ސަލާމަތްކުރުންތޯ ނުވަތަ ޑިމޮކްރެޓިކް ރިގްރެޝަންތޯ؟ ކައިސް ސައީދުގެ ސިޔާސަތުތަކުގެ 5 އަހަރުގެ ނަތީޖާ

ފޮޓޯ : އަލް ޖަޒީރާ

ޓިއުނީޝިއާ: ޓިއުނީޝިއާގެ ރައީސް ކައިސް ސައިދު ޖުލައި 25، 2021 ގައި އިސްތިސްނާ ފިޔަވަޅުތަކެއް އިއުލާން ކުރެއްވިތާ ފަސް އަހަރު ފަހުން، އެ ގައުމުން މިހާރު ދަނީ 2011 ވަނަ އަހަރުގެ އިންގިލާބަށް ފަހު އައި އެންމެ ބޮޑު ސިޔާސީ ބަދަލުތަކުގެ ނަތީޖާ އަލުން ވަޒަންކުރަމުންނެވެ.

ރައީސް ސައިދު ވަނީ 2014 ވަނަ އަހަރުގެ ގާނޫނު އަސާސީގެ 80 ވަނަ މާއްދާގެ މައްޗަށް ބިނާކޮށް މަޖިލީހުގެ މަސައްކަތް މެދުކަނޑާލުމާއި، ބޮޑުވަޒީރު މަގާމުން ވަކިކުރުމުގެ އިތުރުން ތަންފީޒީ ހުރިހާ ބާރުތަކެއް އެމަނިކުފާނުގެ މުށުތެރެއަށް ޖަމާކުރައްވާފައެވެ. “ކޯސް ކަރެކްޝަން” ނުވަތަ މިސްރާބު ރަނގަޅުކުރުމުގެ ނަމުގައި ފެއްޓެވި މި މަސައްކަތް ފަހުން ބަދަލުވެގެން ދިޔައީ މަޖިލިސް އުވާލުމާއި، 2022 ވަނަ އަހަރު އާ ގާނޫނު އަސާސީއެއް ތަސްދީގުކުރުމާއި، އަދި މުޅި ސިޔާސީ ނިޒާމު އަލުން ބައްޓަންކުރި ފުރިހަމަ ސިޔާސީ މަޝްރޫއަކަށެވެ.

މި ފާއިތުވި ފަސް އަހަރުގެ ނަތީޖާއާ މެދު ގައުމުގެ ސިޔާސީ މަސްރަހު ވަނީ ދެބައިވެފައެވެ. ރައީސްގެ ސަޕޯޓަރުން ގަބޫލުކުރާ ގޮތުގައި މި ފިޔަވަޅުތަކުގެ ސަބަބުން ދައުލަތުގެ ނިންމުންތައް ނިންމުމުގެ ބާރު އަލުން ހޯދައި، ސިޔާސީ ހަލަބޮލިކަމަށް ނިމުމެއް އައިސްފައިވެއެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ބުނަނީ މިއީ ބާރުތައް އެކަކަށް ޖަމާވެ، އިންތިޚާބީ މުއައްސަސާތައް ބަލިކަށިވެ، އާންމު މިނިވަންކަން ހަނިވެގެންދިޔަ ކަމެއް ކަމަށެވެ.

ސިޔާސީ ނިޒާމަށް އައި ބޮޑު ބަދަލު
ޖުލައި 25 ގެ ފިޔަވަޅުތަކާއެކު ޓިއުނީޝިއާގެ ސިޔާސީ މަންޒަރު ވަނީ މުޅިން ބަދަލުވެފައެވެ. ރައީސްގެ ބާރުތައް ހަރުދަނާކުރާ އާ ގާނޫނު އަސާސީއެއްގެ ދަށުން މަޖިލިސް އަލުން އެކުލަވާލައި، “ގްރާސްރޫޓް ޑިމޮކްރަސީ” ތަމްސީލުކުރުމަށް ނޭޝަނަލް ކައުންސިލް އޮފް ރީޖަންސް އެންޑް ޓެރިޓޯރީސް އުފެއްދިއެވެ.

