އިނގިރޭސިވިލާތް: ދުނިޔޭގެ މާލީ މަރުކަޒު އޭޝިއާއާ ދިމާލަށް އެނބުރެމުންދާ ކަމުގެ ވާހަކަތައް ގަދަވެފައިވީ ނަމަވެސް، ދުނިޔޭގެ ގައުމުތަކުގެ ރަން ރިޒާވް ރައްކާކުރުމުގެ އެންމެ ބޮޑު މަންޒިލަކަށް އަދިވެސް އޮތީ އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނެވެ.

ވޯލްޑް ގޯލްޑް ކައުންސިލުން 2026 ވަނަ އަހަރު ކުރި ސާވޭއަކުން ދައްކާގޮތުގައި، ދުނިޔޭގެ 76 މަރުކަޒީ ބޭންކަކުން އަދިވެސް އެންމެ ބޮޑަށް އިތުބާރުކުރަނީ ބޭންކް އޮފް އިންގްލެންޑަށެވެ. 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ލަންޑަންގެ ވޯލްޓްތަކުގައި 9,464 ޓަނުގެ ރަން ރައްކާކޮށްފައިވެއެވެ. މިއީ ގާތްގަނޑަކަށް 1.2 ޓްރިލިއަން ޑޮލަރުގެ އަގުހުރި ރަނެވެ. މީގެ ތެރެއިން ބޭންކް އޮފް އިންގްލެންޑުގެ ބިމުގެ އަޑީގައިވާ 9 ވޯލްޓެއްގައި އެކަނިވެސް 400,000 އަށް ވުރެ ގިނަ ރަން ބާރު (Gold Bars) ހުއްޓެވެ.

ލަންޑަނަށް އިސްކަންދޭ ސަބަބުތައް

އިގްތިސާދީ މާހިރު އަދި ބޭންކަރ ޝެރިފް އުސްމާން ފާހަގަކުރައްވާ ގޮތުގައި، ލަންޑަނަށް މި ދަރަޖަ ލިބިފައިވަނީ 19 ވަނަ ގަރުނުގެ “ގޯލްޑް ސްޓޭންޑަޑް” ޒަމާނުން ފެށިގެންނެވެ. އޭޝިއާ އާއި އެމެރިކާގެ މާކެޓްތަކުގެ މެދުގައި ލަންޑަން އޮތް ޖިއޮގްރަފިކަލް މަގާމުގެ އިތުރުން، އިނގިރޭސިވިލާތުގެ ވަރުގަދަ ގާނޫނީ ނިޒާމާއި މުދަލުގެ ހައްގުތައް ހިމާޔަތްކުރުމަށް އޮންނަ އިތުބާރަކީ މަރުކަޒީ ބޭންކުތަކުން އެތަނަށް އިސްކަންދޭ މައިގަނޑު ސަބަބެވެ.

އިގްތިސާދީ މާހިރު ހިޝާމް ބަލްމިން ވިދާޅުވި ގޮތުގައި، ލަންޑަނަކީ ދުނިޔޭގެ އެންމެ “ލިކުއިޑް” ނުވަތަ ފަސޭހައިން މުާމަލާތް ކުރެވޭ ރަނުގެ ބާޒާރެވެ. ލަންޑަންގައި ބޭނުންކުރާ “ލަންޑަން ގުޑް ޑެލިވަރީ” ސްޓޭންޑަޑްގެ ސަބަބުން، ރަނުގެ ފެންވަރާއި ބަރުދަނާމެދު ޝައްކެއް ނޯވެއެވެ. މީގެ ސަބަބުން ރަން ގަނެވިއްކުމާއި، ލޯނު ދިނުމުގެ މުއާމަލާތްތައް އެއްވެސް ލަސްކަމެއް ނެތި ކުރިއަށްދެއެވެ.

ގައުމުން ބޭރުގައި ރަން ރައްކާކުރުމުގެ ބޭނުން

ގައުމުތަކުން އަމިއްލަ ބޯޑަރުން ބޭރުގައި ރަން ރައްކާކުރަނީ ހަމައެކަނި ރައްކާތެރިކަމަކަށް ނޫނެވެ. ބަލްމޭން ތަފްސީލުކޮށްދެއްވި ގޮތުގައި، ލަންޑަން ނުވަތަ ނިއުޔޯކް ފަދަ މަރުކަޒުތަކުގައި ރަން ބެހެއްޓުމުން، ދުނިޔޭގެ ބާޒާރުގައި ވަގުތުން ރަން ވިއްކާލުމުގެ ފުރުސަތު ލިބި، އޮޕަރޭޓިން ހަރަދުތައް ކުޑަވެގެންދެއެވެ.

ނަމަވެސް، ފަހަކަށް އައިސް ގައުމުތަކުން އެކި ސަރަހައްދުތަކަށް ރިޒާވް ބަހާލުމުގެ އާދަ ވަނީ އިތުރުވެފައެވެ. 2026 ވަނަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އަމިއްލަ ގައުމުގައި ރަން ރައްކާކުރާ މިންވަރު ވަނީ 5 އިންސައްތައިން 9 އިންސައްތައަށް އިތުރުވެފައެވެ.

ޗައިނާގެ ވާދަވެރިކަން

ޗައިނާއިން ޝަންހާއީ ގޯލްޑް އެކްސްޗޭންޖް ފުޅާކޮށް، ބައިނަލްއަގުވާމީ ވިޔަފާރީގައި ޔުއާން ބޭނުންކުރުން އިތުރުކުރި ނަމަވެސް، އަދިވެސް ލަންޑަނުގެ މަގާމަށް ބޮޑު ބަދަލެއް ގެނެވިފައެއް ނުވެއެވެ. ޗައިނާގެ އަމާޒަކީ ހުޅަނގުގެ މަރުކަޒުތަކަށް ބަރޯސާވުން ކުޑަކުރުން ކަމަށްވީ ނަމަވެސް، ލަންޑަނުގެ މާލީ އަދި ގާނޫނީ އޮނިގަނޑު އޮތް ވަރުގަދަ މިނަކަށް ވާސިލުވުމަށް އަދި ގިނަ މަސައްކަތްތަކެއް ކުރަންޖެހެއެވެ.

މިއަދުގެ މި ވާދަވެރިކަމަކީ ހަމައެކަނި ރަން ޖަމާކުރުމުގެ ރޭހެއް ނޫނެވެ. އެއީ ދުނިޔޭގެ ގައުމުތަކުން އެމީހުންގެ މުއްސަނދިކަން އަމާނާތްތެރިކަމާއެކު ބެލެހެއްޓޭނެ ފަދަ އިތުބާރު ހުރި މުއައްސަސާތަކާއި މާކެޓްތައް ބިނާކުރުމުގެ ވާދަވެރިކަމެކެވެ

Be the first to comment

Leave a Reply

Your email address will not be published.


*