ޑީ-އެސްކޭލޭޝަން އާއި އަސްކަރީ ހިސާބުތަކާ ދެމެދު… އޮމާންގެ ވަފުދުން ތެހެރާނުގައި ހާސިލްކުރީ ކޮން ކަމެއް ހެއްޔެވެ؟

ފޮޓޯ : އަލް ޖަޒީރާ

މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެ، ސަރަހައްދީ ހަނގުރާމައެއްގެ ބިރު ހީވެފައިވާ ދަނޑިވަޅެއްގައި، އޮމާންގެ މަތީ ފަންތީގެ ޑިޕްލޮމެޓިކް ވަފުދަކުން ތެހެރާނަށް ކުރި ޒިޔާރަތަކީ ބައިނަލްއަގުވާމީ ސަމާލުކަން ހުއްޓުނު ކަމެކެވެ. މި ދަތުރުގެ މައިގަނޑު މަގުސަދަކީ މަސްރަހު ފިނިކުރުން ނުވަތަ ‘ޑީ-އެސްކޭލޭޝަން’ އަށް މަގުފަހިކުރުން ކަމުގައިވާއިރު، މިއީ ސަރަހައްދީ ހަމަޖެހުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.

އަމިއްލަ މަސްދަރުތަކުން އަލްޖަޒީރާއަށް މައުލޫމާތު ދީފައިވާ ގޮތުގައި، އޮމާންގެ މި ދަތުރަކީ ފާހަގަކޮށްލެވޭ ފަދަ އެދެވޭ ނަތީޖާތަކެއް ނެރެދީފައިވާ ދަތުރެކެވެ. ތެހެރާނާއެކު ކުރެވުނު މަޝްވަރާތައް އުންމީދީ ގޮތަކަށް ކުރިއަށްދާކަމާއި، މީގެ ސަބަބުން ކުރިއަށް އޮތް މުއްދަތުގައި ހަނގުރާމަ އިތުރަށް ފުޅާވެގެންދިއުމުގެ ފުރުސަތު ކުޑަވެގެންދާނެ ކަމަށް ލަފާކުރެވެއެވެ. ނަމަވެސް، މީގެ މާނައަކީ ހުރިހާ މައްސަލަތަކެއްގައި އެންމެ ފަހުގެ އެއްބަސްވުމަކަށް އާދެވުން ނޫންކަމާއި، ނުތަނަވަސްކަން އިތުރުވުމުގެ ފުރުސަތު އޮޓޮމެޓިކުން ނެތިގެންދިޔައީ ނޫންކަން މަސްދަރުތަކުން ފާހަގަކުރެއެވެ.

އީރާނުގެ ރަސްމީ ނޫސް އެޖެންސީން ހާމަކުރި ގޮތުގައި، އޮމާންގެ ވަފުދުގެ މައިގަނޑު އެޖެންޑާއަކީ ސްޓްރޭޓް އޮފް ހޮރްމޫޒްގައި ބޯޓު ފަހަރު ދަތުރުފަތުރު ކުރުމާ ގުޅޭ އުސޫލުތަކާ ބެހޭގޮތުން މަޝްވަރާކުރުމެވެ. މިއީ މީގެ ހަފްތާއެއްހާ ދުވަސް ކުރިން ފެށިފައިވާ މުހިންމު ޕްރޮސެސްއެއްގެ ބައެކެވެ. ޖޫން 23 ވަނަ ދުވަހު ތެހެރާނާއި މަސްކާތުން ނެރުނު ޖޮއިންޓް ބަޔާނެއްގައި، ސްޓްރޭޓް އޮފް ހޮރްމޫޒްގެ ދަތުރުފަތުރުގެ ކަންކަން ބެލެހެއްޓުމާއި، އެކަމާ ގުޅުންހުރި ހިދުމަތްތަކާ ބެހޭގޮތުން މަސައްކަތް ކުރާނެ ‘ވޯކިން ގްރޫޕެއް’ އުފެއްދުމަށް ވަނީ އެއްބަސްވެފައެވެ.

