ކުޑަކުދިން ބަލިވާ ހާލަތްތަކުގައި، ދުވާލު ވަގުތު ހަމަޖެހިލައިގެން އުޅޭހެން ހީވި ނަމަވެސް ރޭގަނޑު ވުމުން ބަލީގެ އަލާމާތްތައް އިތުރަށް ގޯސްވެގެންދާ މަންޒަރަކީ ވަރަށް ގިނަ މައިންބަފައިންނަށް ފާހަގަކުރެވޭ އާންމު ކަމެކެވެ. ނަމަވެސް، މީގެ މާނައަކީ ކޮންމެހެން އިރު އޮއްސުމާއެކު ބަލީގެ އަސްލު ހާލަތު މާ ބޮޑަށް ގޯސްވެގެން ދިއުމެއް ނޫނެވެ. އޭގެ ބަދަލުގައި، ރޭގަނޑުގެ ވަގުތުތަކުގައި އަލާމާތްތައް އިތުރަށް ފާޅުވެގެން ދަނީ ހަށިގަނޑުގެ ބަޔޮލޮޖިކަލް ގަޑިއާއި، ނިދުމާ ގުޅިގެން ހަށިގަނޑަށް އަންނަ ބަދަލުތަކާއި، ދިފާއީ ނިޒާމުގެ ހަރަކާތްތަކާއި، ތިމާވެށީގެ އެކި ކަންތައްތަކުގެ މެދުގައި ހިނގާ ކޮމްޕްލެކްސް ގުޅުންތަކުގެ ސަބަބުންނެވެ. ގަތަރު ޔުނިވާސިޓީގެ ކޮލެޖް އޮފް މެޑިސިންގެ ސީނިއާ ކޮންސަލްޓަންޓް އަދި އެމެރިކަން އެކަޑަމީ އޮފް ޕީޑިއަޓްރިކްސްގެ ފެލޯއިން ފާހަގަކުރައްވާ ގޮތުގައި، މިއީ ފިޒިއޮލޮޖިކަލް، އިމިއުނޮލޮޖިކަލް އަދި ތިމާވެއްޓާ ގުޅިފައިވާ އެތައް ސަބަބުތަކެއްގެ ނަތީޖާއެވެ.
ރޭގަނޑު ފެންނަ އަލާމާތްތަކާއި ބަލީގެ ސީރިއަސްކަން
ވައިރަލް އިންފެކްޝަންތަކާއި، ނޭވާހިއްލުމާއި، ކަންފަތުގެ އިންފެކްޝަން (އޯޓައިޓިސް މީޑިއާ) އަދި ލޭރިންޖައިޓިސް ފަދަ ނޭވާލާ ނިޒާމުގެ ބަލިތަކުގައި ރޭގަނޑު އަލާމާތްތައް ގަދަވުމަކީ ކުޑަކުދިންގެ އެމަޖެންސީ ރޫމްތަކަށް ދައްކަންޖެހޭ މިންވަރު އިތުރުކުރާ ކަމެކެވެ. އިންސާނާގެ ހަށިގަނޑުގެ ނިޒާމުތައް ހިންގަނީ ސިކުނޑީގެ ހައިޕޮތެލަމަސްގައިވާ “ސުޕްރަކިއަސްމެޓިކް ނިއުކްލިއަސް” (SCN) އިން ކޮންޓްރޯލްކުރާ ސާރކެޑިއަން ރިތްމްސް (24 ގަޑިއިރުގެ ބަޔޮލޮޖިކަލް ގަޑި) އަށް ބިނާކޮށެވެ. މީގެ ސަބަބުން ހަށިގަނޑުގެ ފިނިހޫނުމިނާއި، ހޯރމޯންތަކާއި، ދިފާއީ ސެލްތަކުގެ ހަރަކާތްތަކަށް ބަދަލު އާދެއެވެ.
