ހުޅުމާލޭގެ ސެންޓްރަލް ޕާކުގެ ފިނި ރޯޅިތަކުން ހިތަށް ތާޒާކަން ގެނެސްދެމުންދިޔަ އެ ރޭގެ ހަނދާންތަކަކީ އަހަރެންގެ ހަޔާތުގެ އެންމެ އުޖާލާ ސަފުހާއެވެ. “ބިޒްނަސް އެކްސްޕޯ 2026” ގެ ކުލަގަދަ މާހައުލުގެ ތެރެއިން، އެތައް ބައެއްގެ މެދުގައި ހުރި އަހަރެންގެ ނަޒަރު ހުއްޓުނީ އެންމެ ދިމާލަކަށެވެ. އެއީ ސްޓޭޖް މަތީގައި ހުރި އެ ޒުވާނާއަށެވެ.
އޭނާއަކީ މުޅި ރާއްޖެ ދަންނަ، އެތައް ބައެއްގެ މަގުބޫލުކަން ހޯދާފައިވާ މަޝްހޫރު ލަވަކިޔުންތެރިއެކެވެ. މީގެ އަހަރުތަކެއް ކުރިން، އަހަރެން ރަށުގައި ދިރިއުޅުނުއިރު އޭނާއަކީ އަހަރެންގެ ފޯނުގެ ސްކްރީނުން ފެންނަ ހުވަފެނީ ސޫރައެކެވެ. ރަށުގައި ހުންނަން ޖެހުމުގެ ސަބަބުން އޭނާގެ އެއްވެސް ޝޯއަކަށް ދިއުމުގެ ނަސީބެއް އޭރަކު ނުލިބުނެވެ. ނަމަވެސް، މަތީ ތައުލީމަށް ކިޔެވުމަށް މާލެއަށް ބަދަލުވުމާއެކު، އަހަރެންގެ ހިތުގެ އެންމެ ބޮޑު އެދުމަކަށްވީ އޭނާ ހަމަލޮލަށް ފެނިލުމެވެ.
އެ ފުރުސަތު ލިބުނީ އެރޭ ސެންޓްރަލް ޕާކުންނެވެ. އަހަރެންގެ “ކްރަޝް” އެއްގެ ގޮތުގައި ހިތުގެ އެންމެ ފުންމިނުގައި ރައްކާކުރެވިފައިވާ އެ ސޫރަ، އެރޭ އަހަރެންގެ ހަމަލޮލަށް ފެނުނު ހިނދު މުޅި ދުނިޔެ ހުއްޓުނު ފަދަ އިހުސާސެއް ކުރެވުނެވެ. އޭނާ މައިކް ކައިރިއަށް ޖެހިލައި، ފުރަތަމަ ލަވައިގެ ރާގު ކުޅެލުމާއެކު އަހަރެންގެ ވިންދު އަވަސްވެގެން ދިޔައެވެ. އެ ޖާދުވީ އަޑު ޖައްވުގެ ތެރެއަށް ފެތުރިގެން ދިޔަ ވަގުތު، އަހަރެންގެ ހިތުގެ ކޮންމެ ނާރަކަށް އެ އަޑުގެ އަސަރު ފޯރިއެވެ. އޭނާގެ ހަރަކާތްތަކާއި، ލަވައިގެ ކޮންމެ ކަޑިއަކުން އަހަރެންގެ ހިތް އޭނާއަށްޓަކައި ގޮވާލާ ފަދައެވެ. ސްޓޭޖްގެ އަލިތަކުގެ ތެރެއިން އޭނާގެ މޫނު ފެންނަނީ ހުވަފެނީ ސޫރައެއް ފަދައިންނެވެ.
އެރޭ އެތަނުގައި ހުރިއިރު، އަހަރެންގެ ހިތުގައި އުފެދުނު ހަމައެކަނި ދުޢާއަކީ އެއީއެވެ. ކޮންމެވެސް ދުވަހަކުން އޭނާއަކީ ހަމައެކަނި އަހަރެންގެ ހިތުގެ ވެރިޔާއަށް ވުމެވެ. އޭނާގެ އެ ލޯތްބާއި، އެ ޝަޚުޞިއްޔަތު އަހަރެންގެ ހަޔާތުގެ ބައެއްގެ ގޮތުގައި ލިބުމަށް ހިތް އެދި ގޮވަނީ އިންތިހާއަށެވެ. އެއީ ހަމައެކަނި ފޭނެއްގެ ހިތުގައި އުފެދޭ ޝައުގުވެރިކަމެއް ނޫނެވެ. އެއަށްވުރެ ފުން، ބުނެދޭން ނޭނގޭ ފަދަ ތަފާތު ޖަޒުބާތެކެވެ.
