ސްކޫލްގެ ފުރަތަމަ ދުވަހު އަހަރެންގެ ދަރިފުޅު ޔާސީން ސްކޫލް ގޯތިތެރޭގައި ގެއްލިފައި ހުރެ ކަނާތް ވާތް ބަލަހައްޓައިގެން ހުރިއިރު، އޭނާގެ ކުދި އިނގިލިތަކުން އަހަރެންގެ އަތުގައި ބާރަށް ހިފާލައިގެން ހުއްޓެވެ. އޭނާގެ ކަރުނައިން ފުރިފައިވާ ދެލޮލުން ހިމޭންކަމާއެކު އަހާލިއެވެ: “އަހަރެން ދޫކޮށްލާނަންތަ؟”
މި މަންޒަރު ޖެހިގެން އައި ދުވަސްތަކުގައި ތަކުރާރުވެގެން ދިޔައެވެ. ސްކޫލް ގޭޓުގައި ހާސްކަމާއި އަހަރެން އެނބުރި އަންނާނެ ވަގުތަށް ދިގު އިންތިޒާރެއް ކުރުމާއި، އޭނާގެ އާ ތަޖުރިބާއެއް ހޯދުމަށް އެދުމާއި އަހަރެންނާ ދުރުގައި ހުރުމުގެ ބިރާއި ދުވަހުން ދުވަހަށް ކުރާ ކަންކަމާ ދެމެދު ފުށުއަރާ އިހުސާސްތަކެއް އޭނާގެ ކިބައިން ފެނުނެވެ. ނަމަވެސް، ޔާސީން ކުރިމަތިލާން ޖެހުނު ކަންތައްތަކަކީ ހަމައެކަނި އޭނާއަށް ޚާއްޞަ އިސްތިސްނާ ކަންތައްތަކެއް ނޫނެވެ. ސްކޫލް އަހަރު ފެށުމާ ގުޅިފައިވާ ހާސްކަމާއި، ޖަޒުބާތީ އަލްވަދާޢުގެ ވަގުތުތަކާއި، ކްލާސްރޫމާ ދިމާއަށް ފަސްޖެހޭ ފިޔަވަޅުތަކަކީ ކުޑަކުދިންގެ ތެރޭގައި އާންމު ކަމެކެވެ. މިއީ ތައުލީމީ އެކި އުމުރުފުރާތަކުގައި އެކި ސިފަސިފައިގައި ފެންނަ ސްކޫލް ހާސްކަމެވެ.
ސްކޫލް އަހަރު ފެށުމުން ކުދިންނަށް ހާސްކަން އިހުސާސް ކުރެވެނީ ކީއްވެގެން؟
އާދައިގެ ކަންކަމާއި އިތުރަށް ސަމާލުކަން ދޭންޖެހޭ ކަންތައް ދެނެގަތުމަށްޓަކައި ސައިކޮލޮޖިކަލް ކޮންސަލްޓަންޓް ޑރ. ވަފާ އަބޫ މޫސާ އަލްޖަޒީރާ ނެޓަށް ވިސްނައިދެއްވި ގޮތުގައި، ސްކޫލް ފެށުމުން ކުދިން ދޭ ރައްދުގެ ތަފާތަކީ އާދައިގެ ކަމެކެވެ. ކުއްޖާގެ ހާސްކަމުގެ މާނައަކީ އޭނާއަކީ ބަލިކަށި ކުއްޖެއް ކަމެއް ނުވަތަ މާހައުލަށް އެޑެޕްޓްވާން ނުކުޅެދުންތެރި ކުއްޖެއް ކަމެއް ނޫނެވެ. އެކަމަނާ ފާހަގަކުރައްވާ ގޮތުގައި މި މައްސަލަ ގުޅިފައިވަނީ ސްކޫލް މާހައުލުގެ ޠަބީޢަތުގެ އިތުރުން، ކުއްޖާގެ ޝަޚުޞިއްޔަތުގެ ޠަބީޢަތާއި، ކުރިން ކުރެވުނު ތަޖުރިބާތަކާއި، އޭނާއަށް ކިހާ ރައްކާތެރިކަމެއް އިހުސާސްވޭތޯ އާއި، މައިންބަފައިންނާ އޮންނަ ގުޅުމާއި، ބަދަލުތަކާ ކުރިމަތިލުމުގެ ޤާބިލުކަން ހިމެނޭ ގޮތަށެވެ. އެހެންކަމުން ނާޒުކު ނުވަތަ ކަންކަމަށް ފުންކޮށް ސަމާލުކަންދޭ ކުއްޖާއަށް އާ މާހައުލަށް ހޭނެން އިތުރު ވަގުތު ބޭނުންވެދާނެއެވެ.
