މެދުތެރޭ ޔޫރަޕަށް ކުރިމަތިވެފައިވާ ހޫނުގަދަ އަދި ވިއްސާރަ ނުވެ ދިގުލައިގެންދާ ހިއްކާ މޫސުމުގެ ސަބަބުން، ކޯރުތަކުގެ ފެންގަނޑު އާދަޔާޚިލާފަށް ދަށްވެ، ޒަމާންތަކެއް ވަންދެން ފެނުގެ އަޑީގައި ފޮރުވިފައި ހުރި “ބަނޑުހައިހޫނުކަމުގެ ހިލަތައް” (ހަންގަރ ސްޓޯންސް) އަނެއްކާވެސް ފެންނަން ފަށައިފިއެވެ.
މި ހިލަތަކުގައި “އަހަރެން ފެނިއްޖެއްޔާ ރޮއި” ނުވަތަ “އަހަރެމެން ރޮއި ރޮއިލާނަން” ފަދަ ބިރުވެރި އިބާރާތްތައް ކޮށާފައި ހުރެއެވެ. ތާރީޚީ ގޮތުން މި އިންޒާރުތަކަކީ ފެން ނެތުމާއި، ދަނޑުވެރިކަން ހަލާކުވެ، ކުރިމަތިވާ ބަނޑުހައިހޫނުކަމުގެ ރަމްޒެކެވެ. މިގޮތުން އެންމެ މަޝްހޫރު އެއް ހިލަ ފެންނަން ހުންނަނީ ޗެކް ރިޕަބްލިކްގެ ޑެޗިން އާއި ޖަރުމަނުގެ ޕިރްނާއާ ދެމެދު އޮންނަ އެލްބޭ ކޯރުގެ އައްސޭރިންނެވެ. އެ ހިލައިގައި 1616 ވަނަ އަހަރުގެ ތާރީޚު ކަނޑައަޅާފައިވެއެވެ.
ނަމަވެސް، ޒަމާނީ ވަސީލަތްތަކާއި ވަރުގަދަ އިޤްތިޞާދީ ނިޒާމެއް އޮތް ޖަރުމަނުވިލާތުގައި، މި ހިލަތައް ފެނުމަކީ ޤައުމު ބަނޑުހައިހޫނުކަމުގެ ތެރެއަށް ވެއްޓުން ކަމަށް ބެލުމަކީ ހަޤީޤަތާ ދުރު ކަމެކެވެ. އެހެންނަމަވެސް، 2018، 2022 އަދި މިއަހަރުވެސް މި ހިލަތައް ފެންނަން ފެށުމުން، މިއީ މޫސުމަށް އަންނަ ނުރައްކާތެރި ބަދަލުތަކާއި ހޫނުމިން އިތުރުވުމުގެ ސީރިއަސް ރަމްޒަކަށް މިހާރު ވަނީ ވެފައެވެ.
އާންމު ދިރިއުޅުމަށާއި އިޤްތިޞާދަށް ކުރާ އަސަރު
މި ހާލަތުގެ ސަބަބުން ޖަރުމަނުގެ ރައްޔިތުންގެ ދުވަހީ ދިރިއުޅުމަށް މިހާރުވެސް ދަނީ ބޮޑެތި އަސަރުތަކެއް ކުރަމުންނެވެ. ޖަރުމަނު އިކޮނޮމިކް އިންސްޓިޓިއުޓްގެ ޓްރާންސްޕޯޓް އެންޑް އިންފްރާސްޓްރަކްޗާ ދިރާސާތަކާ ބެހޭ ވެރިޔާ ތޯމަސް ޕޯލްސްއާ ހަވާލާދީ ‘ޓަގޭޝޯ’ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ރައިން ކޯރުގެ ފެންގަނޑު ދަށްވުމުގެ ސަބަބުން ބޯޓުފަހަރަށް އުފުލެނީ ވަރަށް ކުޑަ މުދާކޮޅެކެވެ. މީގެ ސަބަބުން ރައިންލޭންޑުން ރޮޓަޑަމް ބަނދަރަށް މުދާ އުފުލުމުގެ އަގު ވަނީ ހަތަރު ގުނައަށް އުފުލިފައެވެ.
