ސޫދާނުގައި ކޮލެރާ: ރިޕޯޓްކޮށްފައިވާ އަދަދުތަކަށް ވުރެ މި ކާރިސާ ބޮޑު

ކިޔާލާ.ކޮމް

ސޫދާނުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައާއި ވިއްސާރަ މޫސުމުގެ ސަބަބުން ކޮލެރާ އަދި އެހެނިހެން ނުރައްކާތެރި ބަލިތައް ހަލުވިކަމާއެކު ފެތުރެމުންދާއިރު، ރަސްމީކޮށް ރިޕޯޓްކުރެވޭ އަދަދުތަކަށް ވުރެ މި ކާރިސާގެ ހަގީގީ މަންޒަރު މާ ބޮޑު ކަމަށް ސިއްހީ މާހިރުން ހާމަކޮށްފިއެވެ.

ހަނގުރާމައިގެ ސަބަބުން ސިއްހީ ނިޒާމު ބޮއްސުންލައި، އެހީ ފޯރުކޮށްދިނުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާއިރު، ޚާއްސަކޮށް ދާފޫރާއި އެހެނިހެން އެކަހެރި ސަރަހައްދުތަކުގައި ކޮލެރާ ދަނީ ވަރަށް ބާރަށް ފެތުރެމުންނެވެ. ނަމަވެސް ގިނަ ސަރަހައްދުތަކުގައި މުވާސަލާތީ ޚިދުމަތްތައް މެދުކެނޑި، ބަލި މޮނިޓަރކޮށް ރިޕޯޓްކުރާނެ ނެޓްވޯކްތައް ނެތުމުގެ ސަބަބުން، ރަސްމީކޮށް ފެންނަން ހުރި އަދަދުތަކުން ބަލިމަޑުކަމުގެ ހަގީގީ ނުރައްކާތެރިކަން ދެނެގަންނަން ދަތި ކަމަށް ސޫދާނުގެ ޑޮކްޓަރުން ފާހަގަކުރެއެވެ.

ސޫދާނުގެ ޑޮކްޓަރސް ސިންޑިކޭޓްގެ ތައްޔާރީ ކޮމިޓީގެ ނައިބު ރައީސް ޑރ. ބަޝީރު ވިދާޅުވި ގޮތުގައި، މި ހާލަތު އިތުރަށް ގޯސްވެގެން ދިޔައީ މެޑިކަލް މުވައްޒަފުން އެ ސަރަހައްދުތައް ދޫކޮށް ހިޖުރަކުރުމާއި، ހޮސްޕިޓަލްތަކާއި ޕްރައިމަރީ ހެލްތްކެއާ ސެންޓަރުތައް ބަންދުކުރަން ޖެހުމުންނެވެ. އަދި ހަނގުރާމަ ހިނގަމުންދާ ނާޒުކު ސަރަހައްދުތަކަށް ބޭނުންވާ ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމަކީ ވެސް މިހާރު ބޮޑު ގޮންޖެހުމެކެވެ.

ސިއްހީ ޚިދުމަތްތައް އަލުން އިއާދަކުރުމަށް މަސައްކަތްތަކެއް ކުރެވެމުންދާކަން ފާހަގަކުރައްވަމުން ޑރ. ބަޝީރު ވިދާޅުވީ، ސިއްހީ ޚިދުމަތްދޭ ތަންތަނުގެ 70 އިންސައްތައާއި 75 އިންސައްތައާ ދެމެދުގެ މިންވަރެއް އަލުން ހިންގަން ފެށުނު ނަމަވެސް، އަދިވެސް ބޮޑެތި ފަރަގުތަކެއް ހުރި ކަމަށެވެ. އަދި މިހާރު އިއުލާންކުރެވިފައިވާ އަދަދުތަކަކީ “އައިސްބާގްގެ ކޮޅު” ފަދަ ކުޑަ މިންވަރެއް ކަމަށާއި، ބިންމަތީގެ ހަގީގީ ހާލަތު މާ ބިރުވެރި ކަމަށް އޭނާ ސިފަކުރެއްވިއެވެ.