އެހެންކަމުން ޑރ. ވަފާ ފާހަގަކުރައްވަނީ “ބައްލަވާ، އެހެން ކުދިން ނުރޮއި،” ފަދަ އިބާރާތްތަކުން ކުއްޖާ އެހެން މީހުންނާ އަޅާނުކިޔުމަށެވެ. އޭގެ ބަދަލުގައި ކުއްޖާގެ ރައްކާތެރިކަމުގެ އިހުސާސް ވަރުގަދަކޮށް، އިތުބާރު ހޯދައި، މަޑުމަޑުން އާ ހާލަތްތަކާ ކުރިމަތިލުމުގެ ގާބިލްކަން ހޯދުމަށް އެހީތެރިވެދިނުން މުހިންމެވެ.
މައިންބަފައިންގެ ގޯސްތަކުގެ ސަބަބުން ހާސްކަން އިތުރުވުން
މައިންބަފައިން ދަރިންދެކެ ވާ ލޯތްބާއި ދޭން ބޭނުންވާ ރައްކާތެރިކަމުގެ ސަބަބުން، ނޭނގި ނަމަވެސް ކުއްޖާގެ ހާސްކަން އިތުރަށް ވަރުގަދަވާ ފަދަ ސުލޫކުތައް ކުރެވެއެވެ. މިސާލަކަށް، ދަރިފުޅު ދޫކޮށްލާއިރު މަންމަ ނުވަތަ ބައްޕަ މާބޮޑަށް ހާސްވެފައި ހުރުމާއި، ސްކޫލް ކުރިމަތީގައި މަޑުކޮށްގެން ހުރެ ދަރިފުޅު ގާތު “ބިރުނުގަންނަވާށޭ” ބުނުމަކީ، އެތަނަކީ ހަގީގަތުގައިވެސް ބިރުވެރި، ރައްކާތެރި ނޫން ތަނެއް ކަމުގެ ނުރައްމީ މެސެޖެއް ކުއްޖާއަށް ދެވޭ ކަމެކެވެ.
ހަމައެފަދައިން ކުއްޖާއަށް މާބޮޑަށް ޔަޤީންކަން ދިނުމާއި، ތަކުރާރުކޮށް ރުއިމަށް ރައްދުދީގެން އަނބުރާ ގެއަށް ގެންދިއުމަކީ، ކަންކަމުން ފިލައިގެން ދިއުމަކީ ހާސްކަމާ ކުރިމަތިލާން އެންމެ އެކަށީގެންވާ ގޮތްކަން ކުއްޖާއަށް ދަސްކޮށްދޭނެ ކަމެކެވެ. އަދި ކުއްޖާގެ އިޙްސާސްތައް އެންމެ ކުޑަކޮށްލުން ނުވަތަ އެކުވެރިންގެ އިޙްސާސްތަކާ އަޅާކިޔުމަކީ ގޯހެކެވެ. އޭގެ ބަދަލުގައި ސަމާލުކަމާއެކު އަޑުއަހައި، ދަރިފުޅުގެ ފިކުރުތަކާއި ބިރުވެރިކަމާ މެދު ވާހަކަ ދައްކަން ޖެހެއެވެ.
މީގެއިތުރުން، ކުއްޖާއަށް ފިލައިގެން ދުރަށް ދިއުމާއި، ދިގު އަލްވަދާއު ކިޔުމާއި، ދޮގު ވައުދުތަކުން ދުރުހެލިވާން ޖެހެއެވެ. މަންމައަކު ދަރިފުޅަށް ކްލާހުން ބޭރުގައި މަޑުކުރާނެ ކަމަށް ބުނެފައި ސިއްރުން ފުރައިގެން ދިޔަކަން އެނގިއްޖެނަމަ، ކުއްޖާގެ ސަލާމަތާއި މައިންބަފައިންނަށް އޮންނަ އިތުބާރު ގެއްލިދާނެއެވެ. އަލްވަދާޢު ކިޔުމަށް އެންމެ ރަނގަޅީ ހަމަޖެހިލައިގެން ސާފުކޮށް، ކުއްޖާއަށް އެނބުރި އަންނަންވީ ވަގުތު ކިޔައިދީ، އެ ވަގުތަށް އިޙްތިރާމްކޮށް ވަގުތަށް އައުމެވެ.
