ޗައިނާގެ ވާދަވެރިކަމާއެކު ފޯކްސްވޭގަންގެ ފައިދާ ބޮޑުތަނުން ދަށްވެއްޖެ

ފޮޓޯ : އަލް ޖަޒީރާ

ޗައިނާގެ ކާރު އުފައްދާ ކުންފުނިތަކުގެ ވާދަވެރިކަން ބޮޑުވެ، ޖަރުމަނުގެ މަޝްހޫރު ކާރު އުފައްދާ ކުންފުނި ފޯކްސްވޭގަން ގްރޫޕްގެ މިއަހަރުގެ ދެވަނަ ކުއާޓަރުގެ ފައިދާ ބޮޑުތަނުން ދަށްވެއްޖެއެވެ. ޔޫރަޕްގެ އެންމެ ބޮޑު ކާރު އުފައްދާ މި ކުންފުނިން ހުކުރު ދުވަހު އިއުލާންކުރި ގޮތުގައި، މި އަހަރުގެ އޭޕްރީލް މަހުން ޖޫން މަހުގެ ނިޔަލަށް ލިބުނު ސާފު ފައިދާ ވަނީ 1.54 ބިލިއަން ޔޫރޯ (ގާތްގަނޑަކަށް 1.75 ބިލިއަން ޑޮލަރު) އަށް ދަށްވެފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %9.32 ގެ ދަށްވުމެކެވެ.

ކުންފުނީގެ ވިޔަފާރި އެންމެ ބޮޑަށް ދަށްވެފައިވަނީ ޗައިނާގެ މާކެޓުގައެވެ. އެގޮތުން ޗައިނާގައި ވެހިކަލް ވިއްކި މިންވަރު ތިންބައިކުޅަ އެއްބަޔަށް ވުރެ ބޮޑަށް ދަށްވެ، 424,300 އުޅަނދަށް ވަނީ ވެއްޓިފައެވެ. ނަމަވެސް ޗައިނާއިން ބޭރުގެ އެހެން މާކެޓްތަކުގައި ކުންފުނީގެ ވިޔަފާރި ނިސްބަތުން ރަނގަޅުކަން ފާހަގަކުރެވެއެވެ.

ފޯކްސްވޭގަންގެ ސީއީއޯ އޮލިވަރ ބްލޫމް ވިދާޅުވީ، ޗައިނާގެ އުފެއްދުންތެރިން އެމީހުންގެ އެކްސްޕޯޓް އިތުރުކޮށް، ޔޫރަޕްގެ މާކެޓަށް ބޮޑު ޕްރެޝަރެއް ކުރިމަތިކުރުވަމުންދާ ކަމަށެވެ. އަދި މި ޕްރެޝަރު ހީކުރި ވަރަށް ވުރެ ބޮޑުކަން އޭނާ ފާހަގަކުރެއްވިއެވެ. ޗައިނާގެ ކުންފުނިތަކުން ހައިބްރިޑް ކާރު މާކެޓުގައި ބޮޑު ކުރިއެރުމެއް ހޯދާފައިވާތީ، ވާދަވެރިކަން ހަމަހަމަކުރުމަށްޓަކައި ޗައިނާގެ ކާރުތަކުން ޓެރިފް ބޮޑުކުރުމަށް އޭނާ ވަނީ ޔޫރަޕިއަން ޔޫނިއަނަށް އިލްތިމާސްކުރައްވާފައެވެ.

މި ހީނަރުކަމާ ގުޅިގެން ކުންފުނީގެ އާމްދަނީ ލިބޭނެ ކަމަށް ލަފާކުރި މިންވަރުވެސް މިހާރު ވަނީ ދަށްކޮށްފައެވެ. ކުރިން އުންމީދުކުރި %3 ގެ ކުރިއެރުމުގެ ބަދަލުގައި، މިހާރު ލަފާކުރަނީ އާމްދަނީ އެއްވަރެއްގައި ހިފެހެއްޓުން ނުވަތަ %3 އާ ހަމައަށް ދަށްވުމެވެ.

މާލީ ހާލަތު ރަނގަޅުކުރުމުގެ ގޮތުން ޚަރަދު ކުޑަކުރުމުގެ އާ ފިޔަވަޅުތަކެއް އެޅުމަށްވެސް ކުންފުނިން ވަނީ ނިންމާފައެވެ. މީގެ ކުރިން 2030 ވަނަ އަހަރުގެ ނިޔަލަށް 50,000 ވަޒީފާ މަދުކުރަން ނިންމާފައި އޮތް ނިންމުމުގެ އިތުރުން، އިތުރު ވަޒީފާތަކެއް މަދުކުރުމުގެ ދިރާސާއެއް މިހާރު ދަނީ ކުރަމުންނެވެ. ނަމަވެސް މި ޕްލޭންތަކަށް ކުންފުނީގެ ޔޫނިއަންތަކާއި ލޯވަރ ސެކްސޯނީ ސްޓޭޓުން ދަނީ ވަރުގަދައަށް ދެކޮޅު ހަދަމުންނެވެ.

ބްލޫމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޗައިނާގެ ވާދަވެރިކަމުގެ އިތުރުން މެދުއިރުމަތީގެ ހަނގުރާމައާއި ބައިނަލްއަގުވާމީ ވިޔަފާރީގެ ޓެރިފްތަކުގެ ސަބަބުންވެސް ކުންފުންޏަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.

Be the first to comment

Leave a Reply

Your email address will not be published.


*