ސިޔާސީ އެކްޓިވިސްޓް ހުސާމް ބެން އަހުމަދު ވިދާޅުވާ ގޮތުގައި މިއީ ދައުލަތް ސަލާމަތްކުރުމަށް “ލާޒިމު” ކަމެކެވެ. އޭނާ ސިފަކުރެއްވި ގޮތުގައި ކުރީގެ ނިޒާމުގެ ތެރޭގައި އޮތީ އިގްތިސާދީ އަދި އިދާރީ ފެންވަރުގައި “ކާރިސާވެރި ހާލަތެއް” ކަމަށާއި، މިހާރުގެ ބަދަލުތަކަކީ އުފެއްދުންތެރި މަރުހަލާއެއްގެ ފެށުމެވެ. ނަމަވެސް، ގައުމީ ކޯލިޝަން ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ނާޖީ ޖައްލޫލް ފާހަގަކުރެއްވި ގޮތުގައި، ރައީސްގެ ސާފު ސިޔާސީ ޕްރޮގްރާމެއް ނެތުމުން ސިޔާސީ ދިރިއުޅުން ވަނީ ހަލާކުވެފައެވެ.

ޝަރުއީ ދާއިރާގެ މިނިވަންކަމާ މެދު ސުވާލު އުފެދުން
ޝަރުއީ ދާއިރާއަށް ގެނައި ބަދަލުތަކަކީ ވެސް ބޮޑު ބަހުސަކަށް ވެފައިވާ ކަމެކެވެ. ސުޕްރީމް ޖުޑީޝަލް ކައުންސިލް އުވާލައި، 57 ފަނޑިޔާރުން މަގާމުން ވަކިކުރުމަކީ ޝަރުއީ ދާއިރާގެ މިނިވަންކަމަށް ދިމާވި “އެންމެ ބޮޑު ނާކާމިޔާބީ” ކަމަށް ޓިއުނީޝިއާގެ ފަނޑިޔާރުންގެ ޖަމްޢިއްޔާއިން ބުނެއެވެ. ވަކީލުން ވެސް ވަނީ މިނިވަންކަން ހޯދުމަށް ގޮވާލައި މިދިޔަ ޖޫން މަހު ހަޅުތާލުކޮށްފައެވެ. އެހެންނަމަވެސް، ސަރުކާރުން ބުނަނީ މިއީ ކޮރަޕްޝަން ނައްތާލައި އިތުބާރު ހޯދުމަށް އެޅި ފިޔަވަޅުތަކެއް ކަމަށެވެ.

މީޑިއާގެ މިނިވަންކަމާއި އިގްތިސާދީ ގޮންޖެހުންތައް

މީޑިއާގެ ދާއިރާގައި ގަރާރު 54 އަށް އަމަލުކުރަން ފެށުމާއެކު ނޫސްވެރިންނަށް ގާނޫނީ ގޮތުން ބޮޑެތި ފިއްތުންތަކެއް ކުރިމަތިވެފައިވާ ކަމަށް ޖާނަލިސްޓުންގެ ސިންޑިކޭޓުން ފާހަގަކުރެއެވެ. މީގެ އިތުރުން، އިގްތިސާދީ ގޮތުން ވެސް ގައުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. ވަޒީފާނެތް މީހުން ގިނަވުމާއި، އިންވެސްޓްމަންޓް ދަށްވުމަކީ ރައްޔިތުންގެ ކަންބޮޑުވުމެކެވެ.

ސިޔާސީ ތަހުލީލުވެރިޔާ މުހައްމަދު ޞާލިހު އަބީދީ ވިދާޅުވާ ގޮތުގައި، މިހާރުގެ ހާލަތުން ޓިއުނީޝިއާ ވަނީ 2011 ގެ ކުރިން އޮތް ބާރުވެރިކަމުގެ ތެރެއަށް އަނބުރާ ގޮސްފައެވެ. ރައީސްގެ ސަޕޯޓަރުން މިއީ “ސަލާމަތްވުން” ކަމަށް ބުނާއިރު، އިދިކޮޅު ފަރާތްތަކުން މިއީ “ޑިމޮކްރެޓިކް ރިގްރެޝަން” ނުވަތަ ޑިމޮކްރަސީގައި ފަހަތަށް ދިއުން ކަމަށް ސިފަކުރެއެވެ. އަސާސީ ސުވާލަކީ، ފަސް އަހަރު ފަހުން އުފެދިފައިވާ މި އާ ނިޒާމަކީ ހަގީގަތުގައި ވެސް މުސީބާތްތަކާ ކުރިމަތިލާން ގާބިލް ދައުލަތެއް ބިނާކޮށްދިން ނިޒާމެއްތޯއެވެ؟

Be the first to comment

Leave a Reply

Your email address will not be published.


*