އެހެންކަމުން، ރޭގަނޑު ނޭވާލާ ހޮޅިތައް ހަނިވުމާއި، މީޔުކަސް (އަރިދަފުސް) ސާފުކުރުން ލަސްވުމާއި، އޮށޯވެ އޮންނަ އޮތުމުގެ ސަބަބުން އަލާމާތްތައް އިތުރަށް ގޯސްވެއެވެ. މީގެ އިތުރުން ދުވާލު ކުޅިވަރުގެ ތެރޭގައި ހުރުމަށްފަހު، ރޭގަނޑު ހަމަހިމޭންވުމުން ކުއްޖާއަށް އަލާމާތްތަކުގެ އުނދަގޫ ބޮޑަށް އިހުސާސްވުމާއި ބެލެނިވެރިންގެ ސަމާލުކަން އެކަމަށް އިތުރުވުން ވެސް ހިމެނެއެވެ.
ދިފާއީ ނިޒާމާއި ހޯރމޯންތަކުގެ ދައުރު
ދިފާއީ ނިޒާމުގެ ގިނަ ހަރަކާތްތަކަކީ ރޭގަނޑުއިތުރުވާ ކަންކަމެވެ. ހަށިގަނޑުގައި ދުޅަވުން ކޮންޓްރޯލްކުރާ މުހިންމު ހޯރމޯނެއް ކަމަށްވާ ކޮރޓިސޯލްގެ މިންވަރު ހެނދުނު މަތިވި ނަމަވެސް، އިރުއޮއްސި ނިދާ ވަގުތު ވަރަށް ބޮޑަށް ދަށަށްދެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ރޭގަނޑު ދުޅަވުން (އިންފްލެމޭޝަން) އުފައްދާ ސައިޓޮކިންތަކުގެ އަސަރު ގަދަވެ، ހުން އައުމާއި، ކެއްސުމާއި، ގައިގައި ރިއްސުން އިތުރުވެގެންދެއެވެ. ހަމައެއާއެކު، އަނދިރިވުމުން އުފައްދާ މެލަޓޮނިން ހޯރމޯނަކީ ވެސް ދިފާއީ ސެލްތަކާ މުއާމަލާތްކޮށް، ދިފާއީ ރައްދުތައް ބަދަލުކުރާ އެއްޗެކެވެ.
ނަފްސާނީ، ސުލޫކީ އަދި ތިމާވެށީގެ ސަބަބުތައް
ދުވަހުގެ ވަރުބަލިކަން ޖަމާވުމުން ކުޑަކުދިންނަށް ބަލީގެ އުނދަގޫތަކަށް ކެތްކުރުމުގެ ކުޅަދާނަކަން ކުޑަވެ، ރުޅިގަދަވެ، ބޮޑާހެކި ރޯން ފަށައެވެ. އަދި ބަލިވުމުން އެކުދިން މައިންބަފައިންގެ ލޯތްބާއި އަޅާލުމަށް އޮންނަ ބޭނުންތެރިކަން އިތުރުވެއެވެ.
މާވެއްޓަށް ބަލާއިރު، ނިދާކޮޓަރީގެ އެނދާއި، ގޮދަޑިއާއި، ކާޕެޓުގައި ހުންނަ ކުނިބުނި އަދި ޑަސްޓް މައިޓްސް (ހިރަފުސް ސޫފި) ފަދަ އެލާޖަންތަކަށް ކުދިން ހުށަހެޅޭ މިންވަރު ނިދާ ވަގުތު އިތުރުވެއެވެ. އަދި ކޮޓަރީގެ ފިނިހޫނުމިން މާ ބޮޑަށް ފިނިވުމަކީ ނޭވާލާ ހޮޅިތައް ހިކި، ބްރޮންކޯސްޕަސްމް އުފެދި ކެއްސުން ގަދަވާ ކަމެކެވެ. މީގެ އިތުރުން ދުވާލު ދީފައި ހުންނަ ބޭހުގެ އަސަރު ރޭގަނޑު ވަގުތު ފިލައިދިއުމަކީ ވެސް އަލާމާތްތައް އަލުން ފެންނަން މެދުވެރިވާ ސަބަބެކެވެ.
