ފަސް މަސް ދުވަހުގެ ބޮން އެޅުމަށްފަހުވެސް އީރާނުގެ މިސައިލް ނުރައްކާ ދެމިއޮތީ ކީއްވެ؟

ފޮޓޯ އަލް ޖަޒީރާ

އަރަބި ގަލްފުގެ ފެންގަނޑުގެ މައްޗަށް އަލިފާންގަނޑު އުފުލި، މުޅި ސަރަހައްދުގައި އެކި ދިމަދިމާލުގައި އެތުރިފައިވާ އަސްކަރީ މަރުކަޒުތަކުން ގޮވުންތައް ގުގުމާލަމުންދާއިރު، އެމެރިކާއާއި އީރާނާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތައް މިހާރު ވަނީ އާދައިގެ ހަނގުރާމައަކަށްވުރެ މާ ކޮމްޕްލެކްސް މަރުހަލާއަކަށް ގޮސްފައެވެ.

އެމެރިކާގެ ވައިގެ މަގުން ފަސް މަސް ދުވަހު ހިންގި ވަރުގަދަ އޮޕަރޭޝަންތަކަށް ފަހުވެސް، އީރާން ހުއްޓުވުމުގެ (deterrence) އީކުއޭޝަނެއް ގާއިމްކުރުމުގައި ވޮޝިންޓަނަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ. ބިމުގެ ހަގީގަތްތަކަށާއި ސިޔާސީ މަސްރަހަށް ބަލާއިރު، ތެހެރާނުން ބުނަމުންދަނީ އަދިވެސް ހަނގުރާމަ ކުރިއަށް ގެންދިއުމާއި ދެކޮޅުވެރިންނަށް ގެއްލުން ދިނުމުގެ ފުރިހަމަ ގާބިލްކަން އެގައުމުގައި އެބަހުރި ކަމަށެވެ.

މި ހަމަނުޖެހުމުގެ އަސަރުތައް ދުނިޔޭގެ ހަކަތަ މާކެޓްތަކަށް ފޯރަން ފަށާފައިވާއިރު، އަސްކަރީ ކުރިމަތިލުންތައް މިހާރު ވަނީ ހަނގުރާމައިގެ މައިދާން ފަހަނައަޅައި ގޮސް “ސްޓްރެޓެޖިކް ކްރައިސިސް” އަކަށް ބަދަލުވެފައެވެ.

ޓެކްޓިކަލް ކާމިޔާބީއެއް، ނަމަވެސް ސްޓްރެޓެޖިކް ފެއިލްވުމެއް؟
ޕޮލިޓިކޯ ނޫހުން ރިޕޯޓްކުރާ ގޮތުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނުގެ ބްރިޖްތަކާއި އިންޖީނުގެތަކަށް ބޮން އެޅުމަށް ދެއްވާ އިންޒާރުތަކުން ހާމަވަނީ، ތެހެރާނުން ދޫނުދިނުމުގެ ސަބަބުން އެމެރިކާގެ ސަރުކާރުގެ ތެރޭގައި އުފެދިފައިވާ މާޔޫސްކަމެވެ.

އެމެރިކާގެ ކުރީގެ އަސްކަރީ އޮފިޝަލަކު ވިދާޅުވި ގޮތުގައި، “އެމެރިކާއިން ފަސްޖެހިގެން ނުވަތަ މަޑުމަޑުން ބާރު ބޭނުންކުރުމަކީ ހަމަނުޖެހުން ދިގުލައިގޮސް، ނުރައްކާތައް އިތުރުވާ ކަމެއް” ކަމަށެވެ. މިދިޔަ އަންގާރަ ދުވަހު ސެނެޓުގައި ބޭއްވި އަޑުއެހުމެއްގައި ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަން ޖެނެރަލް ޑޭން ކީން ވެސް ވަނީ ވައިގެ ބާރުގެ ހައްދުތަކެއް ހުންނަކަމަށް އެއްބަސްވެވަޑައިގެންފައެވެ. އެ ބައްދަލުވުމުގައި ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ވިދާޅުވީ، އީރާނަށް ބޮޑެތި ގެއްލުންތަކެއް ދެވުނު ނަމަވެސް، އެގައުމުގެ އަސްކަރީ ގާބިލްކަން އަދިވެސް އެބަހުރި ކަމަށެވެ.

