ދުރުވާން ޖެހުނަސް 03

ކިޔާލާ.ކޮމް ( ދުރުވާން ޖެހުނަސް )

ކުރީ ބައިގެ ޚުލާސާ:
ޒައިނާގެ ދިރިއުޅުމަށް އައި ބޮޑު ތޫފާނަށްފަހު، އޭނާ މަސައްކަތް ކުރަމުންދިޔައީ އެ ހިތްދަތިކަން މަންމައަށް ސިއްރުކުރުމަށެވެ. ނަމަވެސް އެކުވެރި ރާނިޔާއަށް މިކަން އޮތީ އެނގިފައެވެ. އަމިއްލަ ނަފްސާ ހަނގުރާމަކުރަމުންދިޔަ ޒައިނާގެ ކުރިމައްޗަށް މިހާރު މިވަނީ ރާއްޖެ ދިއުމުގެ ދަތުރާ ކުރިމަތިލާން ޖެހިފައެވެ.

“މޮމް… ތަންކޮޅެއް ލަސްވެދާނެ…. ރާނިޔާ އާ އެކު މި އިނީ….” ޒައިނާ ކަރުގައި އަޅައިގަންނަމުން، އަޑު ތުރުތުރުލާ ހާލު ބުނެލިއެވެ. އެހެން ބުނުމަށްފަހު ފޯނު ކަނޑާލުމާއެކު އޭނާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެލަމުން، މޫނުމަތިން އާދައިގެ ގޮތެއް ދެއްކުމަށް އޭނާ އެތަކެއް މަސައްކަތެއް ކުރިއެވެ. މަންމައަށް އޭނާގެ މި ހާލަތު އެނގިއްޖެނަމަ ވާނެ ގޮތް ހިތަށް އަރާފައި ޒައިނާ ބިރުގަތެވެ.

ޒައިނާ.. ކޮންމެ ވެސް ދުވަހަކުން މަންމަ އަށް އިނގޭނެއެވެ.” ރާނިޔާ ޒައިނާގެ ކޮނޑުގައި އަތް ބާއްވާލަމުން ހަމްދަރުދީއާއެކު ބުނެލިއެވެ. ނަމަވެސް ޒައިނާ ބޭނުންވީ އެ ހަގީގަތް ވީހާވެސް ގިނަ ދުވަހަކަށް ފޮރުވާށެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް ލަންޑަންގެ ކޮލެޖްތަކުގެ ކިޔެވުން މެދުކެނޑިއްޖެއެވެ. ފިނިމޫސުމުގެ ބަންދު ދުވަސްވަރު ފެށުނީއެވެ.

“ދަރިފުޅާ ހިނގާ ރާއްޖެ އަށް ގޮސްލަން، މާމަ މެން ކައިރި އަށް،” ޒުލޭޙާ މަޑުމައިތިރި ކަމާ އެކު ބުނެލިއެވެ.

މަންމަ އެހެން ބުނުމާއެކު ޒައިނާގެ މޫނުމައްޗަށް އަނދިރިކަމެއް އަންނަން އުޅުނު ކަހަލައެވެ. ހިތުގައި ބިންގާ އެޅިފައިވާ ބިރުވެރި ހަނދާންތައް އަލުން އާވާން ފެށިއެވެ. އެއްވެސް އެއްޗެއް ނުބުނެ، އިށީނދެގެން އިން ސޯފާއިން ތެދުވެ އަވަސް މިނުގައި ހިނގާފައި ޒައިނާ ދިޔައީ އޭނާގެ ކޮޓަރިއަށެވެ

ކޮޓަރީގެ ދޮރު ބާރަށް ޖަހާލުމަށްފަހު، ޒައިނާ އެނދުގައި އޮތް ބާލިސް މޫނުމަތީގައި އަޅައި ފިއްތާލިއެވެ. އަދި ހިތް ފުރެންދެން ބާރަށް ރުޔެވެ. އެ އަޑު މީހަކަށް އިވިދާނެތީ އޭނާ އޮތީ ބިރުންނެވެ.

“ދޮންތީ ދޮރު ހުޅުވަބަލަ.. ޒީނިޔާ އެބައޮތޭ ވާހަކައެއް ދައްކަންވެފައި،” މަޑުމަޑު އަޑަކުން ޒީނިޔާ ދޮރުގައި ޓަކިޖަހަމުން ގޮވަމުން ދިޔައެވެ. އޭރު ގަޑިން ރޭގަނޑު 9 ޖަހައި ބޮޑުވެއްޖެއެވެ.

