ޕްރިމިއާ ލީގުގެ ތާރީޚުގައި ވެސް އެންމެ އަގުބޮޑު 10 ޓްރާންސްފާ: އިންފްލޭޝަނާއެކު ރޮނާލްޑޯ އެއްވަނައިގައި

ކިޔާލާ.ކޮމް

އިނގިރޭސި ޕްރިމިއާ ލީގުގެ ތާރީޚުގައި ހިނގާފައިވާ އެންމެ އަގުބޮޑު ޓްރާންސްފާތަކުގެ އަގުތައް، އިންފްލޭޝަން ރޭޓާއި ފުޓްބޯޅަ މާކެޓުގެ މިހާރުގެ އަގުތަކަށް އެޖެސްޓްކުރުމުން، އެންމެ ކުރީގައި އުޅެނީ ކްރިސްޓިއާނޯ ރޮނާލްޑޯގެ ޓްރާންސްފާކަން ހާމަވެއްޖެއެވެ.

ސްޕޯޓްސް ފައިނޭންޝަލް އެނަލިސިސް ވެބްސައިޓެއް ކަމަށްވާ “ވެލޫބަލް” އިން ދާދި ފަހުން ކުރި ދިރާސާއަކުން ދައްކާގޮތުގައި، މާލީ ބަދަލުތަކަށް ބަލައި އަގުތައް އަޕްޑޭޓް ކުރުމުން ތާރީޚީ ގިނަ ޓްރާންސްފާތަކެއްގެ އަގު މިހާރުގެ ބޮޑެތި ޑީލްތަކަށްވުރެ މާ މަތީގައި އުޅޭކަން ވަނީ ފާހަގަކުރެވިފައެވެ. މިގޮތުން، މި ހޫނު މޫސުމުގައި މޯގަން ރޮޖާސް، އެލިއަޓް އެންޑަސަން އަދި ސަންޑްރޯ ޓޮނާލީ ފަދަ ކުޅުންތެރިން 117 މިލިއަން ޔޫރޯއަށްވުރެ ބޮޑު އަގުގައި ބަދަލުވި ނަމަވެސް، މިއީ މީގެ އަހަރުތަކެއް ކުރިން ހިނގި ބައެއް ޓްރާންސްފާތަކުގެ ހަގީގީ އަގާ އަޅާބަލާއިރު ކުޑަ އަދަދުތަކެކެވެ.

މި ލިސްޓަށް ބަލާއިރު، ދުނިޔޭގެ އެންމެ ވަރުގަދަ އެއް ކްލަބު ކަމަށްވާ ރެއާލް މެޑްރިޑުން ވަނީ އެންމެ އަގުބޮޑު 10 ޓްރާންސްފާގެ ތެރެއިން 4 ޓްރާންސްފާ ކަށަވަރުކޮށްފައެވެ. މިއީ އިނގިރޭސި ލީގުގެ އެންމެ މަތީ ތަރިން ހޯދުމުގައި އެ ކްލަބުން ޒަމާނުއްސުރެ ގެންގުޅޭ މާލީ ގާބިލުކަން ހާމަކޮށްދޭ ކަމެކެވެ.

އިންފްލޭޝަނަށް އެޖެސްޓްކުރުމަށްފަހު ޕްރިމިއާ ލީގުގެ އެންމެ އަގުބޮޑު 10 ވިއްކުން:

