ފޮއްދޫ ކައުންސިލް ފުޓްބޯޅަ ޗެލެންޖް 2026 : ހެލްތް ސެންޓަރ ބަލިކޮށް ކުޑަ ކަންމަތި ސްޕޯޓްސް ކުލަބް ތަށި އުފުލާލާފި

ކިޔާލާ.ކޮމް

ނ. ފޮއްދޫގައި ކާމިޔާބުކަމާއެކު ކުރިއަށް ގެންދިޔަ “ފޮއްދޫ ކައުންސިލް ކަޕް 2026” ގެ ފައިނަލް މެޗުގައި ފޮއްދޫ ހެލްތް ސެންޓަރު ބަލިކޮށް، މުބާރާތުގެ ޗެމްޕިއަންކަން ކުޑަ ކަންމަތީ ސްޕޯޓްސް ކުލަބުން ހޯދައިފިއެވެ.

ރަށުގެ އެކުވެރިކަމާއި އެއްބައިވަންތަކަން ބަދަހިކޮށް، ކުޅިވަރުގެ ރޫޙު އާލާކުރުމުގެ މަޤްޞަދުގައި ފޮއްދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި މި މުބާރާތުގެ ފައިނަލް މެޗު ކުޅެވުނީ ފޮއްދޫ ފުޓްސަލް ދަނޑުގައެވެ. ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ހާޒިރުގައި ކުޅުނު މި ފޯރިގަދަ އަދި ވާދަވެރި މެޗުގައި، ކުޑަ ކަންމަތީ ސްޕޯޓްސް ކުލަބުން ވަނީ ހެލްތް ސެންޓަރުގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. ނަމަވެސް، މެޗުގެ ފުރިހަމަ ދެ ހާފު ނިމިގެން ދިޔައީ ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި، 0-0 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

މެޗުގެ ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީ ޝޫޓްއައުޓްގައި ކުޑަ ކަންމަތީ ސްޕޯޓްސް ކުލަބުން ވަނީ މޮޅު ކުޅުމެއް ދައްކައި، ޕެނަލްޓީތައް ކާމިޔާބުކޮށް މުބާރާތުގެ ރަން ތަށި އުފުލާލާފައެވެ.

މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކައި އެކި ގޮތްގޮތުން ފާހަގަކޮށްލެވުނު ކުޅުންތެރިންނަށް ވަނީ އިނާމު ދީފައެވެ. އެގޮތުން ޗެމްޕިއަން ކުޑަ ކަންމަތީ ސްޕޯޓްސް ކުލަބުގެ ފަރާތުން ފާހަގަކޮށްލެވުނު ކުޅުންތެރިންނަކީ އެ ޓީމުގެ ޖާޒީ ނަންބަރު 8 ޙުސައިން ޝިހާމް، ޖާޒީ ނަންބަރު 22 މުޙައްމަދު އިދުހާމް އަދި ޖާޒީ ނަންބަރު 11 ޢަބްދުﷲ އިރުފާން އެވެ. މީގެ އިތުރުން ރަނަރަޕް ފޮއްދޫ ހެލްތް ސެންޓަރު ޓީމުން މޮޅު ކުޅުންތެރިންގެ ގޮތުގައި ފާހަގަކޮށްލެވުނީ ޖާޒީ ނަންބަރު 12 ޢަލީ ފާއިޤް އަދި ޖާޒީ ނަންބަރު 7 މުޙައްމަދު އައްލާމް އެވެ.

ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުންނާއި ޒުވާނުންގެ ބޮޑު ތަރުޙީބަކާއެކު ކުރިއަށްދިޔަ މި މުބާރާތް ނިމިގެންދިޔައީ ވަރަށް ފޯރިގަދަ އަދި އެކުވެރި މާޙައުލެއްގައެވެ.

Be the first to comment

Leave a Reply

Your email address will not be published.


*