އުމުރާއެކު ހާސްކަން ފިލައިގެން ނުދެއެވެ؛ ބަދަލުވަނީ ހަމައެކަނި އޭގެ ސަބަބުތަކެވެ
ސްކޫލް ހާސްކަމަކީ ހަމައެކަނި ފުރަތަމަ އަހަރުތަކުގައި ފެންނަ ކަމެއް ނޫނެވެ. އެމެރިކަން ސައިކޮލޮޖިކަލް އެސޯސިއޭޝަނުން ދައްކާ ގޮތުގައި، ހާސްކަމުގެ މަސްދަރުތައް ދަރިވަރުންގެ އުމުރާއި ބޭނުންތަކަށް ބަލައި ތަފާތުވެއެވެ. ކުޑަކުދިންގެ ހާސްކަން މައިންބަފައިންނާ ވަކިވުމާ ގުޅިފައިވާއިރު، އުމުރުން ދުވަސްވީ ކުދިންނާއި ފުރާވަރުގެ ކުދިންގެ ހާސްކަން ގުޅިފައިވަނީ އިޖުތިމާއީ ކަންބޮޑުވުންތަކާއި ތައުލީމީ ޕްރެޝަރުތަކާއެވެ.
- މެދު މަރުހަލާ (މިޑްލް ސްކޫލް): މި މަރުހަލާގައި ހާސްކަން ފޯކަސް ކުރެވެނީ ރައްޓެހިން ހޯދުމާއި، ގްރޫޕްތަކަށް އިންޓަގްރޭޓް ވުމާއި، އެކުވެރިންގެ ޤަބޫލުކުރުން ހޯދުމާއި، ބާކީވެދާނެތީ ނުވަތަ ލަދުވެތި ހާލަތަކަށް ހުށަހެޅިދާނެތީ އެކަމުގެ ބިރުގަތުމަށެވެ. މީގެ ކުރިން ބުލީ ކުރުމުގެ ތަޖުރިބާއެއް ކޮށްފައިވާނަމަ ނުވަތަ މި މަރުހަލާގައި އަންނަ ޖިސްމާނީ އަދި ނަފްސާނީ ބަދަލުތަކާއެކު މި ބިރު އިތުރަށް ވަރުގަދަވެއެވެ.
- ސެކަންޑަރީ ސްކޫލް (ހައި ސްކޫލް): މި މަރުހަލާގައި ތަޢުލީމީ ނަތީޖާއާއި ގްރޭޑްތަކާ ގުޅުންހުރި ކަންބޮޑުވުންތަކާއި، ނާކާމިޔާބުވުމުގެ ބިރު ނުވަތަ މައިންބަފައިންގެ އުންމީދުތައް ނުފުއްދިދާނެކަމުގެ ބިރު ބޮޑުވެއެވެ. އަދި އަމިއްލަ ތަޞައްވުރާއި އިޖުތިމާޢީ އައިޑެންޓިޓީއާ ގުޅޭ މައްސަލަތައްވެސް ފާހަގަކުރެވެއެވެ.
ހަމައެފަދައިން ސްކޫލް ބަދަލުވުމާއި، ކްލާސް ނުވަތަ ރައްޓެހިންގެ ގްރޫޕް ބަދަލުވުމާއި، ބަލިވެގެން ނުވަތަ ޗުއްޓީގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ސްކޫލަށް ނުގޮސް ހުރުމަށްފަހު އެނބުރި ދިއުމާއި، އާއިލާއަށް އަންނަ ބަދަލުތަކުގެ ސަބަބުން ސްކޫލްގެ ކޮންމެ މަރުހަލާއެއްގައިވެސް ހާސްކަން އިތުރުވެދާނެއެވެ.
