ޗެޕްޓަރ 3
ދުވަސްކޮޅެއްގެ ފަހެވެ. ހިތާ ދެކޮޅަށް ނަމަވެސް ޒައިނާ ރާއްޖެ އައުމަށް އެއްބަސްވީ އޭނާގެ މައިންބަފައިންގެ ހިތްހަމަޖައްސައިދިނުމަށެވެ. މަންމަ އާއި ބައްޕަގެ އިތުރުން ކޮއްކޮ ޒީނިޔާގެ އުފަލަށްޓަކައެވެ. ރާއްޖެ އައުމުގެ އެއްވެސް ޝައުޤުވެރިކަމެއް ނެތް ނަމަވެސް، އާއިލާގެ އެދުމަށް ފުރަގަސްދޭކަށް އޭނާއަކަށް ނުކެރުނެވެ.
ރާއްޖެ އައުމަށްފަހު، މަންމަ އާއި ބައްޕަ އަދި ކޮއްކޮ ދިޔައީ އެމީހުންގެ އަމިއްލަ ރަށަށެވެ. ނަމަވެސް ޒައިނާ އިޚްތިޔާރުކުރީ މުޅިން ތަފާތު ގޮތެކެވެ. އޭނާ ދިޔައީ ރާއްޖޭގެ ރިސޯޓެއް ކަމަށްވާ ކުޑަބަނޑޮަށެވެ. އެއީ އޭނާގެ ހިތުގައި ބިންވަޅު ނެގިފައިވާ ހިތްދަތި ހަނދާންތަކާ ދުރުވެ، ހިތަށް ކުޑަނަމަވެސް ތަސައްލީއެއް ހޯދުމުގެ މަޤްޞަދުގައެވެ. އެކަނިވެރިކަމުގެ ތެރެއިން އާ ފެށުމަކަށް އޭނާ އުންމީދު ކުރިއެވެ.
ޗެޕްޓަރ 4
ނަމަވެސް ކަންތައްވީ ޒައިނާ ހީކުރި ގޮތަކަށް ނޫނެވެ. ރިސޯޓުގެ ހިތްގައިމު މާހައުލު އޭނާއަށްވީ އިތުރު އުނދަގުލަކަށެވެ. ކޮންމެ މަންޒަރަކުންނާއި، ކޮންމެ ރާޅެއްގެ އަޑުން އޭނާ ދުރުވާން އުޅުނު ހަނދާންތައް އިތުރަށް އާލާވެ، ހިތާ ގާތްވާން ފެށިއެވެ. ކެތްތެރިކަން ކޮޅުންލައި، ކޮނޑުގައި އޮތް އަތްދަބަހުން ފޯނު ނަގައި ފުރަތަމަވެސް ގުޅީ މަންމަ ޒުލޭޚާއަށެވެ.
ދެތިން ފަހަރަކު ރިންގުވުމަށްފަހު ޒުލޭޚާ ފޯނު ނެގިއެވެ. “ހަލޯ ދަރިފުޅާ! ކީކޭ؟ ކިހިނެއްވީއޭ؟” ހާސްކަމާއެކު ޒުލޭޚާ ސުވާލުތައް އަމުނާލިއެވެ.
“މަންމާ! އަހަރެން ރާއްޖޭގައި އުޅޭކަށް ބޭނުމެއް ނޫން. ވީހާވެސް އަވަހަކަށް ލަންޑަނަށް ދާން ބޭނުން،” ޒައިނާ ރުންކުރު ގޮތަކަށް ފަތިފައްޗަށް އަމުނާލިއެވެ. އެ ހިތުގައި އަޅަމުންދާ ވޭނާއި ރިހުމަށް އޮތް ހަމައެކަނި ފަރުވާއަކީ އެ ތަނާ ދުރުވުން ކަމަށް އޭނާއަށް ގަބޫލުކުރެވުނެވެ.
“ދަރިފުޅާ، ބައްޕަޔާ ވާހަކަދައްކާލާފައި ތިކަމާ އެބަ ގުޅަން،” އެހެން ބުނުމަށްފަހު ޒުލޭޚާ ފޯނު ބޭއްވިއެވެ. ޒައިނާ އިންތިޒާރު ކުރަމުންދިޔައީ މަންމަގެ ޖަވާބަކަށެވެ.
ދުވަސްތަކަށްފަހު ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ނަމަވެސް ޒުލޭޚާ އެ ވާހަކަ ދެއްކުން މަދުކޮށްލިއެވެ. ޒައިނާގެ ހިތުގެ ރިހުން ދިޔައީ އިތުރުވަމުންނެވެ. އެންމެ ފަހުން ގޮތްދޫކޮށްލުމަށްފަހު ޒައިނާއަށް ޖެހުނީ މަންމަގެ ގާތަށް ރަށަށް ދާށެވެ.
