ލޭމައްޗަށް ދިއުން: ކަންބޮޑުވާންވީ ކޮން އިރަކު؟

ކިޔާލާ.ކޮމް

ލޭގެ ޕްރެޝަރު ބަލާ އާލާތުން މަތީ ރީޑިންގެއް ފެނުމަކީ، ހާއްސަކޮށް ދުވަހަކުވެސް ލޭމައްޗަށްދާކަން (ހައިޕަރޓެންޝަން) އެނގިފައި ނުވާ މީހަކަށް ނުހަނު ބިރުވެރި ކަމަކަށް ވެދާނެއެވެ. ނަމަވެސް، ކޮންމެ ވަގުތެއްގައި ޑިވައިސްއިން ދައްކާ ނަންބަރަކީ ކޮންމެހެން އެމީހެއްގެ އާންމު ލޭގެ ޕްރެޝަރު ހުންނަ މިންވަރު ނޫން ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ.

ފެމިލީ މެޑިސިން ކޮންސަލްޓަންޓް ޑރ. ފާތިމަތު އަލްޒަހްރާ ނޫރު އެލް ދީން ހާމަކުރައްވާ ގޮތުގައި، ލޭމައްޗަށް ދިއުން އާންމުކޮށް ދެނެގަނެވެނީ އެންމެ ފަހަރަކު ބަލާލާ ބެލުމަކުން ނޫނެވެ. އޭގެ ބަދަލުގައި، ވަގުތީ ގޮތުން ލޭމައްޗަށް ދިއުމާއި ދާއިމީކޮށް ލޭމައްޗަށް ދިއުން ވަކިކުރެވެނީ އެކި ވަގުތުތަކުގައި ތަކުރާރުކޮށް ޞައްޙަ ގޮތުގައި މިންކުރުމަށްފަހުގައެވެ. ސްޓްރެސްވުން، ބުރަކޮށް މަސައްކަތްކުރުން، ކޮފީ އަދި ބައެއް ކާނާ ބޭނުންކުރުން، ނިދި މަދުވުން އަދި ގައިގައި ރިއްސުން ފަދަ ކަންކަމަކީ ދޭތެރެ ދޭތެރެއިން ލޭގެ ޕްރެޝަރު މައްޗަށް ގެންދާ ސަބަބުތަކެވެ.

ޔޫރަޕިއަން ސޮސައިޓީ އޮފް ކާޑިއޮލޮޖީ (އީއެސްސީ) ގެ 2024 ވަނަ އަހަރުގެ ގައިޑްލައިން ބުނާ ގޮތުގައި، އެއް ފަހަރު ޑޮކްޓަރަށް ދައްކާއިރު ލޭގެ ޕްރެޝަރު ބެލުމަކީ ބަލި ދެނެގަތުމަށް ފުދޭ މިންވަރެއް ނޫނެވެ. މި ގައިޑްލައިންގައިވާ ގޮތުން ކްލިނިކްތަކުގައި ލޭމައްޗަށް ދިއުމުގެ މިންގަނޑަކީ 140/90 އެމްއެމްއެޗްޖީ ނުވަތަ އެއަށްވުރެ މަތިވުމެވެ. އަދި ގޭގައި ޓެސްޓުކުރާއިރު އެވްރެޖްކޮށް 135/85 ނުވަތަ އެއަށްވުރެ މަތިވުމެވެ. މީގެ އިތުރުން، 2021 ވަނަ އަހަރު “ޖާމާ” ގައި ޝާއިއުކުރި 215،000 އަށް ވުރެ ގިނަ މީހުން ހިމެނޭ ދިރާސާއަކުން ދައްކާ ގޮތުގައި ހަމައެކަނި ކްލިނިކުން ބަލާ ބެލުމަކީ ބައެއް ފަހަރު ގޯސް ނަތީޖާ ދައްކާ ކަމަކަށްވާތީ، ގޭގައި ލޭގެ ޕްރެޝަރު މޮނިޓަރ ކުރުމަކީ ނުހަނު މުހިންމު ކަމެކެވެ.