ނަފްސާނީ އެހީތެރިކަން ލާޒިމުވަނީ ކޮން އިރަކު؟
ސްކޫލް ފެށުމުގައި ދިމާވާ ހާސްކަމަކީ ގިނަ ފަހަރަށް ވަގުތީ ކަމެކެވެ. އަދި އާ މާހައުލަށް ކުއްޖާ ހޭނިގެންދާ ވަރަކަށް އެކަން ފަނޑުވެ ފިލައިގެންދެއެވެ. ނަމަވެސް، ޑރ. ވަފާ އަބޫ މޫސާ ވިދާޅުވާ ގޮތުގައި، ހާސްކަން އިންތިހާއަށް ބޮޑުވެ، ދިގުދެމިގެންދާއިރު، ވަގުތު ފާއިތުވަމުންދާ ވަރަކަށް ގޯސްވެ، ކުއްޖާގެ ކިޔެވުމަށާއި ނިދުމަށް ނުވަތަ އިޖުތިމާއީ ގުޅުންތަކަށް ނޭދެވޭ އަސަރުކުރާނަމަ، ޕްރޮފެޝަނަލް ނަފްސާނީ ޑޮކްޓަރެއްގެ ނުވަތަ ކައުންސެލަރެއްގެ ލަފާ ހޯދަން ޖެހެއެވެ.
ސަމާލުވާން ޖެހޭ މުހިންމު ނިޝާންތަކުގެ ތެރޭގައި:
- ކެނޑިނޭޅި ސްކޫލަށް ދިއުމަށް ދެކޮޅު ހެދުން.
- ބޮޑެތި ޕެނިކް އެޓޭކްތައް އައުން.
- ސާފު މެޑިކަލް ސަބަބެއް ނެތި ހެނދުނު ގަޑީގައި ބޮލުގައި ރިހުން، ބަނޑުގައި ރިއްސުން އަދި މޭނުބައިކުރުން ފަދަ ޖިސްމާނީ އުނދަގޫތައް ތަކުރާރުވުން.
- ރައްޓެހިންނާއި ހަރަކާތްތަކުން އެކަހެރިވެ ދުރުވުން ނުވަތަ ކްލާހުގެ ބައިވެރިވުމާއި ތައުލީމީ ނަތީޖާ ފާހަގަކުރެވޭ މިންވަރަކަށް ދަށްވުން ހިމެނެއެވެ.
މައިންބަފައިންނަށް އެހީތެރިވެދެވޭނީ ކިހިނެއް؟
ތައުލީމީ އަދި ނަފްސާނީ މާހިރުން ބަޔާންކުރާ ގޮތުގައި، ސްކޫލް ފެށުމުގެ ކުރިންނާއި ފެށުމަށްފަހު ދަރިވަރުންނަށް އެހީތެރިވުމަށް ބެލެނިވެރިންނަށް އެޅިދާނެ މުހިންމު ފިޔަވަޅުތަކެއް ވެއެވެ:
- މަޑުމަޑުން ވަކިވުމަށް ތަމްރީނު ދިނުން: ދަރިފުޅު މައިންބަފައިންނާ ނުލައި އިތުބާރު ކުރެވޭ ގާތްތިމާގެ މީހުންނާއެކު ގޭން ބޭރުގައި ކުޑަ ވަގުތުކޮޅެއް ހޭދަކުރުމަށް ފުރުސަތު ދިނުމެވެ.
- ސްކޫލާ ބެހޭގޮތުން ޕޮޒިޓިވްކޮށް ވާހަކަ ދެއްކުން: މިސާލަކަށް: “ތިބާ އާ ގޭމްތަކެއް ކުޅޭނެ، ޓީޗަރު މަޖާ ވާހަކަތައް ކިޔައިދޭނެ، އަދި އާ ރައްޓެހިން ލިބޭނެ،” ފަދަ ހިތްވަރު ލިބޭ އުންމީދީ ވާހަކަތައް ދެއްކުމެވެ.
- ކުރެވެން އޮތް ނަމަ ސްކޫލަށް ޒިޔާރަތްކުރުން: ދަރިފުޅު ގޮވައިގެން ކްލާސްރޫމްތައް ބަލައިލުމާއި، ޓީޗަރުންނާ ތަޢާރަފުވުމާއި، ކުޅޭ ސަރަހައްދާއި ފާޚާނާތައް ހުންނަ ތަންތަން ދައްކައި އަހުލުވެރިކުރުވުމެވެ. މިއީ ފުރަތަމަ ދުވަހު ކުއްޖާއަށް ރައްކާތެރިކަން އިހުސާސް ކޮށްދޭނެ ކަމެކެވެ.
