ޗައިނާގެ އެކްސްޕޯޓަށް ހުރަސްއެޅުމަށް އެމެރިކާ ގޮވާލަނީ… އަދި ޖަރުމަނުވިލާތް: ހަނގުރާމަތަކަކީ ދުނިޔޭގެ އިގްތިސާދަށް ވިހައެއް

ފޮޓޯ އަލް ޖަޒީރާ

އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް، ޖީ20 ގެ މެމްބަރު ގައުމުތަކަށް ޗައިނާއާއެކު އޮތް ވިޔަފާރީގެ ޝަރުތުތައް މުރާޖައާ ކުރުމަށް ހޯމަ ދުވަހު އިލްތިމާސް ކުރައްވައިފިއެވެ. މިކަމަށް އެމެރިކާއިން ގޮވާލާފައިވަނީ އެ ގައުމުގައި ބާއްވާ ޖީ20 ގެ ފިނޭންސް މިނިސްޓަރުންގެ ބައްދަލުވުންތައް ފެށުމުގެ ކުރިންނެވެ.

ރޮއިޓާސްއަށް ދެއްވި އިންޓަވިއުއެއްގައި ބެސެންޓް ވިދާޅުވީ، އަހަރަކު 1.2 ޓްރިލިއަން ޑޮލަރަށް އަރާ ޗައިނާގެ ވިޔަފާރީގެ ބޮޑު ސާޕްލަސްއާއެކު ދުނިޔެއަށް ދިރިއުޅެވެން ނެތް ކަމަށެވެ. އަދި ޗައިނާގެ އިގްތިސާދީ ދުވެލި މަޑުޖެހިފައިވާ ހާލަތުން އަރައިގަތުމަށް އެ ގައުމުން މަސައްކަތް ކުރަނީ އެކްސްޕޯޓަށް އެކަނި ބަރޯސާވެގެން ކަމަށް ފާހަގަކުރައްވައި، އެކްސްޕޯޓް އިތުރުކުރުމުގެ ބަދަލުގައި އެތެރޭގެ ޑިމާންޑް (ޑޮމެސްޓިކް ޑިމާންޑް) އިތުރުކުރުމަށް ޗައިނާއަށް އެހެން ގައުމުތަކުން ޕްރެޝަރު ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.

މި ގޮވާލުން އައިސްފައިވަނީ އަންނަ ސެޕްޓެމްބަރު މަހު ވޮޝިންޓަންގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޗައިނާގެ ރައީސް ޝީ ޖިންޕިން ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ދަނޑިވަޅެއްގައެވެ. ބްލޫމްބާގުން ރިޕޯޓްކުރާ ގޮތުގައި، ޗައިނާގެ މުދަލުން %7.5 ގެ ޓެރިފެއް ނެގުމަށް އެމެރިކާއިން ދަނީ ވިސްނަމުންނެވެ. އަދި ދެ ގައުމުގެ ދެމެދުގައި އެއްބަސްވެފައިވާ ވިޔަފާރީގެ ހަނގުރާމައިގެ މުއްދަތު އިތުރު ނުކޮށްފިނަމަ އަންނަ ނޮވެމްބަރު މަހު އެ އެއްބަސްވުން ނިމުމަކަށް އަންނާނެއެވެ.

އެމެރިކާގެ ޓެރިފްތަކުގެ ސަބަބުން 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހު އެމެރިކާއާއި ޗައިނާގެ ވިޔަފާރީގެ ޑެފިސިޓް %33 އަށް ދަށްވެ، 73.9 ބިލިއަން ޑޮލަރަށް ކުޑަވެފައިވީ ނަމަވެސް، ޗައިނާގެ އެކްސްޕޯޓް މިހާރު ވަނީ ޔޫރަޕްގެ މާކެޓްތަކަށް އިންތިހާއަށް އިތުރުވެފައެވެ. ޖުލައި މަހު އެކަނިވެސް އިލެކްޓްރިކް ވެހިކަލްތަކާއި ސެމީކޮންޑަކްޓަރު ހިމެނޭހެން ޗައިނާގެ އެކްސްޕޯޓް %23.9 އިތުރުވެފައިވާތީ، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ދަނީ އިމްޕޯޓް ކޮންޓްރޯލް ކުރަން ގޮވާލަމުންނެވެ. މީގެ އިތުރުން، އައިއެމްއެފް އިން ލަފާކުރާ ގޮތުގައި ޗައިނާގެ ޔުއާންގެ އަގު %21 ދަށްކޮށްފައި އޮތުމުން، ޔުއާންގެ އެކްސްޗޭންޖް ރޭޓް މަތިކުރުމަށް މަސައްކަތް ކުރުމަށްވެސް ޔޫރަޕްގެ ލީޑަރުން ދަނީ ބާރުއަޅަމުންނެވެ.

ޗާންސެލަރު އަދި ފިނޭންސް މިނިސްޓަރު ލާރސް ކްލިންގްބެއިލް ވަނީ ވަރުގަދަ އިންޒާރެއް ދެއްވާފައެވެ. ކްލިންގްބެއިލް ވިދާޅުވީ ވިޔަފާރީގެ ހަމަނުޖެހުންތަކާއި، އީރާނާއި ޔޫކްރޭންގެ ހަނގުރާމަތަކަކީ ދުނިޔޭގެ އިގްތިސާދީ ކުރިއެރުމަށް ހުރި “ވިހަ” އެއް ކަމަށެވެ. އެހެންކަމުން ދުނިޔޭގެ އިގްތިސާދަށް ގެއްލުންދޭ މިފަދަ ހަނގުރާމަތައް ވަގުތުން ހުއްޓާލަން ޖެހޭ ކަމަށް އޭނާ ގޮވާލެއްވިއެވެ.

ކްލިންގްބެއިލް އިތުރަށް ވިދާޅުވީ ހުޅުވިފައިވާ، ގަވާއިދުތަކަށް ބިނާވެފައިވާ ވިޔަފާރިއެއް ކުރިއެރުވުމަށްޓަކައި ކެނެޑާ، އިނގިރޭސިވިލާތް އަދި އިންޑިއާގެ އޮފިޝަލުންނާ ބައްދަލުކުރައްވާނެ ކަމަށެވެ. މި ބައްދަލުވުންތަކަކީ ޑިސެމްބަރު 14 އަދި 15 ގައި އެމެރިކާގެ ރައީސް ޓްރަމްޕް މިއާމީގައި ބާއްވާ ޖީ20 ގެ އިސްވެރިންގެ ސަމިޓަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ ބައްދަލުވުންތަކެކެވެ.

ނަމަވެސް، އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ އަގުތައް އިންތިހާއަށް އުފުލިފައިވުމާއި، އެމެރިކާއިން ކެނެޑާއާ ދެކޮޅަށް ފަށާފައިވާ ވިޔަފާރީގެ ހަނގުރާމައިގެ ސަބަބުން ޖީ7 ގައުމުތަކުގެ މެދުގައި އެއްބައިވަންތަކަން ގެއްލި، ޖީ20 ގެ މަޝްވަރާތަކަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. ދުނިޔޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށް 1997-1998 ގައި އުފެއްދި ޖީ20 ގައި 19 ގައުމަކާއި، ޔޫރަޕިއަން ޔޫނިއަން އަދި އެފްރިކަން ޔޫނިއަން ހިމެނެއެވެ.

Be the first to comment

Leave a Reply

Your email address will not be published.


*