މިއަދުގެ ދުނިޔޭގައި މީޑިއާ އިދާރާތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ސުވާލަކީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރަންވީތޯ ނުވަތަ ނޫންތޯއެއް ނޫނެވެ. އެހެންނަމަވެސް، މި ޓެކްނޮލޮޖީއަށް ޖާގަދޭނީ ކިހާ މިންވަރަކަށްތޯއާއި، ނޫސްވެރިޔާއާއި އެޑިޓަރުގެ މަސްއޫލިއްޔަތާއި ޒިންމާ ވަކިކުރާނެ ރޮނގަކީ ކޮބައިތޯ ކަނޑައެޅުމެވެ.
ނައިޖީރިއާގެ މަޝްހޫރު ނޫހެއް ކަމަށްވާ “ދަ ޕަންޗް” (The Punch) އިން ވަނީ މިކަމުގައި ވަރަށް ސާފު އުސޫލުތަކެއް ކަނޑައަޅައި، އޭއައި އަށް ތައްޔާރުވެފައިވާ ނިއުސްރޫމެއް ބިނާކުރުމުގެ މަސައްކަތް ފަށާފައެވެ. އެ ނޫހުގެ އުސޫލަކީ އޭއައި މެދުވެރިކޮށް މައުލޫމާތު ހޯދުމާއި، ޚުލާސާކުރުމާއި، ރިވިއުކުރުމާއި، ސުރުޚީތައް ހުށަހެޅުމާއި، އަދި ބެލުންތެރިންގެ ސުލޫކު ތަހުލީލުކުރެވުނު ނަމަވެސް، އޭއައި މެދުވެރިކޮށް ޚަބަރު ނުލިޔުމާއި އެންމެ ފަހުގެ އެޑިޓޯރިއަލް ނިންމުންތައް ނުނިންމުމެވެ.
އިންޓަނޭޝަނަލް ނިއުސް މީޑިއާ އެސޯސިއޭޝަން (އައިއެންއެމްއޭ) އިން ޝާއިއުކުރި ރިޕޯޓެއްގައި، ލިޔުންތެރިޔާ މެރީ ޖެކްމަން ވަނީ އެފްރިކާގައި ބޭއްވި ‘އައިއެންއެމްއޭ ނިއުސްރޫމް އެންޑް ޓެކްނޮލޮޖީ ސަމިޓް’ ގައި ޕަންޗް ނޫހުގެ އެޑިޓަރު އޮއިޓޮންޖީ އަބިއޯޔޭ ދެއްވި ޕްރެޒެންޓޭޝަނަށް އަލިއަޅުއްވާލައްވާފައެވެ. އަބިއޯޔޭ ވިދާޅުވި ގޮތުގައި، އޭއައި ތައާރަފްކުރުމުގެ މައިގަނޑު މަގުސަދަކީ ހަމައެކަނި ޓެކްނޮލޮޖީގެ ޓްރެންޑަކާ އެއްވަރަށް ފައިހަމަކުރުމެއް ނޫނެވެ. އޭގެ ބަދަލުގައި މައިގަނޑު އަމާޒަކީ އެޑިޓޯރިއަލް ކޮލިޓީ ހިފަހައްޓަމުން، ނޫސްވެރިންގެ އުފެއްދުންތެރިކަން އިތުރުކުރުމެވެ.
ނޫސްވެރިޔާގެ އެހީތެރިއެއް، ލިޔުންތެރިއެއް ނޫން
ޕަންޗް ނޫހުގައި މަސައްކަތުގެ އެކި މަރުހަލާތަކަށް އެހީތެރިވުމަށް އޭއައި ބޭނުންކުރުމުގެ ފުރުސަތު ނޫސްވެރިންނަށް ފުޅާ ދާއިރާއެއްގައި އޮވެއެވެ. ނަމަވެސް، މުޅި މުއައްސަސާގައި އޮތް އެންމެ ހަރުދަނާ އުސޫލަކީ ޚުދު ޚަބަރު ލިޔުމަށް އޭއައި ބޭނުންކުރުން މުޅިން މަނާކުރުމެވެ. އަބިއޯޔޭ ފާހަގަކުރެއްވި ގޮތުގައި އޭއައި އަކީ ނޫސްވެރިންގެ އެހީތެރިއެކެވެ. އެއީ ނޫސްވެރިންގެ ބަދަލުގައި މަސައްކަތްކުރާނެ އެއްޗެއް ނޫނެވެ. އަދި ޝާއިއުކުރާ ކޮންމެ އެއްޗެއްގެ ފުރިހަމަ ޒިންމާ ނަގަންޖެހޭނީ އިންސާނެއް ކަމަށްވާ ނޫސްވެރިޔާއެވެ.
