ލުބާ މަސައްކަތް ކުރަމުން ދިޔަ މަޝްހޫރު ބޮޑު ކުންފުނީގެ މާހައުލަށް ކުއްލި ހަމަހިމޭންކަމަކާއި ހިތާމަވެރިކަމެއް ވެރިވީ، އެ ކުންފުނީގެ ބާނީ އަދި އިސްވެރިޔާ މައުރޫފް ކުއްލި ގޮތަކަށް މި ދުނިޔެ ދޫކުރުމާ ގުޅިގެންނެވެ. މުޅި އޮފީހުގެ ހިންގުން ހުއްޓުމަކަށް އައިސްދާނެ ކަމަށް ހީވި ނަމަވެސް، ކުންފުނީގެ އެންމެ އިސް ހުންގާނާ ހަވާލުވީ މައުރޫފްގެ ހަމައެކަނި ފިރިހެން ދަރިފުޅު، ޒުވާން ޝިނާން އެވެ.
ޝިނާން ސީއީއޯގެ މަގާމާ ހަވާލުވެ، ފުރަތަމަ ފަހަރަށް އޮފީހުގެ މައި ދޮރޯށިން އެތެރެއަށް ވަދެގެން އައި ދުވަހުވެސް މުޅި ތަނުގެ ހުރިހާ ލޮލެއް ހުއްޓުނީ އޭނާއަށެވެ. އޭނާގެ ހަރުދަނާ ހިނގުމާއި، ކަޅު ކުލައިގެ ސޫޓުގައި ހުރި ފުރިހަމަކަމާއި، ފިރިހެންވަންތަ ރީތި ސިފަ ފެނިފައި ލުބާގެ ހިތް ވަގުތުން ޝިނާންއަށް ދޫވިއެވެ. ލުބާއަކީ އާދައިގެ މިޒާޖެއްގެ އަންހެން ކުއްޖެއް ނޫނެވެ. އޭނާއަކީ އެއްވެސް ކަމަކަށް ފަސްނުޖެހޭ، ބޭނުންވާ ކަމެއް ހާސިލުކުރުމަށް ކެރިގެން ކުރިމަތިލާ، ހިތްވަރުގަދަ އަދި ލާނެތް މިޒާޖެއްގެ ޒުވާނެކެވެ.
އޮފީހުގެ އެކި މީހުންގެ ދުލުން ލުބާއަށް އިވުނު ގޮތުގައި ޝިނާނަކީ ކުރިން ކައިވެންޏެއް ކޮށްފައިވާ މީހެކެވެ. ނަމަވެސް އެ ކައިވެންޏަށް މާ ގިނަ ދުވަސްތަކެއް ނުވެ، އޭނާގެ ކުރީގެ އަނބިމީހާގެ ފަރާތުން ފެނުނު ބޭވަފާތެރިކަމާއި ކެހިވެރިކަމުގެ ސަބަބުން އެ ގުޅުން ވަނީ ބީވެ، ކައިވެނި ރޫޅިފައެވެ. އެ ހިތްދަތި ތަޖުރިބާއަށްފަހު، ޝިނާން ވަނީ އަންހެނުންނަށް އިތުބާރުކުރުން ހުއްޓާލައި، އޭނާގެ ހިތުގެ ދޮރުތަކުގައި ވަރުގަދަ ތަޅެއް އަޅުވާފައެވެ. އޭނާ ވެފައިވަނީ މަސައްކަތަށް އެކަނި ސަމާލުކަންދޭ، ހިނިތުންވުމެއް ނެތް ސީރިއަސް ވެރިއަކަށެވެ.
ނަމަވެސް، ޝިނާންއަކީ ކުންފުނީގެ ސީއީއޯ ކަމުގައި ވިޔަސް، އަދި އޭނާގެ ހިތް ހަރުދަނާ ގާގަނޑެއް ފަދައިން ބަންދުވެފައި އޮތް ނަމަވެސް، ލުބާ ފަހަތަކަށް ނުޖެހުނެވެ. އެހެން މުވައްޒަފުން ޝިނާންގެ ކުރިމައްޗަށް އަރަން ޖެހިލުންވެ، ބިރުން ފިލަން އުޅުނު ނަމަވެސް، ލުބާ އެއްވެސް ޖެހިލުމެއް ނެތި ޝިނާންއާ ވާހަކަ ދައްކަން ފެށިއެވެ. އޮފީހުގެ ރަސްމީ ފައިލްތައް ގެންދިއުމުގެ ތެރޭގައާއި، އެކި ބަހަނާތައް ދައްކައިގެން ޝިނާންގެ ކެބިންއަށް ވަދެ، އޭނާގެ ސަމާލުކަން ހޯދުމަށް ލުބާ ރޭވުންތެރިކަމާއެކު މަސައްކަތް ފެށިއެވެ. ލުބާގެ އެންމެ ބޮޑު އަމާޒަކީ ޝިނާންގެ އެ ބަންދުވެފައިވާ ހިތް ހުޅުވައި، އެ ހިތުން ޚާއްޞަ ޖާގައެއް ހޯދުމެވެ.