ވިއްސާރަ މޫސުމް ވަރުގަދަވަމުންދާއިރު ސޫދާނުގައި އެތައް ބައްޔެއް އެއްފަހަރާ ފެތުރިދާނެ ކަމުގެ އިންޒާރު އދ. އިން ވެސް ވަނީ ދީފައެވެ. އެގޮތުން ކޮލެރާގެ އިތުރުން ޑެންގީ ހުމާއި ހެޕަޓައިޓިސް ފަދަ ބަލިތައް ވެސް ދަނީ ފެތުރެމުންނެވެ. މި ބަލިތައް ފެތުރޭ ސަބަބުތައް ތަފާތު ނަމަވެސް، އެއްފަހަރާ ގިނަ ބަލިތަކެއް ފެތުރުމަކީ ސޫދާނުގެ ސިއްހީ ނިޒާމުގެ ނާޒުކުކަމާއި، ބަލިތައް ކޮންޓްރޯލްކުރުމުގައި ހުރި ނުކުޅެދުންތެރިކަން ހާމަކޮށްދޭ ކަމެކެވެ.

އދ. ގެ އަންޑަރ ސެކްރެޓަރީ ޖެނެރަލް ފޯ ހިއުމަނިޓޭރިއަން އެފެއާޒް ޓޮމް ފްލެޗަރ، އޮގަސްޓް 24 ވަނަ ދުވަހު ސަލާމަތީ މަޖިލީހަށް ދެއްވި ބްރީފިންގއެއްގައި ވިދާޅުވީ، ހަނގުރާމަތަކާއި ޑްރޯން ހަމަލާތަކުގެ އިތުރުން ބިއުރޯކްރެޓިކް ހުރަސްތަކުގެ ސަބަބުން އިންސާނީ އެހީ ފޯރުކޮށްދޭ ޓީމުތަކުގެ މަސައްކަތަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދި ސިއްހަތާއި ފެނާއި ތައުލީމުގެ ދާއިރާއިން އެހީތެރިކަން ދެމުންދިޔަ ނަމަވެސް، އެތައް މިލިއަން ރައްޔިތުންނަކަށް އެހީ ލިބުމުގައި ބޮޑެތި ލަސްތަކެއް ކުރިމަތިވަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި ކާރިސާއިން އަރައިގަތުމަށްޓަކައި، ރައްޔިތުންނަށް  ރައްކާތެރި ބޯފެނާއި، އަސާސީ ސިއްހީ ފަރުވާއާއި ބޭސްފަރުވާ ކަށަވަރުކޮށްދިނުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. އަދި ރިޕޯޓް ނުކުރެވި ހުރި ކޭސްތައް ކޮންޓްރޯލުން ނެއްޓިގެން ދިއުމުގެ ކުރިން، ސިއްހީ ޚިދުމަތްތެރިންނަށް ބަލިތައް ދެނެގަނެ މޮނިޓަރ ކުރެވޭނެ ހަރުދަނާ ނިޒާމެއް އަލުން ގާއިމުކުރުމަކީ މިވަގުތަށް ކޮންމެހެން އަޅަންޖެހިފައިވާ ފިޔަވަޅެކެވެ. ސިއްހީ މާހިރުން ދެކޭގޮތުގައި، މިހާރު ލިބެންހުރި އަދަދުތަކަކީ ހަމައެކަނި އަވަސް އިންޒާރެއް ކަމަށާއި، ހަގީގީ ހައްލު ހޯދުމަށް ބައިނަލްއަގުވާމީ މުޖުތަމައުގެ އަވަސް އެހީތެރިކަން ސޫދާނަށް ބޭނުންވެއެވެ.

Be the first to comment

Leave a Reply

Your email address will not be published.


*