މިންކުރުމުގައި ހެދޭ ގޯސްތަކާއި ޞައްޙަ ގޮތް

ލޭގެ ޕްރެޝަރު ބެލުމުގައި ހެދޭ ކުދިކުދި ގޯސްތަކުގެ ސަބަބުން ނަތީޖާއަށް ބަދަލު އާދެއެވެ. ޑރ. ފާތިމަތު އަދި އެމެރިކަން ހާޓް އެސޯސިއޭޝަނުން އިރުޝާދު ދެއްވާ ގޮތުގައި:

  • ލޭގެ ޕްރެޝަރު ބެލުމުގެ 30 މިނެޓް ކުރިން ކަސްރަތު ކުރުމާއި، ކޮފީ ބުއިމާއި ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވާންވާނެއެވެ.
  • ޕްރެޝަރު ބެލުމުގެ ކުރިން ފާޚާނާއަށް ގޮސް މަސާނާ ހުސްކުރުމަށްފަހު، ވާހަކަ ނުދައްކައި 5 މިނެޓް ވަންދެން ހަމަހިމޭނުން އިށީނދެ އިންނަންވާނެއެވެ.
  • އިށީނދެ އިންނައިރު ބުރަކަށި ސަޕޯޓްކޮށް، ފައި ބިންމަތީގައި ފަތިކޮށް ބަހައްޓައި، އަތް ހިތާ އެއްވަރަކަށް މޭޒުމަތީގައި ބާއްވަންވާނެއެވެ. އަދި ކަފް ހުންނަންވާނީ ސީދާ ހަންގަނޑުގައި ޖެހޭ ގޮތަށް، އަތުގެ ސައިޒާ ގުޅޭ ގޮތަށެވެ.
  • އެންމެ ޞައްޙަ ނަތީޖާއެއް ހޯދުމަށް، 1 ނުވަތަ 2 މިނެޓުގެ މެދުކެނޑުމަކަށްފަހު ދެވަނަ ރީޑިންގެއް ނަގައި، މަދުވެގެން 3 އިން 7 ދުވަހަށް ހެނދުނާއި ހަވީރު ރެކޯޑްކޮށް އެވްރެޖް ބަލަންވާނެއެވެ.

‘ވައިޓް ކޯޓް’ އަދި ‘މާސްކްޑް’ ހައިޕަރޓެންޝަން

ޑރ. ފާތިމަތު ފާހަގަކުރެއްވި ގޮތުގައި “ވައިޓް ކޯޓް ހައިޕަރޓެންޝަން” އަކީ ޑޮކްޓަރު ފެނުމުން ހާސްވެގެން ކްލިނިކުގައި ލޭގެ ޕްރެޝަރު މަތިވެފައި ގޭގައި އާދައިގެ މިންވަރަކަށް ހުރުމެވެ. އަދި މީގެ އިދިކޮޅަށް “މާސްކްޑް ހައިޕަރޓެންޝަން” ގައި ކްލިނިކުގައި ނޯމަލްވި ނަމަވެސް ގޭގައި ޕްރެޝަރު ހުންނަނީ މަތީގައެވެ. އެހެންކަމުން ގޭގައި ނުވަތަ 24 ގަޑިއިރުގެ މޮނިޓަރިންގ ޑިވައިސްއަކުން ބެލުމަކީ ހަގީގީ ހާލަތު ދެނެގަތުމަށް އެންމެ ރަނގަޅު ގޮތެވެ.

ޑޮކްޓަރަށް ދައްކަންވީ ކޮން އިރަކު؟

ލޭމައްޗަށް ދިއުމަކީ އާންމުކޮށް އަލާމާތެއް ނުފެނި ހުންނަ ކަމަކަށް ވާތީ، ގަވާއިދުން ޗެކްކުރުން މުހިންމެވެ. ނަމަވެސް ތަކުރާރުކޮށް ރީޑިންގ މަތިވާނަމަ ނުވަތަ ބޮލުގައި ރިއްސުން، ބޯއެނބުރުން، ލޮލުގެ ފެނުން ފުސްވުން، މޭގައި ރިއްސުން އަދި ނޭވާ ކުރުވުން ފަދަ އަލާމާތްތައް ފެންނަނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކަންވާނެއެވެ.

ހާއްސަކޮށް، ލޭގެ ޕްރެޝަރު 180/120 އެމްއެމްއެޗްޖީ އަށް ވުރެ މައްޗަށް ގޮސް، އަދި އެއް މިނެޓް ފަހުން ބެލުމުންވެސް ތިރިނުވެ، މޭގައި ރިހުމާއި ވާހަކަދައްކަން އުނދަގޫވުން ފަދަ ކަންކަން ދިމާވެއްޖެނަމަ އެއީ ކުއްލި ނުރައްކަލުގެ (މެޑިކަލް އެމަޖެންސީ) ހާލަތެއް ކަމަށް ބަލައި ވަގުތުން ފަރުވާ ހޯދަން ޖެހެއެވެ. އަލާމާތެއް ނެތި މިވަރަށް މައްޗަށް ދިޔަނަމަވެސް ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެކެވެ.

Be the first to comment

Leave a Reply

Your email address will not be published.


*