އެއްގަމާއި ރޭލު މަގުން މުދާ އުފުލުމުގެ ކެޕޭސިޓީ މަދުވުމުން، މުދާ އެހެން މަގުތަކަށް ބަދަލުކުރުމަކީ ބޮޑު ޚަރަދެއް ހިނގާ ކަމަކަށް ވުމުން ބައެއް ކުންފުނިތަކުން ވަނީ އުފެއްދުންތައް މަދުކޮށްފައެވެ. ޚާއްޞަކޮށް ތެލާއި ހަކަތައިގެ ސަޕްލައިއަށް ބުރޫއަރައި، ރައިން ކޯރުގެ ސަރަހައްދުތަކުގައި ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. މީގެ އިތުރުން އިމާރާތްކުރުމުގެ ދާއިރާއަށްވެސް މިކަމުގެ ނޭދެވޭ އަސަރު ދަނީ ކުރަމުންނެވެ.
ކާބޯތަކެތީގެ އަގުތައް އުފުލުން
ހިއްކާ މޫސުމުގެ ސަބަބުން ދަނޑުވެރިކަމުގެ އުފެއްދުންތަކަށް ވަނީ ބޮޑު ހީނަރުކަމެއް އައިސްފައެވެ. ޖަރުމަނުގެ ބާޒާރުތަކުގައި އަލުވި، ލެޓިއުސް، ބްރޮކޮލީ، ކޮލިފްލާވާ އަދި ކެރެޓް ފަދަ ތަރުކާރީގެ ބާވަތްތަކުގެ އަގުތައް ވަނީ އިންތިހާއަށް އުފުލިފައެވެ. ނޯތު ރައިން-ވެސްޓްފާލިއާގެ ދަނޑުވެރިކަމާ ބެހޭ އިދާރާއިން ބުނާ ގޮތުގައި، މި ބަދަލުތަކާ އެކު ދަނޑުވެރިން ދަނީ ދަނޑުވެރިކަން ކުރާ އުސޫލުތައް ބަދަލުކޮށް، އާ ހާލަތަށް ހޭނުމަށް މަސައްކަތް ކުރަމުންނެވެ.
ހަގީގަތް ގަބޫލުކުރުމާއި ފަރުވާކުޑަކުރުން
މި މައްސަލައިގައި ޖަރުމަނުގެ މަޝްހޫރު މަޖައްލާ ‘ޑަރ ސްޕީގަލް’ އިން ފާހަގަކޮށްފައިވަނީ ސިޔާސީ ގޮތުން މިކަމަށް ދެވޭ ސަމާލުކަން ކުޑަކަމެވެ. އެ މަޖައްލާގެ ރިޕޯޓެއްގައި ބުނެފައިވަނީ، އިންސާނުން މަރާ ކުރިމަތިލާއިރު ފަސް މަރުހަލާއެއް ކަޑައްތުކުރާ ފަދައިން، މޫސުމީ މައްސަލައިގައި ޖަރުމަނު މިހާރު އޮތީ އެންމެ ފަހު މަރުހަލާ ކަމަށްވާ “ހަގީގަތް ގަބޫލުކޮށް، އެކަން ހައްލުކުރުމުގެ ބަދަލުގައި އެއާ އެކު ދިރިއުޅެން ހަވާލުވުމުގެ” މަރުހަލާގައެވެ.
ސައިންސްވެރިން ދެމުންދިޔަ އިންޒާރުތައް ހަގީގަތަކަށް ވެ، ނުރައްކާތެރި ހާލަތަކަށް ކަންކަން ދިޔަ ނަމަވެސް، މުޖުތަމައުން މި ހާލަތަކީ “އާ އާންމު ހާލަތު” (ނިއު ނޯމަލް) ކަމުގައި ބަލައިގެން ތިބުމަކީ ބޮޑު ނުރައްކަލެކެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ނަތީޖާތަކާ އެކު އުޅެން ދަސްކުރަން ޖެހޭ ކަމަށް ވިދާޅުވެ ސިޔާސީ ލީޑަރުން ދައްކަވާ ވާހަކަތަކަކީ މި ނުރައްކަލަށް ފަސޭހައިން ދޫދިނުން ކަމަށާއި، މި ފަރުވާކުޑަކުރުމުގެ ނަތީޖާ މުސްތަގުބަލުގައި މުޅި މުޖުތަމައަށް ވަރަށް ހިތިވާނެ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން އިންޒާރު ދެއެވެ.
Leave a Reply