  1. ކްރިސްޓިއާނޯ ރޮނާލްޑޯ (2009): މެންޗެސްޓާ ޔުނައިޓެޑުން ރެއާލް މެޑްރިޑަށް. އަސްލު އަގަކީ 93.6 މިލިއަން ޔޫރޯ ނަމަވެސް، މިއަދުގެ ހަގީގީ އަގަކީ 341.6 މިލިއަން ޔޫރޯ އެވެ.
  2. އެޑެން ހަޒާޑް (2019): ޗެލްސީން ރެއާލް މެޑްރިޑަށް. އަސްލު އަގު 175.5 މިލިއަން ޔޫރޯގައި އުޅުނުއިރު، މިއަދުގެ އަގަކީ 286.65 މިލިއަން ޔޫރޯ އެވެ.
  3. އެލަން ޝިއަރ (1996): ބްލެކްބަރން ރޯވަރސް އިން ނިއުކާސަލް ޔުނައިޓެޑަށް. އަސްލު އަގަކީ 17.55 މިލިއަން ޔޫރޯ އެވެ. މިއަދުގެ ހަގީގީ އަގަކީ 278.46 މިލިއަން ޔޫރޯ އެވެ.
  4. ނިކޮލަސް އަނެލްކާ (1999): އާސެނަލް އިން ރެއާލް މެޑްރިޑަށް. އަސްލު އަގު 27.5 މިލިއަން ޔޫރޯގައި ހުރިއިރު، މިއަދުގެ އަގަކީ 264.42 މިލިއަން ޔޫރޯ އެވެ.
  5. ފިލިޕޭ ކުޓީނިއޯ (2018): ލިވަޕޫލުން ބާސެލޯނާއަށް. އަސްލު އަގު 166.14 މިލިއަން ޔޫރޯއިން، މިއަދުގެ އަގު ވަނީ 253.89 މިލިއަން ޔޫރޯ އަށް އަރާފައެވެ.
  6. ޕޯލް ގަސްކޯއިން (1992): ޓޮޓެންހަމް އިން ލާޒިއޯ އަށް. އަސްލު އަގު 6.435 މިލިއަން ޔޫރޯގައި އޮތް ނަމަވެސް، މިއަދުގެ އަގަކީ 230.49 މިލިއަން ޔޫރޯ އެވެ.
  7. ސްޓެން ކޮލީމޯ (1995): ނޮޓިންހަމް ފޮރެސްޓުން ލިވަޕޫލަށް. އަސްލު އަގު 9.945 މިލިއަން ޔޫރޯގައި އޮތްއިރު، މިއަދުގެ އަގަކީ 209.43 މިލިއަން ޔޫރޯ އެވެ.
  8. ރިއޯ ފާޑިނަންޑް (2002): ލީޑްސް ޔުނައިޓެޑުން މެންޗެސްޓާ ޔުނައިޓެޑަށް. އަސްލު އަގު 35.1 މިލިއަން ޔޫރޯގައި އޮތް ނަމަވެސް، މިއަދުގެ އަގަކީ 204.75 މިލިއަން ޔޫރޯ އެވެ.
  9. މާކް އޮވަރމާސް (2000): އާސެނަލް އިން ބާސެލޯނާ އަށް. އަސްލު އަގު 29.25 މިލިއަން ޔޫރޯގައި އޮތްއިރު، މިއަދުގެ އަގަކީ 229.32 މިލިއަން ޔޫރޯ އެވެ.
  10. ގެރެތު ބޭލް (2013): ޓޮޓެންހަމް އިން ރެއާލް މެޑްރިޑަށް. އަސްލު އަގު 100.62 މިލިއަން ޔޫރޯއިން، މިއަދުގެ އަގު ވަނީ 224.64 މިލިއަން ޔޫރޯ އަށް އުފުލިފައެވެ.

މި ދިރާސާއިން އެނގިގެންދަނީ ފާއިތުވި 30 ވަރަކަށް އަހަރު ތެރޭގައި ފުޓްބޯޅައިގެ ބާޒާރުގައި ފައިސާގެ އަގަށް އައިސްފައިވާ ބޮޑު ބަދަލެވެ. ޚާއްޞަކޮށް 1996 ވަނަ އަހަރުގެ އެލަން ޝިއަރާގެ ޓްރާންސްފާ އަކީ މިއަދުގެ މާކެޓަށް ބަލާއިރު އިނގިރޭސި ދެ ކްލަބެއްގެ ދެމެދުގައި ހިނގި އެންމެ އަގުބޮޑު އެއްބަސްވުން ކަމުގައި މިވަނީ ވެފައެވެ.

Be the first to comment

Leave a Reply

Your email address will not be published.


*