ޝޯގެ މެދުތެރެއިން ހަވާ އެރުވުމަށްޓަކައި ލަވަކިޔުން މެދުކަނޑާލި ވަގުތެވެ. އޭނާ ސްޓޭޖުން ތިރިއަށް ފޭބި މަންޒަރު ފެނުމާއެކު އަހަރެންގެ ހިތް އަތަށް ނުއޮބޭ ވަރަށް ތަޅުވަން ފެށިއެވެ. ފުރަތަމަ ދާން ނުކެރިފައި ހުރި ނަމަވެސް، ހިތްވަރު ކޮށްލާފައި ގޮސް އޭނާގެ އަތުގައި މަޑުމަޑުން ކޮއްޓާލީމެވެ. އޭނާ ފަސްއެނބުރި ބަލާލުމުން، ލަދުގަނެފައި ހުރެ އަތުގެ އިޝާރާތުން ފޯނު ދައްކާލަމުން ސެލްފީއަކަށް އެދުނީމެވެ. އޭނާ ވަރަށް ހިތްހެޔޮކަމާއެކު ހިނިތުންވެލަމުން ސެލްފީގައި ބައިވެރިވިއެވެ. “ތޭންކް ޔޫ” އޭ ބުނެލުމުން، އޭނާ “ވެލްކަމް” އޭ ބުނެލީ ހިތްތިރިކަމާއެކުގައެވެ.
އެވަރުންވެސް އަހަރެންގެ ހިތެއް ނުފުރުނެވެ. އޭނާއާއެކު ފުލް ފޮޓޯއެއް ނަގަން ބޭނުންވެގެން އަހަރެންނާއެކު ދިޔަ ތިއްތަ ގާތު ބުނީމެވެ. ތިއްތަ ބުނީ އަމިއްލައަށް ގޮސް ބުނުމަށާއި، އޭރުން ތިއްތަ ފޮޓޯ ނަގައިދޭނެ ކަމަށެވެ. އަނެއްކާވެސް މީހުންގަނޑުގެ ތެރެއިން އޭނާގެ ގާތަށް ގޮސް، އޭނާގެ ނަމުން ގޮވާލަމުން އަތުގައި މަޑު މަޑުން ހިފާލީމެވެ. އޭނާ ފަސްއެނބުރި ބަލާލާފައި “ޔެސް” އޭ ބުނެލީ ވަރަށް ގާތްކޮށެވެ. އަހަރެން ލަދުން ހުރެ ފޮޓޯއެއް ނަގަން ބޭނުންވާ ވާހަކަ ބުނުމުން، އޭނާ ހިނިތުންވެފައި “ފޮޓޯއެއް ނަގަންދޯ” އޭ ބުނެލިއެވެ. އަހަރެން އޭނާ ގޮވައިގެން ތިއްތަ ހުރި ދިމާލަށް ގޮސް، ވަރަށް އުފަލުން ހުރެ ފޮޓޯ ނެގީމެވެ.
މިހާރު އަހަރެންގެ ފޯނުގެ ލޮކްސްކްރީންގައިވެސް އިންނަނީ އޭނާ އާއެކުގައި އިން ފޮޓޯއެވެ. އެ ފޮޓޯއަށް ބަލާލުމުން 2026 ޖުލައި 25 ގެ އެ ހަނދާންތައް އައުވެގެން ދެއެވެ. މިހާރު ނިދެނީވެސް ކެވެނީވެސް އޭނާގެ ހަނދާންތަކުގައެވެ. ކޮންމެ ވަގުތަކުވެސް ހިތަށް ސިފަވަނީ އޭނާގެ އެ އޯގާތެރި ހިނިތުންވުމެވެ. އަހަރެންގެ ދުނިޔެ މިހާރު އެނބުރެނީ އެންމެ އިންސާނެއްގެ ވަށައިގެންނެވެ. އެއީ އޭނާއެވެ.

Leave a Reply