މި އުސޫލުގެ ދަށުން، ނޫސްވެރިން ލިޔުން ހުށަހެޅުމުގެ ކުރިން ބަހުގެ ހަމަތަކާއި އިމްލާ ޗެކްކުރުމަށް (ވެރިފިކޭޝަން) އޭއައި ވަސީލަތްތައް ބޭނުންކުރެވިދާނެއެވެ. އެހެންނަމަވެސް، މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމުގެ އެންމެ ފަހު ޒިންމާ އޮންނަނީ ނޫސްވެރިޔާއާއި އެޑިޓަރުގެ އަތްމަތީގައެވެ.
އޭއައި އެޑިޓޯރިއަލް ރޫމަށް ވަނުން
ޚަބަރު ޝާއިއުކުރުމުގެ އެންމެ ފަހު މަރުހަލާތަކުގައި އޭއައި ވަސީލަތްތައް މުހިންމު ދައުރެއް އަދާކުރެއެވެ. ލިޔުންތަކުގެ ސާފުކަން އިތުރުކުރުމަށާއި، ޖުމްލަތައް މުރާޖައާކޮށް ޕްރޫފްރީޑްކުރުމަށް އެޑިޓަރުން މި ވަސީލަތްތައް ބޭނުންކުރެއެވެ. މީގެއިތުރުން، ސުރުޚީތައް ކަނޑައަޅާ އެޑިޓަރުން، ކިޔުންތެރިންގެ ޝައުގުވެރިކަން ދަމައިގަންނަ ފަދަ ތަފާތު ސުރުޚީތަކުގެ އޮޕްޝަންތައް އުފެއްދުމަށާއި، ތަފާތު ޑިޖިޓަލް ޕްލެޓްފޯމްތަކަށް އެކަށޭނަ ގޮތަށް ކޮންޓެންޓް ބައްޓަންކުރުމަށް އޭއައި ބޭނުންކުރެއެވެ.
ބެލުންތެރިންނަކީ ޑޭޓާ ސޯސްއެއް، އެޑިޓަރެއް ނޫން
ބެލުންތެރިންނާއި ކިޔުންތެރިންގެ ސުލޫކު ދެނެގަތުމަށް ވެސް ޕަންޗުން އޭއައިގެ ބޭނުން ހިފައެވެ. އެގޮތުން، ޚަބަރުތަކުގެ ޕާފޯމަންސާއި، ކިޔުންތެރިން ޝައުގުވެރިވާ މައުޟޫއުތަކާއި، ވެބްސައިޓުގައި ކިޔުންތެރިން ހޭދަކުރާ ވަގުތު ތަހުލީލުކުރެއެވެ.
އެހެންނަމަވެސް، ހަމައެކަނި ޑޭޓާގެ އަދަދުތަކަކީ އެޑިޓޯރިއަލް ނިންމުންތައް ނިންމަންޖެހޭ އަސާސް ނޫން ކަމަށް އަބިއޯޔޭ އިންޒާރު ދެއްވިއެވެ. އަމާޒަކީ ޑޭޓާއިން ދައްކާހާ ގޮތަކަށް އެޑިޓޯރިއަލް ސިޔާސަތުބަދަލުކުރުމެއް ނޫނެވެ. އޭގެ ބަދަލުގައި، ހެކިތަކާއި މައުލޫމާތަށް ބިނާކޮށް، ފުރިހަމަ ވިސްނުމާއެކު ސްމާޓް ނިންމުންތައް ނިންމުމެވެ.
ޕަންޗް ނޫހުން ދައްކުވައިދޭ މި ނަމޫނާއަކީ ޒަމާނީ މީޑިއާއަށް މުހިންމު ފިލާވަޅެކެވެ؛ ޓެކްނޮލޮޖީގެ ސަބަބުން އަގުހުރި މައުލޫމާތާއި މަގުދައްކައިދޭ އިންޑިކޭޓަރުތައް ލިބުނު ކަމުގައި ވިޔަސް، ނޫސްވެރިކަމުގެ އަގުތަކާއި އެޑިޓޯރިއަލް ނިންމުންތައް ނިންމާނީ އިންސާނުންނެވެ. އެއީ ނޫސްވެރިކަމުގެ ޞައްޙަކަމާއި އިތުބާރު އަބަދުމެ ދެމެހެއްޓުމަށްޓަކައެވެ.

Leave a Reply