ފުޓްބޯޅަ ކުޅުންތެރިންގެ މާކެޓް އަގުތަކާއި ތަފާސްހިސާބުތައް ދިރާސާކުރާ ދުނިޔޭގެ މަޝްހޫރު ޕްލެޓްފޯމް، ޓްރާންސްފާމާކްޓުން 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަށް ފަހު ކުޅުންތެރިންގެ އަގުތަކަށް ގެނައި އާ އަޕްޑޭޓް އާންމުކޮށްފިއެވެ. މި އަޕްޑޭޓާއެކު ފުޓްބޯޅަ ތާރީޚުގައި މީގެ ކުރިން ނުފެންނަ ފަދަ ބޮޑު ކުރިއެރުންތަކެއް ކުޅުންތެރިންގެ އަގުތަކަށް ވަނީ އައިސްފައެވެ.
ޔަމާލް އާއި ހާލަންޑް ތާރީޚުގެ ތެރެއަށް
މި ފަހަރުގެ ލިސްޓުގެ އެންމެ ކުރީގައި އުޅެނީ ސްޕެއިންގެ ލަމީނޭ ޔަމާލް އާއި ނޯވޭގެ އެރްލިންގް ހާލަންޑެވެ. މިއީ ފުޓްބޯޅަ ތާރީޚުގައި ވެސް ކުޅުންތެރިއެއްގެ މާކެޓް ވެލިއު 200 މިލިއަން ޔޫރޯއަށް ވުރެ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ. މި ދެ ކުޅުންތެރިންގެ އަގު ވަނީ 20 މިލިއަން ޔޫރޯ އިތުރުވެ، ޖުމްލަ 220 މިލިއަން ޔޫރޯ (ގާތްގަނޑަކަށް 237.6 މިލިއަން ޑޮލަރު) އަށް އަރާފައެވެ. މިއާއެކު ކުރިން އެއްވަނައިގައި އޮތް ފްރާންސްގެ ކިލިއަން އެމްބާޕޭ ވަނީ ތިންވަނައަށް ސައި ބޯލަން ޖެހިފައެވެ.
ދުނިޔޭގެ އެންމެ އަގުބޮޑު 10 ކުޅުންތެރިން:
- ލަމީނޭ ޔަމާލް (ބާސެލޯނާ): 220 މިލިއަން ޔޫރޯ
- އެރްލިންގް ހާލަންޑް (މެންޗެސްޓަރ ސިޓީ): 220 މިލިއަން ޔޫރޯ
- ކިލިއަން އެމްބާޕޭ (ރެއާލް މެޑްރިޑް): 200 މިލިއަން ޔޫރޯ
- މައިކަލް އުލިސޭ (ބަޔާން މިއުނިކް): 170 މިލިއަން ޔޫރޯ
- ޖޫޑް ބެލިންހަމް (ރެއާލް މެޑްރިޑް): 160 މިލިއަން ޔޫރޯ
- ޕެޑްރީ (ބާސެލޯނާ): 150 މިލިއަން ޔޫރޯ
- ވިނިސިއަސް ޖޫނިއާ (ރެއާލް މެޑްރިޑް): 140 މިލިއަން ޔޫރޯ
- ޚްވިޓްޝާ ކްވަރަޓްސްޚެލިއާ (ޕީ.އެސް.ޖީ): 140 މިލިއަން ޔޫރޯ
- ވިޓީނިއާ (ޕީ.އެސް.ޖީ): 140 މިލިއަން ޔޫރޯ
- ޖޯއާއޯ ނެވޭސް (ޕީ.އެސް.ޖީ): 140 މިލިއަން ޔޫރޯ
ބާސެލޯނާގެ ކުޅުންތެރިންގެ ކުރިއެރުން
މި ފަހަރުގެ އަޕްޑޭޓްގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވަނީ އެފްސީ ބާސެލޯނާގެ ކުޅުންތެރިންނެވެ. އެގޮތުން ޕައު ކޮބާސީ ފީފާގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑް ހޯދުމާއެކު، އޭނާގެ އަގު ވަނީ 100 މިލިއަން ޔޫރޯއަށް އަރާފައެވެ. މިއާއެކު އޭނާ ވެފައިވަނީ ދުނިޔޭގެ އެންމެ އަގުބޮޑު ޑިފެންޑަރަށެވެ. މީގެ އިތުރުން ސްޕެއިންއަށް ތަށި ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކުރި ފެރާން ޓޮރޭސްގެ އަގު 50 މިލިއަން ޔޫރޯއަށް ވަނީ އުފުލިފައެވެ. ކީޕަރު ޖުއާން ގާސިއާ 45 މިލިއަން ޔޫރޯއާއެކު އެންމެ އަގުބޮޑު ކީޕަރުންގެ ލިސްޓުގެ އެއްވަނައަށް ޖެހިލާފައިވާއިރު، ޕެޑްރީ އޮތީ 150 މިލިއަން ޔޫރޯއާއެކު އެންމެ އަގުބޮޑު މިޑްފީލްޑަރުންގެ ހަވަނައިގައެވެ.
ކްލަބްތަކުގެ ރޭންކިން
ވަކިވަކި ކުޅުންތެރިންގެ އަގަށް ބަލާއިރު ބާސެލޯނާގެ ކުޅުންތެރިން ކުރީގައި އުޅުނު ނަމަވެސް، މުޅި ޓީމުގެ އަގަށް ބަލާއިރު ބާސެލޯނާ އޮތީ ހަވަނައިގައެވެ. އެންމެ އަގުބޮޑު ސްކޮޑެއް އޮތް ފަސް ކްލަބަކީ:
- މެންޗެސްޓަރ ސިޓީ
- ރެއާލް މެޑްރިޑް
- ޕެރިސް ސެއިންޓް ޖާމައިން (ޕީ.އެސް.ޖީ)
- ޗެލްސީ
- އާސެނަލް
ޓްރާންސްފާ މާކެޓާއި އިންފްލޭޝަން
ވޯލްޑް ކަޕަށް ފަހު ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި ބޮޑެތި އަގުތަކެއް ފެނިގެން ގޮސްފައިވެއެވެ. އެގޮތުން އެންމެ ބޮޑު ކުރިއެރުމެއް ފެނުނީ އެލިއަޓް އެންޑަސަންގެ ފަރާތުންނެވެ. އޭނާ 135 މިލިއަން ޔޫރޯގެ އެއްބަސްވުމެއްގެ ދަށުން މެންޗެސްޓާ ސިޓީއަށް ބަދަލުވުމާ ގުޅިގެން، އޭނާގެ މާކެޓް އަގު ވަނީ 110 މިލިއަން ޔޫރޯއަށް އުފުލިފައެވެ. މީގެ އިތުރުން ޗެލްސީއަށް ބަދަލުވި މޯގަން ރޮޖާސްގެ އަގު ވެސް ވަނީ 110 މިލިއަން ޔޫރޯއަށް އަރާފައެވެ. ޖޫލިއަން އަލްވާރޭޒްގެ ކުޅުން މުބާރާތުގައި އެދެވޭ ވަރަށް ނުފެނުނު ނަމަވެސް، އޭނާގެ އަގު ވަނީ 120 މިލިއަން ޔޫރޯއަށް އުފުލިފައެވެ

Leave a Reply