އެއްދުވަހަކު، އޮފީހުގެ އެންމެން ހައިރާންކޮށްލުމަށްފަހު ޝިނާން ލުބާއަށް ކޮފީއަކަށް ދައުވަތު ދިނެވެ. ލުބާގެ ހިތް އުފަލުން ނަށައިގަތެވެ. އޭނާ ހީކުރީ އޭނާ މިހާތަނަށް ކުރި މަސައްކަތް ކާމިޔާބުވެ، ބޭނުންވާ ލަނޑުދަނޑިއާ ހަމައަށް ވާސިލުވެވުނީ ކަމަށެވެ. އެހެންކަމުން ނުހަނު އުފަލާއި ޖޯޝާއެކު އެ ދައުވަތު ގަބޫލުކޮށް، މީރު ކޮފީއެއްގެ އިންތިޒާރުގައި ކެފޭއަށް ދިޔައެވެ.
ނަމަވެސް ކޮފީ މޭޒުދޮށުގައި އިށީނދެވުމާއެކު، ކަންތައް ވެގެންދިޔައީ ލުބާ ހީކުރި ފޮނި ގޮތަކަށް ނޫނެވެ. ޝިނާންގެ މޫނުމަތިން ފެންނަން ހުރީ ނުހަނު ސީރިއަސް އަދި ހަރުކަށި ކަމެވެ. ޝިނާން ސީދާ ލުބާގެ ލޮލަށް ބަލައިލަމުން ފިނި އަޑަކުން ބުންޏެވެ. “ލުބާގެ ތި އަމަލުތަކުގެ ސަބަބުން އަހަންނަށް އޮފީހުގައި މަސައްކަތް ކުރަން ވަރަށް ބޮޑަށް އުނދަގޫވޭ. މިއީ ސީއީއޯއަކާއި މުވައްޒަފަކާ ދެމެދު އޮންނަންޖެހޭނެ ފަދަ ގުޅުމެއް ނޫން. ދެން އިތުރަށް ތިފަދަ ގޮތަކަށް އަމަލުތައް ބަހައްޓައިފިނަމަ، އަހަންނަށް މަޖުބޫރުވާނެ ލުބާ ވަޒީފާއިން ވަކިކުރަން!”
ޝިނާންގެ މި ހަރުކަށި އިންޒާރުން ލުބާގެ ތުންގަނޑު ފިއްތައިލެވުނެވެ. އެހެން މީހަކު ނަމަ ބިރުން ވިރިގެން ދާނެ އެ ދަނޑިވަޅުގައިވެސް، ލުބާ އޭނާގެ ހިތްވަރު އެލުވައެއް ނުލިއެވެ. އޭނާ އެއްވެސް ޖެހިލުމެއް ނެތި، ލޮލުގެ އެސްފިޔަ ޖަހައިލަމުން ބުންޏެވެ. “ޝިންނުވެސް އަހަރެން ބޭނުންވަނީ ކަމަށް އަހަންނަށް ހީކުރެވުނީ!”
ލުބާ އެފަދަ ގޮތަކަށް، އެންމެ ޖެހިލުމެއްވެސް ނެތި، ސީދާ އޭނާގެ ނަމުން “ޝިންނު” އޭ ކިޔައި ލޯބިން މުޚާތަބު ކުރުމުން، ޝިނާންގެ ރުޅިގަނޑު ކޮންޓްރޯލުން ނެއްޓިއެވެ. އޭނާގެ ދެބުމަ ގޮށްޖެހި، ހިތްހަމަނުޖެހުން އިންތިހާއަށް ދިޔައެވެ.
“އަހަންނަށް ކިޔަނީ ޝިނާން! އަދި އަހަންނަކީ ލުބާގެ ބޮސް!” ޝިނާން މޭޒުމަތީގައި އަތް ވިއްދައިލަމުން، އަޑަށް ބާރުލައި ހަރުކަށިކަމާއެކު ހަނދާންކޮށްދިނެވެ.
މިހެން ބުނެފައި، އެންމެ ސިކުންތަކަށްވެސް މަޑުނުކޮށް ޝިނާން މޭޒު ދޫކޮށް ބާރު ހިނގުމެއްގައި ނުކުމެގެން ހިނގައްޖެއެވެ. ޝިނާން ދިޔަ ދިމާއަށް ބަލަހައްޓައިގެން އިން ލުބާގެ ތުންފަތްމައްޗަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ.
“އަދި މަގޭ މަޅީގައި ޖެހޭނެ! ހަހަ…” ލުބާ ހިތާހިތުން ކިޔައިލިއެވެ. ޝިނާންގެ އެ ހަރުކަށިކަމަކީ ހަމައެކަނި ދައްކާ ދަޅައެއްކަން ލުބާއަށް ޔަގީންވެއެވެ. އޭނާގެ ހިތުގައި ދެންމެ ދެންމެ ރޭވެމުން ދިޔައީ، ޝިނާންގެ ބޯ އަނބުރާލައި، އޭނާގެ ސަމާލުކަން މުޅިން އަތުލައިގަންނާނެ އިތުރު ލާނެތް އައު ޚިޔާލުތަކެކެވެ.

Leave a Reply