ބޮމުގެ ހަމަލާތަކަށް ކެތްކުރި “މިސައިލް ސިޓީތައް”
އިނގިރޭސިވިލާތުގެ ޑެއިލީ ޓެލެގްރާފް ނޫހުން ހާމަކޮށްފައިވާ ގޮތުގައި، އީރާނުން ވަނީ އެމެރިކާގެ ހަމަލާތަކުން ފިލާވަޅު ހޯދައި، އެގައުމުގެ މިސައިލް ނިޒާމު އާދަޔާ ހިލާފަށް ތަރައްގީކޮށްފައެވެ. ކުރިން މިސައިލް ލޯންޗުކުރަން 15 ގަޑިއިރު ހޭދަވި ނަމަވެސް، މިހާރު އެ ވަގުތު ވަނީ 30 މިނެޓަށް ވުރެ ކުޑަކޮށްފައެވެ.

އީރާނުގެ ސިފައިންގެ ތަރުޖަމާނު ބްރިގޭޑިއާ ޖެނެރަލް އަބޮލްފާޒްލް ޝެކާރްޗީ ވިދާޅުވި ގޮތުގައި، ޑްރޯން އާއި މިސައިލް އުފެއްދުމުގެ މަސައްކަތް ހިނގަމުންދަނީ “ހަނގުރާމައިގެ ހިތުގައި” ކަމަށާއި، އުފައްދާ ތަކެތި ވަގުތުން މައިދާނަށް ނެރެވެއެވެ.

އީރާނުގެ މި ބާރު ދެމިއޮތުމުގެ ސިއްރަކީ ފަރުބަދަތަކުގެ ފުންމިނުގައި ބިނާކޮށްފައިވާ “މިސައިލް ސިޓީތައް” ކަމަށް ރިޕޯޓްތައް ބުނެއެވެ. މިއީ އެންމެ ވަރުގަދަ ބޮމުގެ ހަމަލާތަކަށްވެސް ކެތްކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ނެޓްވޯކެކެވެ. އީރާނުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މި ތަންތަނަކީ ބައެއް އަސްކަރީ ކޮމާންޑަރުންނަށްވެސް އެނގޭ ވަރަށްވުރެ މާ ފުނުގައި ހުރި ތަންތަނެވެ.

ޕޮލިޓިކޯ، ނިއުޔޯކް ޓައިމްސް އަދި ފޮރިން ޕޮލިސީ ފަދަ މަޖައްލާތަކުގެ ތަހުލީލުތަކުން ދައްކާ ގޮތުގައި، ވޮޝިންޓަނަށް މިހާރު އޮތީ ތިން ގޮތެކެވެ: ހަނގުރާމަ ވަރަށް ބޮޑަށް ފުޅާކުރުން، ބިންމަތިން އަރައިގަތުން، ނުވަތަ އެއްވެސް ނަތީޖާއެއް ނުނިކުންނަ “ޓިޓް ފޯ ޓެޓް” ހަމަލާތަކެއްގައި ކުރިއަށް ދިއުމެވެ. އެހެންކަމުން، މި ހަނގުރާމަ މިހާރު ވަނީ އަސްކަރީ، ސިޔާސީ އަދި އިގްތިސާދީ ގޮތުން ނިމުމެއް ފެންނަން ނެތް އޯޕަން އެންޑްޑް މަރުހަލާއަކަށް ވަދެފައެވެ.

Be the first to comment

Leave a Reply

Your email address will not be published.


*