ނ. ފޮއްދޫ: ފޮއްދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ “ފޮއްދޫ ކައުންސިލް ފުޓްބޯލް ކަޕް 2026” ގެ ފިރިހެން ޑިވިޝަނުގައި މިރޭ ކުޅުނު ފޯރިގަދަ މެޗު ހެލްތު ސެންޓަރުން ކާމިޔާބުކޮށްފިއެވެ. މިރޭގެ މެޗުގައި ބައްދަލުކުރީ ހެލްތު ސެންޓަރާއި ސިލްވާ ތްރީ އެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ވަރަށް ވާދަވެރި ކުޅުމެކެވެ. ދެ ޓީމުން ވެސް ލަނޑު ޖަހާނެ ފުރުސަތުތައް ތަނަވަސްކުރި ނަމަވެސް، ފުރަތަމަ ހާފު ނިމިގެންދިޔައީ އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެ އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފަށް ނިކުތްއިރު ހެލްތު ސެންޓަރުގެ ޓީމަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. މި ބަދަލުތަކާއެކު އެ ޓީމުގެ ކުޅުން ވަރުގަދަވެ، މެޗުގެ ކޮންޓްރޯލް މުޅިން ކަހަލަ ގޮތަކަށް އަތުލިއެވެ. ސިލްވާ ތްރީގެ ފަރާތުން ނުރައްކާތެރި ހަމަލާތަކެއް އުފެއްދުމަށް މަސައްކަތް ކުރި ނަމަވެސް، ހެލްތު ސެންޓަރުގެ ގޯލަށް އަމާޒުކޮށް މާބޮޑު ނުރައްކަލެއް ކުރެވޭ ގޮތެއް ނުވިއެވެ.
ހެލްތު ސެންޓަރުން ދެވަނަ ހާފުގައި ދެއްކި މޮޅު ކުޅުމާއެކު، އެ ޓީމުން ވަނީ ސިލްވާ ތްރީގެ ގޯލަށް ފުލުފުލުގައި 6 ގޯލު ވައްދާލާފައެވެ. މި ލަނޑުތަކާއެކު މެޗު ނިމިގެންދިޔައީ 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ހެލްތު ސެންޓަރު މޮޅުވެގެންނެވެ.
މި މޮޅާއެކު ހެލްތު ސެންޓަރުން ވަނީ ތާވަލުގައި ބޮޑު ކުރިއެރުމެއް ހޯދާފައެވެ. ފޮއްދޫގެ ޒުވާނުންގެ މެދުގައި އެކުވެރިކަން އާލާކުރުމަށް ބާއްވާ މި މުބާރާތުގެ ފޯރި ދުވަހުން ދުވަހަށް އަންނަނީ ގަދަވަމުންނެވެ.

Leave a Reply