ލޯ އުނގުޅަމުން ޒައިނާ އެނދުން ތެދުވެގެން ގޮސް ކޮޓަރީގެ ދޮރު ހުޅުވިއެވެ. “ކީކޭ ޒީނިޔާ؟” އެހެން ބުނުމަށްފަހު ޒީނިޔާ ވަނުމަށް އޭނާ ތަން ދެއްކިއެވެ.

“ދޮންތީ ދޮގު ނުހަދާ. އަހަރެން ކައިރީ އެއްޗެއް ބުނެވިދާނެތަ؟ މިއަދު ދޮންތީ ކަންތައް ކުރި ގޮތުން އަދި ރިއެކްޓް ކުރި ގޮތުން އެނގިއްޖެ ކަމެއް ގޯސްކޮށް ވެފައި ހުރިކަން… ނިކަން ބުނެބާ.. އަހަރެން ޕްރޮމިސް ކުރަން އެކަކު ކައިރީވެސް ނުބުނާނެކަން،” ޒީނިޔާ ވަރަށް ސީރިއަސްވެލާފައި ބުނެލިއެވެ.

ޒައިނާ ކޮޓަރީގެ ކުޑަދޮރު ކައިރިއަށް ޖެހިލިއެވެ. ބޭރުން ފެންނަމުންދިޔަ ލަންޑަންގެ އަލިގަދަ މަގުތަކަށް ބަލަހައްޓައިގެން ހުރެ، ކަމެއް ނުވާ ކަމަށް ބުނެ އޭނާ ދޮގުތަކެއް ހެދިއެވެ. އެ ވަގުތު އަތުގައި އޮތް ފޯނަށް ބަލާލިއިރު ގަޑިން 10:15 ވެއްޖެއެވެ.

“މިރޭ ކޮއްކޮމެން ކައިފިންތަ؟ ދޮންތީ މިރޭ ނުކާނަން،” ޒައިނާ ވާހަކަ އޮޅުވާލުމުގެ ގޮތުން ބުނެލިއެވެ. ދެބެންގެ ދެމެދުގައި ހަމަހިމޭން ވަގުތުކޮޅެއް ދިޔައެވެ. އެވަގުތު ފޯނަށް މެސެޖެއް އައެވެ. “ހެލޯ ޒައިނާ، އާރ ޔޫ އޯކޭ؟” އެއީ ރާނިޔާގެ މެސެޖެކެވެ. ނަމަވެސް އެއަށް ޖަވާބުދޭނެ ހިތްވަރެއް ޒައިނާގެ ނެތެވެ.

ލަންޑަންގެ ފިނިގަދަ ދުވަސްވަރު ކަމުން، މަގުމަތީގައި ހިނގާބިނގާވެ އުޅުމަށް ވަނީ އެތަކެއް ހުރަސްތަކެއް ކުރިމަތިވެފައެވެ. އެ ފިނިކަން ޒައިނާގެ ހިތަށްވެސް ވަނީ ސަވާރުވެފައެވެ.

ދުވަސްކޮޅެއް ފަހެވެ. ހިތާ ދެކޮޅަށް ނަމަވެސް ޒައިނާ ރާއްޖެ ދާން އެއްބަސްވެއްޖެއެވެ. އެއީ ހަމައެކަނި މަންމައާއި ބައްޕަ، އަދި ކޮއްކޮގެ ހިތްހަމަޖައްސައިދިނުމަށެވެ. އޭނާގެ ހިތުގައި ވަނީ ބިރުވެރިކަމާއި ނުތަނަވަސްކަމެވެ.

ރާއްޖެ އާދެވުމާއެކު މަންމައާއި ބައްޕަ އަދި ކޮއްކޮ އެމީހުންގެ އުފަން ރަށަށް ދިޔައެވެ. ނަމަވެސް ޒައިނާ ނިންމީ ތަފާތު ގޮތަކަށެވެ. އޭނާ ދިޔައީ ރާއްޖޭގެ ރިސޯޓެއް ކަމަށްވާ ކުޑަބަނޑޮހަށެވެ. އެއީ ޗުއްޓީ ހޭދަކޮށްލުމުގެ ނަމުގައި، އެ ހިތްދަތި ހަނދާންތަކާ ދުރުވެ، އަމިއްލަ ނަފްސަށް ވަގުތުކޮޅެއް ހޯދުމުގެ އުންމީދުގައެވެ. ނަމަވެސް، ދުރުވާން އުޅުނަސް އެ ހަނދާންތައް އޭނާއާ ވަކިވެދާނޭ ހެއްޔެވެ؟

(ނުނިމޭ)

Be the first to comment

Leave a Reply

Your email address will not be published.


*