ޓިއުނީޝިއާގެ ޒައިތޫނި ތެލުގެ އުފެއްދުންތެރިކަމާއި ދުނިޔޭގެ ބާޒާރުގައި އެ ތަކެއްޗަށް އޮތް ޑިމާންޑް ބޮޑުވުމާ ގުޅިގެން، 2025-2026 ސީޒަނުގެ ފުރަތަމަ ނުވަ މަސް ދުވަހުގެ ތެރޭގައި އެ ގައުމުގެ ޒައިތޫނި ތެލުގެ އެކްސްޕޯޓް ރެކޯޑް މިންވަރަކަށް އަރައި، 1.6 ބިލިއަން އެމެރިކާ ޑޮލަރުގެ ބޮޑު އާމްދަނީއެއް ހޯދައިފިއެވެ.
ޓިއުނީޝިއާގެ ނޭޝަނަލް އޮބްޒަވޭޓަރީ އޮފް އެގްރިކަލްޗަރގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ ނޮވެމްބަރު މަހު ސީޒަން ފެށުނީއްސުރެ ޖުލައި މަހުގެ ނިޔަލަށް އެ ގައުމުން ވަނީ 368،000 ޓަނުގެ ޒައިތޫނި ތެޔޮ ބޭރުކޮށްފައެވެ. މިއީ އޭގެ ކުރީ ސީޒަނުގެ މި މުއްދަތުގައި އެކްސްޕޯޓްކުރި 236،900 ޓަނާ އަޅާބަލާއިރު 55.3 އިންސައްތައިގެ ކުރިއެރުމެކެވެ. މިއާއެކު އެކްސްޕޯޓް އާމްދަނީ ވަނީ 44.4 އިންސައްތަ އިތުރުވެ، ކުރީ އަހަރުގެ 1.1 ބިލިއަން ޑޮލަރުން (3.19 ބިލިއަން ދީނާރު) މި ސީޒަނުގައި 1.6 ބިލިއަން ޑޮލަރަށް (4.61 ބިލިއަން ޓިއުނީޝިއަން ދީނާރު) އުފުލިފައެވެ.
މި ސީޒަނުގެ ތެރޭގައި ޓިއުނީޝިއާގެ ޒައިތޫނި ތެޔޮ ދުނިޔޭގެ 70 އަށް ވުރެ ގިނަ ގައުމަކަށް ވަނީ އެކްސްޕޯޓްކޮށްފައެވެ. އޭގެ ތެރެއިން އެންމެ ބޮޑު ހިއްސާއެއް ކަމަށްވާ 57.1 އިންސައްތަ އެކްސްޕޯޓްކޮށްފައިވަނީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ގައުމުތަކަށެވެ. އެގޮތުން ސްޕެއިނަށް 32.1 އިންސައްތަ އަދި އިޓަލީއަށް ގާތްގަނޑަކަށް 20 އިންސައްތަ އެކްސްޕޯޓްކޮށްފައިވެއެވެ. ދެވަނައަށް އެންމެ ބޮޑު މާކެޓެއްގެ ގޮތުގައި އޮތް އުތުރު އެމެރިކާއަށް 24 އިންސައްތަ (އެމެރިކާއަށް 19.2% އަދި ކެނެޑާއަށް 4.8%) ބޭރުކުރިއިރު، އޭޝިއާގެ މާކެޓްތަކަށް 11.3 އިންސައްތަ ވަނީ ބޭރުކޮށްފައެވެ. މީގެ އިތުރުން އެފްރިކާގެ މާކެޓްތަކަށް 3.8 އިންސައްތަ ބޭރުކުރިއިރު، އޭގެ ތެރެއިން 3.3 އިންސައްތަ ހިއްސާކުރީ މިޞްރެވެ.
އިންޓަނޭޝަނަލް އޮލިވް ކައުންސިލުން ހާމަކުރި ގޮތުގައި، 2025-2026 ސީޒަނުގައި ޓިއުނީޝިއާގެ އުފެއްދުންތެރިކަން 500،000 ޓަނަށް އަރައި، އެ ގައުމު ވެފައިވަނީ ސްޕެއިން ފިޔަވައި ދުނިޔޭގައި ދެވަނައަށް އެންމެ ގިނައިން ޒައިތޫނި ތެޔޮ އުފައްދާ ގައުމަށެވެ. ޓިއުނީޝިއާގެ ދަނޑުވެރިކަމުގެ އެކްސްޕޯޓްގެ ދެބައިކުޅަ އެއްބައި ހިއްސާކުރަނީ ޒައިތޫނި ދާއިރާއިންނެވެ. އަދި އޭގެ ގާތްގަނޑަކަށް 80 އިންސައްތައަކީ އޯގަނިކް އުފެއްދުންތަކެވެ. މި ސީޒަނުގައި 51،200 ޓަނުގެ އޯގަނިކް ޒައިތޫނި ތެޔޮ އެކްސްޕޯޓްކޮށްގެން 231.5 މިލިއަން ޑޮލަރު (673.2 މިލިއަން ދީނާރު) ވަނީ ހޯދާފައެވެ.
ނަމަވެސް، ޓިއުނީޝިއާގެ ޒައިތޫނި ތެލުގެ ބޮޑު ބައެއް ސްޕެއިން އަދި އިޓަލީ ފަދަ ގައުމުތަކަށް ބޭރުކުރަނީ ބަލްކްކޮށް (ޕެކްނުކޮށް) ކަމަށްވުމުން، އެ ގައުމުތަކުން އެ ތެޔޮ އެއްކޮށް އަދި ރީޕެކޭޖްކޮށްގެން އަލުން ބޭރުކުރެއެވެ. ޓިއުނީޝިއާއިން ބޭރުކުރި އޯގަނިކް ތެލުގެ ތެރެއިން ވެސް ޕެކޭޖްކޮށްފައިވަނީ އެންމެ 6.2 އިންސައްތައެވެ. އެހެންކަމުން، އަމިއްލަ ގައުމުގައި ޕެކޭޖްކުރުމާއި މާކެޓިން ވަރުގަދަކުރުމަކީ މި ދާއިރާގެ އަގު އިތުރަށް އުފުލުމަށްޓަކައި ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ.
ޒައިތޫނި ތެލުގެ އެކްސްޕޯޓް ރަނގަޅުވުމުގެ ސަބަބުން، 2026 ވަނަ އަހަރުގެ ފުރަތަމަ ހަތް މަސްދުވަހުގެ ތެރޭގައި ޓިއުނީޝިއާގެ ކާބޯތަކެތީގެ ސިނާއަތުގެ އެކްސްޕޯޓް ވަނީ 22.9 އިންސައްތަ އިތުރުވެފައެވެ. އަދި މިއީ ކާބޯތަކެތީގެ ވިޔަފާރީގެ ދާއިރާއިން އެ ގައުމަށް ސާޕްލަސްއެއް ހޯދައިދިން ކަމެއް ނަމަވެސް، ގައުމުގެ ޖުމްލަ ވިޔަފާރީގެ ޑެފިސިޓް ފޫބެއްދުމުގައި އަދިވެސް ގޮންޖެހުންތައް އެބަހުއްޓެވެ

Leave a Reply