ނ. ފޮއްދޫ: ލޯކަލް ޓޫރިޒަމްގެ ދާއިރާގައި ފާހަގަކޮށްލެވޭ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން އަންނަ ނ. ފޮއްދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ “ފޮއްދޫ ކައުންސިލް ކަޕް 2026” މި މަހުގެ 7 ވާ ހޮނިހިރު ދުވަހުގެ ރޭ ފެށުމަށް ހުރިހާ ތައްޔާރީތަކެއް ވެ ނިމިއްޖެއެވެ.
އާބާދީގެ ގޮތުން ކުޑަ ރަށެއް ނަމަވެސް، ކުޅިވަރުގެ ފޯރި ގަދަ ފޮއްދޫގައި ބާއްވާ މި މުބާރާތަކީ ރަށު ފެންވަރުގައި ބޭއްވޭ އެންމެ ބޮޑު އަދި އެންމެ ފާހަގަކޮށްލެވޭ އެއް މުބާރާތެވެ. މިއަހަރުގެ މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފިރިހެން އަދި އަންހެން، މި ދެ ބަޔަށް ބަހާލައިގެންނެވެ.
މި މުބާރާތުގެ ފިރިހެން ޑިވިޝަންގައި ވާދަކުރަނީ ޖުމްލަ ތިން ޓީމެވެ. އެއީ ސިލްވާ ތްރީ، ކުޑަ ކަންމަތި ސްޕޯޓްސް ކުލަބް، އަދި ހެލްތް ސެންޓަރެވެ. ހަމައެއާއެކު، އަންހެން ޑިވިޝަންގައި ވެސް ތިން ޓީމެއް ވާދަކުރެއެވެ. އެއީ ސިލްވާ ތްރީ، ސީނާ މާރޓް، އަދި ސާއްބަ ޓްރެވަލް އެންޑް ޓުއާރ ޕވޓ ލޓޑ އެވެ.
މި މުބާރާތާ ގުޅޭގޮތުން ފޮއްދޫ ކައުންސިލްގެ ރައީސް މުހައްމަދު ސަނީ ވިދާޅުވީ، މި މުބާރާތް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ރަށުގެ ޒުވާނުންނާއި އާންމު ރައްޔިތުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކޮށް، އެކުވެރިކަން ބަދަހިކުރުން ކަމަށެވެ. މީގެ އިތުރުން، 2027 ވަނަ އަހަރު ތެރޭގައި މިއަށްވުރެ ފޯރިގަދަ ފުޓްސަލް މުބާރާތެއް ބޭއްވުމަށް ކައުންސިލުން ރާވަމުންދާކަމާއި އަދި ފޮއްދޫ ކައުންސިލް ކަޕް ކޮންމެ އަހަރަކު ވެސް ބޭއްވުމަށް ހަމަ ޖެހިފައި ވާ ކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ.
ފޮއްދޫގެ ކުޅިވަރުގެ ވަސީލަތްތައް ތަރައްގީކޮށް، ޒުވާނުންނަށް އިތުރު ފުރުސަތުތައް ހޯދައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވެސް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެކެވެ. މި މުބާރާތާއެކު ރަށުގެ އިޖުތިމާއީ ރޫހު އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ރަށު ކައުންސިލުން އުންމީދު ކުރެއެވެ.

Leave a Reply