މި މަޝްވަރާތަކުގެ އެންމެ ނާޒުކު ބަޔަކީ ކަނޑުގެ ދަތުރުފަތުރުގެ އުސޫލުތައް ކަނޑައެޅުމަށްފަހު، އެކަންކަން އަމަލީގޮތުން ތަންފީޒުކުރާނެ އިންތިޒާމުތައް ގާއިމްކުރުމެވެ. މިކަމުގައި އޮތް ގޮންޖެހުމަކީ ހަމައެކަނި ޝިޕިން ލޭންތައް ހުޅުވާލުމެއް ނޫނެވެ. އޭގެ ބަދަލުގައި، ކަނޑުގެ ޓްރެފިކް މެނޭޖްކުރާނެ ފަރާތްތަކާއި، ކުއްލި ސަލާމަތީ ހާލަތްތަކުގައި މުއާމަލާތް ކުރާނެ ނިޒާމުތަކާއި، އަދި އަސްކަރީ އެއްވެސް ހަރަކާތެއްގައި މި މަގުތައް ބޭނުން ނުކުރެވޭނެކަމުގެ ޔަގީންކަން ހޯދުމެވެ. މަސްކަތުން މަސައްކަތް ކުރަނީ ހަމައެކަނި މެދުވެރިއެއްގެ ދައުރު އަދާކުރުމުގެ ބަދަލުގައި، ހަގީގީ މާނައިގައި ޓެންޝަންތައް ކުޑަކުރެވޭނެ އަމަލީ ނިޒާމެއް ބިނާކުރުމަށެވެ.

ޑިޕްލޮމެޓިކް މި މަސައްކަތްތަކާ އެކުއެކީގައި، އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަކްޗީ އާއި އޮމާންގެ ފޮރިން މިނިސްޓަރު ބަދުރު އަލް ބުސައިދީ ވަނީ ފޯނުން ގުޅުއްވައި، ގަލްފާއި ހޮރްމޫޒް ކަނޑުގެ ސަލާމަތާ ބެހޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ. މަސްދަރުތަކުން ބުނާ ގޮތުގައި، ޖުލައި 25 ވާ ހޮނިހިރު ދުވަހު މި މަޝްވަރާތަކުގެ އަމަލީ އިންތިޒާމުތައް ފައިނަލް ކުރުމުގެ ބައްދަލުވުންތައް އަލުން ފެށުމަށް ވަނީ ތާވަލުކުރެވިފައެވެ

ނަމަވެސް، މި މަގުތަކުގައި ގޮންޖެހުންތައް ވެސް އެބަހުއްޓެވެ. އީރާނުގެ ސަލާމަތީ ދާއިރާތަކުން ބައެއް ހުށަހެޅުންތަކާ މެދު ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. ސަބަބަކީ ސްޓްރޭޓް އޮފް ހޮރްމޫޒަކީ ހަމައެކަނި ވިޔަފާރީގެ މަގެއް ނޫން ކަމަށްވެފައި، އެއީ އީރާނުގެ ދިފާއީ އަދި ‘ޑިޓަރެންސް’ ބާރުގެ މުހިންމު ބަޔަކަށް ވާތީއެވެ. އެހެންކަމުން، ސިޔާސީ އެއްބަސްވުމެއްގެ ސަބަބުން އީރާނުގެ އަސްކަރީ އިޚްތިޔާރުތައް ހަނިވެގެންދާކަށް ތެހެރާނުން ބޭނުމެއް ނުވެއެވެ.

ނިންމާލަމުން ދަންނަވާނަމަ، އޮމާނުން ބެޓް ކުރަމުންދަނީ ކަނޑުގެ ސަލާމަތަކީ ހުރިހާ ފަރާތްތަކެއްގެ މަސްލަހަތު ހިމެނޭ ކަމަކަށް ވާތީ، އެކަމުގެ ތެރެއިން ސަރަހައްދީ މަޝްވަރާތަކަށް ޖާގަ ހޯދުމަށެވެ. ތެހެރާނުން ބޭނުންވަނީ މަޝްވަރާގެ ދޮރު ހުޅުވާފައި ބަހައްޓައިގެން، އަމިއްލަ ދިފާއީ ބާރު ދޫކޮށްނުލައި ކުރިއަށް ދިއުމަށެވެ. އެހެންކަމުން، މިހާރު ފެންނަ ކުރިއެރުމަކީ ހަމައެކަނި ވަގުތީ ހަމަހިމޭންކަމެއްގެ ބަދަލުގައި، ދެމެހެއްޓެނިވި އަމަލީ ނިޒާމަކަށް ބަދަލުކުރުމަކީ މެދުވެރިންގެ ކުރިމަތީގައި އޮތް އެންމެ ބޮޑު އިމްތިހާނެވެ

Be the first to comment

Leave a Reply

Your email address will not be published.


*