ލީބިޔާގެ އާބާދީ ބޯހިމެނުން 20 އަހަރަށްވުރެ ގިނަ ދުވަހަށް މެދުކެނޑި، ގައުމުގެ ތަރައްގީއަށް ބޮޑެތި ހުރަސްތަކެއް

ފޮޓޯ އަލް ޖަޒީރާ

ލީބިޔާގައި އެންމެ ފަހުން ރަސްމީކޮށް އާބާދީ ބޯހިމެނުމެއް ބާއްވާފައިވަނީ 2006 ވަނަ އަހަރުގައެވެ. އޭގެ ފަހުން ވޭތުވެދިޔަ ގާތްގަނޑަކަށް 20 އަހަރު ދުވަހުގެ ތެރޭގައި އާބާދީ ބޯހިމެނުމުގެ އެއްވެސް މަސައްކަތެއް ކުރެވިފައި ނުވުމުގެ ސަބަބުން، އެ ގައުމުގެ އިގްތިސާދީ އަދި އިދާރީ ޕްލޭނިންގްއަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ.

އަލްޖަޒީރާގެ ރިޕޯޓަރ އަހުމަދު ޚަލީފާ ތައްޔާރުކުރި ރިޕޯޓެއްގައިވާ ގޮތުން، 2006 ވަނަ އަހަރު ލީބިޔާގެ އާބާދީ އޮތީ 5.5 މިލިއަނުގައެވެ. ނަމަވެސް، އޭގެ ފަހުން ގައުމުގައި އުފެދުނު ސިޔާސީ ހަލަބޮލިކަމާއި ސަލާމަތީ ނުތަނަވަސްކަމުގެ ސަބަބުން، އިތުރު ބޯހިމެނުމެއް ކުރިއަށް ގެންދިއުމަށް މުއައްސަސާތަކުން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.

ޕްލޭނިންގް މިނިސްޓްރީގެ ޑިރެކްޓަރު އޮފް ސްޓެޓިސްޓިކްސް އެންޑް ސެންސަސް، ނަބީލް އަލް ގަންގާ ވިދާޅުވި ގޮތުގައި، 2014 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާ ހަމައަށް ކުރިމަތިވި އިސްތިސްނާ ހާލަތްތަކުގެ ސަބަބުން މި މަޝްރޫއު ތަކުރާރުކޮށް ފަސްކުރަން ޖެހުނެވެ.

މި މަސައްކަތް ތަންފީޒު ކުރުމަށް ހުރި ހުރަސްތައް

ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި، ބޯހިމެނުން ކުރިއަށް ނުގެންދެވި އޮތް އެންމެ ބޮޑު ސަބަބަކީ ދައުލަތުގެ މުއައްސަސާތަކުގެ މެދުގައި އޮތް ބައިބައިވުމާއި، މުޅި ގައުމު ބަލައިގަންނަ އެއްބައިވަންތަ އެގްޒެކެޓިވް އޮތޯރިޓީއެއް ނެތުމެވެ. މީގެ އިތުރުން ޖިއޮގްރަފިކަލް، ލޮޖިސްޓިކަލް އަދި ޓެކްނިކަލް ގޮންޖެހުންތައް ވެސް މިކަމުގައި އެބަހުއްޓެވެ.

އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ކައުންސިލްގެ ވެރިޔާ މަހްމޫދު އަލް ފުތައިސީ ވިދާޅުވީ، އާބާދީގެ ސައްހަ މައުލޫމާތު ނެތުމުން ރައްޔިތުންނަށް ދިމާވާ އިގްތިސާދީ މައްސަލަތައް ދަނީ ބޮޑުވަމުންނެވެ. ވަސީލަތްތައް ހަމަހަމައަށް ބެލެހެއްޓުމާއި، އާންމު ސިޔާސަތުތައް އެކުލަވާލުމުގައި މިއީ ބޮޑު ހުރަހެކެވެ.

އިންތިޚާބާއި ތަރައްގީއަށް ކުރާ އަސަރު

ބޯހިމެނުން ލަސްވުމުގެ ސަބަބުން ކުރިއަށް އޮތް އިންތިޚާބުތަކަށާއި ދުސްތޫރީ ރިފަރެންޑަމްތަކަށް ސީދާ ސިޔާސީ އަސަރުތަކެއް ކުރާނެ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. މަޣްރިބް ޕޮލިސީ ފައުންޑޭޝަންގެ ޑިރެކްޓަރު މުހައްމަދު ތަންތޫޝް ވިދާޅުވީ، އިތުބާރު ހުރި ތަފާސްހިސާބު ނެތުމަކީ ކޮރަޕްޝަނާއި އިސްރާފަށް މަގުފަހިވާ ކަމެއް ކަމަށެވެ.

އޮބްޒާވަރުން ދެކޭ ގޮތުގައި، ލީބިޔާގައި މުއައްސަސާތައް އަލުން ބިނާކޮށް، އިންސާފުވެރިކަމާއެކު ވަސީލަތްތައް ބެހުމަށްޓަކައި، އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ އިތުބާރު ހުރި ގައުމީ ބޯހިމެނުމެއް ބޭއްވުމެވެ.

ލީބިޔާގެ އާބާދީގެ %97 އަކީ އަރަބިންނާއި ބަރްބަރުންނެވެ. ގައުމުގެ ރަސްމީ ބަހަކީ އަރަބި ބަސް ކަމުގައި ވިޔަސް، އާބާދީގެ ބޮޑު ބައެއް ވާހަކަ ދައްކަނީ ލީބިޔާ ބަހުރުވައިންނެވެ. އަދި ބަރްބަރުންގެ މުޖުތަމައުތަކުގައި އެމީހުންގެ އަމިއްލަ ބަސް ވެސް ބޭނުންކުރެއެވެ.

Be the first to comment

Leave a Reply

Your email address will not be published.


*