ކުޑަކުދިންގެ ހަށިގަނޑުގެ ނާޒުކުކަން
ބޮޑެތި މީހުންނާ އަޅާބަލާއިރު ކުޑަކުދިންގެ ނޭވާލާ ހޮޅިތައް ހުންނަނީ ވަރަށް ކުދިކޮށް އަދި ހަނިކޮށެވެ. އެހެންކަމުން، ކުޑަ ދުޅަކަމެއް ނުވަތަ އަރިދަފުސް ކޮޅެއް ޖަމާވިޔަސް އެކުދިންގެ ނޭވާލުމަށް ބޮޑެތި ހުރަސްތައް އެޅެއެވެ. އަދި ހަށިގަނޑުގެ ސައިޒާ އަޅާބަލާއިރު ކުދިންނަށް އޮކްސިޖަން ބޭނުންވާ މިންވަރު މަތިވެފައި، ނޭވާލާ މަސްތަކުގެ ބާރު ދަށްވުމަކީ ވެސް ރޭގަނޑު އެކުދިންގެ ހާލަތު އަވަހަށް ގޯސްވާން ދިމާވާ ސަބަބެކެވެ.
ސަމާލުވާންވީ ކަންކަމާއި އަޅަންޖެހޭ ފިޔަވަޅުތައް
ރޭގަނޑު އަލާމާތްތައް ފެނުމަކީ ގުދުރަތީ ބަދަލުތަކަކާ ގުޅިފައިވާ ކަމެއް ނަމަވެސް، ކުއްޖާގެ ކިބައިން ނުރައްކަލުގެ ނިޝާންތައް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރީ ފަރުވާ ހޯދަންވާނެއެވެ. އޭގެ ތެރޭގައި:
- ނޭވާ ކުރުވުން ނުވަތަ ނޭވާލާން އުނދަގޫވުން
- ހަންގަނޑު ނުވަތަ ތުންފަތް ނޫކުލަވުން
- މާބޮޑަށް ވަރުބަލިވެ ހޭނެތޭގޮތްވުން ނުވަތަ ހޭލަން އުނދަގޫވުން
- ގައިން ވަރަށް ބޮޑަށް ފެންމަދުވުން (ޑީހައިޑްރޭޝަން)
- ނޭވާލާއިރު އަޑުގަދަކޮށް ކުކުރުން ނުވަތަ ހީސްލުމުގެ އަޑު ގަދަވުން
- ގަދަ ހުން ދިގުލައިގެން ދިއުން
މިފަދަ ހާލަތްތަކުން ރައްކާތެރިވުމަށްޓަކައި، ޑޮކްޓަރު ދީފައިވާ ބޭސްތައް ގަޑިން ގަޑިއަށް ދިނުމާއި، ކުއްޖާގެ ހަށިގަނޑުން ފެން މަދުނުވާނޭހެން ދިޔާތަކެތި ދިނުމާއި، ސެލައިން ނޭސަލް ސްޕްރޭ ބޭނުންކޮށްގެން ނޭފަތް ސާފުކޮށްދިނުން މުހިންމެވެ. އަދި ނިދާ ކޮޓަރިއަކީ ދުމާއި ހިރަފުހުން ރައްކާތެރިވެފައިވާ ތަނަކަށް ހެދުމާއެކު، ތުއްތު ކުދިން އަބަދުވެސް ރައްކާތެރި ގޮތުގައި ބުރަކަށި ޖައްސައިގެން ބޭއްވުމަށް އިސްކަންދޭންވާނެއެވެ
ރޭގަނޑު ކުދިން ބަލިވުމަކީ އެތައް ގުދުރަތީ އަދި މާހައުލީ ކަންތައްތަކެއްގެ ނަތީޖާއެކެވެ. މައިންބަފައިން މިކަންކަމަށް ހޭލުންތެރިވެ، ބަލީގެ އުނދަގޫތައް މެނޭޖްކުރުމަށް ދުރާލާ ތައްޔާރުވެ ތިބުމަކީ ކުއްޖާއަށް އަރާމު ނިންޖެއް ހޯދައިދިނުމަށާއި، ބޮޑެތި ނުރައްކާތަކުން ސަލާމަތްވުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅެވެ
Leave a Reply