“ދަރިފުޅާ އަސްލު ކިހިނެއްވީތަ؟ ކީއްވެ ރާއްޖޭގައި އުޅެން ބޭނުންނުވެގެން ތި އުޅެނީ؟” ސިޓިންގރޫމް ސޯފާގައި އިށީންނަމުން ޒުލޭޚާ އޯގާތެރިކަމާއެކު އަހާލިއެވެ.
ޓީވީއަށް ގެއްލިފައި އިން ޒައިނާ، ޒުލޭޚާ އެހެން ބުނުމާއެކު ޓީވީ ނިއްވާލުމަށްފަހު ބާރު ހިނގުމެއްގައި ކޮޓަރިއާ ދިމާލަށް ދިޔައެވެ.
“ދަރިފުޅާ ޒައިނާ! އާދެބަލަ… ކީއްވެތަ މަންމަ ބުނި ބަހަށް އެއްވެސް އެއްޗެއް ނުބުނެ ތި ދަނީ؟ މަންމައަށް ބުނެވުނީ އަނެއްކާ ގޯސް ވާހަކައެއްތަ؟ ބައްޕަމެންނަށް ކަމެއް ސިއްރުކުރަނީތަ؟” ޒުލޭޚާ ކުޑަކޮށް ރުންކުރުވެފައި ގޮވާލިއެވެ. ޒައިނާއަށް ޖެހުނީ އެ ދެމަފިރިންގެ ކުރިމަތީގައި ފިޔަތައް ތިރިކޮށްލާށެވެ. އޭނާއަށް އެއްވެސް އެއްޗެކޭ ނުބުނެވި ފެންކަޅިވެފައި ހުރެވުނީއެވެ.
“ދަރިފުޅާ މިއީ ބައްޕައޭ! ހުރިހާ ވާހަކައެއްވެސް ހިއްސާކުރެވޭނެ. ބައްޕަމެން ދަރިފުޅަށްޓަކައި ނުކޮށްދެނީ ކޮންކަމެއް؟ ދަރިފުޅު ބުނީމާ އާއިލާ އެކީގައި ލަންޑަނަށް ކިޔަވަން ދިޔައީ. އިތުރަށް ކޮން ކަމެއްތަ ބޭނުންވަނީ؟” މުހައްމަދުފުޅުގެ އަޑުގައި މަޑު ތުރުތުރުލުމެއް ހުއްޓެވެ. ޒައިނާ އެއްވެސް އެއްޗެއް ނުބުނެ، ރޮމުން ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ.
“މުހައްމަދުފުޅާ، ނުވާނެ ތިގޮތަށް ބުނާކަށް. ޒައިނާ ކޮންމެސް ކަމަކާ އެބަ ވިސްނާ. ކޮންމެސް ކަމެއް އެބަ ބޭނުންވޭ،” ޒުލޭޚާ މޫނު ހަދާލަމުން ބުނެލިއެވެ.
ދުވަސްކޮޅެއްގެ ފަހެވެ. ޗުއްޓީވެސް ނިމެން ގާތްވެއްޖެއެވެ. ޒައިނާ އާއި ޒީނިޔާ އަދި މަންމަ އާއި ބައްޕަ އަލުން ލަންޑަނަށް ދިޔުމަށް ދަތުރު ހަދަމުން ދިޔައެވެ.
ޒައިނާ އާއި ޒީނިޔާ އެކަނިވި ވަގުތެއްގައި ޒީނިޔާ ބުންޏެވެ. “ދޮންތީ، ކަމަކާ އެބަ ވިސްނަން ދޯ؟ މި ޗުއްޓީ މިދިޔައީ މަންމަމެންނާ އެއްވެސް ވަރަކަށް ވާހަކަ ނުދައްކާ. ކުޑަމިނުން އައިއާ ވެސް ވާހަކައެއް ނުދައްކާ. އައިއަށް އެނގޭ ކަމެއް ގޯސްވެފައިވާކަން، އަދި ހިތުގައި ކަމެއް ފޮރުވައިގެން އުޅޭކަން. އައި ގާތު ބުނެބަލަ ދޯ؟” ޒީނިޔާ މަޑުމައިތިރިކަމާއެކު ދައްކާލި ވާހަކައިން ޒައިނާގެ ހިތަށް އިތުރު އަސަރެއް ކުރިއެވެ.

Leave a Reply