2026 ވަނަ އަހަރުގެ ހޫނު މޫސުމަކީ ސިނަމާތަކުގެ ތާރީޚުގައި ވެސް ޑޮމެސްޓިކް ބޮކްސް އޮފީހުން އެންމެ ބޮޑު އާމްދަނީއެއް ހޯދި ދުވަސްވަރުގެ ގޮތުގައި ރެކޯޑުކުރެވި، “ބެސްޓް ސަމާ އޮން ސަމަރ” ގެ ޝަރަފު ހޯދައިފިއެވެ. މި ބޮޑު ކާމިޔާބީގެ އެންމެ ކުރީގައި އުޅެނީ އަލަށް ނުކުތް “ސްޕައިޑާ މޭން: ބްރޭންޑް ނިއު ޑޭ” އަދި “ދަ އޮޑީސީ” އެވެ.
ބޮކްސް އޮފީސް ޓްރެކްކުރާ މަޝްހޫރު މުއައްސަސާއެއް ކަމަށްވާ ރެންޓްރެކް އިން އަންގާރަ ދުވަހު ހާމަކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި، މި އަހަރުގެ މެއި 1 އިން ސެޕްޓެމްބަރު 7 ގެ ނިޔަލަށް އެމެރިކާގެ ބޮކްސް އޮފީހަށް ލިބުނު ޖުމްލަ އާމްދަނީ ވަނީ 4,765,071,855 (ހަތަރު ބިލިއަން ހަތްސަތޭކަ ފަސްދޮޅަސް ފަސް މިލިއަން) ޑޮލަރަށް އަރާފައެވެ. މިއީ މީގެ ކުރިން އެންމެ ބޮޑު އާމްދަނީއެއް ލިބުނު ކަމަށް ރެކޯޑުކުރެވުނު 2013 ވަނަ އަހަރުގެ ހޫނު މޫސުމުގެ އާމްދަނީއަށް ވުރެ 9,296,771 ޑޮލަރު އިތުރު އަދަދެކެވެ.
މި ތާރީޚީ ރެކޯޑުގެ އެންމެ ބޮޑު ހިއްސާއެއް ވަނީ މަޤްބޫލު ތަރި ޓޮމް ހޮލެންޑް (ޕީޓާ ޕާކާގެ ރޯލުން) އަދި ޒެންޑާޔާ (އެމްޖޭ ވޮޓްސަންގެ ރޯލުން) ފެނިގެންދާ “ސްޕައިޑާ މޭން” ފްރެންޗައިޒްގެ ހަތަރުވަނަ ފިލްމު “ބްރޭންޑް ނިއު ޑޭ” އެވެ. މި ފިލްމު ވެގެން ގޮސްފައިވަނީ ފާއިތުވި 10 އަހަރުގެ ތެރޭގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމަށެވެ. އެގޮތުން ޑޮމެސްޓިކް ބޮކްސް އޮފީހުގައި 923.5 މިލިއަން ޑޮލަރާއެކު މި ފިލްމު އޮތީ ތާރީޚީ ލީޑާބޯޑުގެ ދެވަނައިގައެވެ. މި ލިސްޓުގެ އެއްވަނައިގައި އަދިވެސް އޮތީ 2015 ވަނަ އަހަރު ނުކުމެ 1.3 ބިލިއަން ޑޮލަރު ހޯދި “ސްޓާ ވޯސް: ދަ ފޯސް އެވޭކެންސް” އެވެ.
ދުނިޔެގެ އެކި ކަންކޮޅުތަކުން “ބްރޭންޑް ނިއު ޑޭ” ވަނީ މިހާތަނަށް 2.4 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާފައެވެ. ބޮޑެތި ފިލްމުތައް 8 އިން 12 ހަފުތާއަށް އަޅުވާފައި އޮންނައިރު، މި ފިލްމު ސިނަމާތަކުގައި ދެއްކިތާ އަދި އެންމެ 6 ހަފުތާ ތެރޭގައި މިފަދަ ބޮޑު ކާމިޔާބީއެއް ހޯދުމުން، މި ފިލްމަކީ ދުނިޔޭގެ ތާރީޚުގައި ވެސް އެންމެ ބޮޑު އާމްދަނީއެއް ހޯދާނެ އެއް ފިލްމު ކަމަށް މިހާރު ވަނީ ބެލެވިފައެވެ. މީގެ އިތުރުން 2022 ވަނަ އަހަރު 701.3 މިލިއަން ޑޮލަރު ހޯދި “ޓޮޕް ގަން: މެވެރިކް” އަށް ވުރެ ވެސް މި ފިލްމުގެ އާމްދަނީ ބޮޑުތަނުން އިތުރުވެފައިވާއިރު، މިއީ 2013، 2014، 2017، 2020، 2021 އަދި 2025 ގެ އަހަރުތަކުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުތަކަށް ވުރެ ދެގުނަ ބޮޑު އަދަދެކެވެ.
މި ހޫނު މޫސުމުގެ ކާމިޔާބީއަކީ ހަމައެކަނި ސްޕައިޑާ މޭންގެ އެކަނި ކާމިޔާބީއެއް ނޫނެވެ. “ބްރޭންޑް ނިއު ޑޭ” ގެ 923.5 މިލިއަން ޑޮލަރުގެ އިތުރުން “ދަ އޮޑީސީ” ފިލްމުން ހޯދި 598 މިލިއަން ޑޮލަރަކީ މުޅި ހޫނު މޫސުމުގެ ޖުމްލަ އާމްދަނީގެ 19.38 ޕަސެންޓެވެ. މިއީ ސަމާގެ އެހެން ކާމިޔާބު ފިލްމުތަކުގެ 70 ޕަސެންޓް ހިއްސާއެވެ.
މީގެ އިތުރުން މި އަހަރުގެ ތިންވަނައަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމަކަށް ވެފައިވަނީ 480 މިލިއަން ޑޮލަރުގެ އާމްދަނީއަކާއެކު “ޓޯއި ސްޓޯރީ 5” އެވެ. އަދި “މައިކަލް”، “ޕްރޮޖެކްޓް ހެއިލް މޭރީ” އަދި “ދަ ސުޕަ މާރިއޯ ގެލެކްސީ މޫވީ” ފަދަ އިންތިޒާރުކުރެވޭ ބޮޑެތި ފިލްމުތައް އަދި ރިލީޒް ނުކުރާއިރު، މި އަހަރުގެ ބޮކްސް އޮފީހުން މި ފެނުނު ބޮޑު ކުރިއެރުމަކީ ސިނަމާގެ ތާރީޚުގައި ވެސް ފާހަގަކޮށްލެވޭ ފަދަ އާދަޔާޚިލާފު ކާމިޔާބީއެކެވެ.

Leave a Reply