- އަވަހަށް ސްޓްރަކްޗަރޑް ރޫޓިންއެއް ގާއިމްކުރުން: ކުއްލިއަކަށް ދުވަހުގެ ތާވަލަށް ބަދަލު އައުމަކީ ސްޓްރެސް އިތުރުވާނެ ކަމެއް ކަމުން، ސްކޫލް ފެށުމުގެ މަދުވެގެން ހަފްތާއެއް ނުވަތަ ދެހަފްތާ ކުރިން ނިދުމާއި ހޭލާ ވަގުތުތައް ސްކޫލް ގަޑިތަކާ އެއްގޮތަށް ބަދަލުކުރުމެވެ.
- ސްކޫލާ ގުޅޭ ވާހަކަ ފޮތްތައް ކިޔައިދިނުން: ސްކޫލް ފެށުމުގެ ތަޖުރިބާތަކާ ބެހޭ ވާހަކަތައް ކިޔައިދިނުމަކީ ދަރިފުޅަށް އޭނާގެ އިހުސާސްތައް ދެނެގަނެ، އެކަމާ މެދު ވާހަކަ ދައްކަން މަގުފަހިވާނެ ކަމެކެވެ.ހިތްވަރާއި ތާއީދުގެ ބަސްތައް ބުނުން: ދަރިފުޅަށް ހުރިހާ ކަމެއް ވަގުތުން ހައްލު ނުކޮށްދެވުނު ނަމަވެސް، ހާސްކަން އިހުސާސްވުމަކީ އާދައިގެ ކަމެއް ކަމަށާއި، މި އިހުސާސްތަކުގައި އޭނާ އެކަނި ނޫންކަމުގެ ފުރިހަމަ ޔަގީންކަން ދިނުމެވެ.
މީގެއިތުރުން، އުމުރުން ދުވަސްވީ ކުދިންނާއި ފުރާވަރުގެ ކުދިންނަށް އެކުދިންގެ ކަންބޮޑުވުންތައް ފާޅުކުރުމަށް ފުރުސަތު ދިނުން މުހިންމެވެ. އެކުދިންގެ އިހުސާސްތައް ކުޑަކޮށްލުމުގެ ބަދަލުގައި، ހާސްކަމުން އަރައިގަތުމަށް މަގުފަހިވާނެ ފަދަ “އޯޕަން-އެންޑެޑް” ސުވާލުތައް ކުރެވިދާނެއެވެ. ސްޓްރެސް ވެދާނެ ހާލަތްތަކަށް ކުރިން ވިސްނައި، “މިހެން ދިމާވެއްޖެނަމަ ކުރެވޭނީ ކޮންކަމެއް؟” ފަދަ ގޮތްތައް ރޯލް-ޕްލޭ މެދުވެރިކޮށް ޕްރެކްޓިސް ކުރުމަކީ ކުއްޖާގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށްދޭނެ ކަމެކެވެ.
އެންމެ ފަހު ކަމެއްގެ ގޮތުން، ހާސްކަން ކޮންޓްރޯލް ކުރާނެ އުކުޅުތައް (ކޮޕިންގ ސްކިލްސް) ދަސްކޮށްދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. މިގޮތުން އާދައިގެ ނޭވާލާ ކަސްރަތުތައް ނުވަތަ “ރޯޒް ސްނިފިންގ، ކެންޑެލް ބްލޯއިންގ” (މަލެއްގެ ވަސް ބަލާލާ ފަދައިން ފުންކޮށް ނޭވާ އެތެރެއަށް ލުމަށްފަހު، އުއްބައްޗެއް ނިއްވާލާ ފަދައިން މަޑުމަޑުން ނޭވާ ބޭރުކުރުން) ފަދަ ކަންކަން ދަސްކޮށްދިނުމަކީ، ކޮންމެ މަރުހަލާއެއްގެ ދަރިވަރަކަށްވެސް ހާސްކަމުގެ ވަގުތުތަކުގައި ނަފްސު ހަމައަކަށް އަޅުވައި، ކާމިޔާބު ތައުލީމީ ދަތުރެއް ކަށަވަރުކުރުމަށް ލިބޭނެ އަގުހުރި ބާރެކެވެ.

Leave a Reply