ޒައިފަން

ލަންޑަނުގެ ކާރޫބާރު ބޮޑު މަގުތަކުން ފެންނަމުންދިޔައީ މީހުން ހޭލަމޭލަވެ އުޅޭ ހަލަބޮލި މަންޒަރެވެ. އިރުއޮއްސެމުން ދިޔަ ވަރަކަށް، ފިނި ވަޔާއެކު ކާޅުތަކާއި ދޫނިސޫފާސޫފީގެ އަޑު ދިޔައީ ގަދަވަމުންނެވެ. އެހެންނަމަވެސް، ލަންޑަނުގެ އަވަށެއްގެ އެކަހެރި ހިސާބެއްގައި ހުރި ޒަމާންވީ ބޮޑު ގެ، “ބްލެކް ޕާލް” އިން ފެންނަމުން ދިޔައީ ބިރުވެރި އަދި އެހާމެ ހަމަހިމޭން މާހައުލެކެވެ.
މިއީ މެހެކް އާއި އޭނާގެ ފިރިމީހާ ރަޔާން އަދި މެހެކްގެ ޢާއިލާ ދިރިއުޅެމުންދާ ގެއެވެ
އެއްދުވަހަކު ގޭގެ ބަގީޗާ ތެރެއިން މެހެކަށް ފެނުނީ އާދަޔާޚިލާފު ރީތިކަމެއް އެކުލެވިގެންވާ، ތަފާތު ވަހެއް ދުވާ ‘ޒައިފަން’ ކިޔާ މަލެކެވެ. އެ މަލުގެ ރީތިކަމަށް ހެއްލިގެން މެހެކް އެ މާ ބިނދެގެން ގެއަށް ގެނައެވެ.
އެ ހިސާބުން ފެށިގެން މެހެކްގެ ފިރިމީހާ ރަޔާން އަށާއި މުޅި ޢާއިލާއަށް ފެންނަމުންދިޔައީ ހިތްފަޅައިގެންދާ ފަދަ ބިރުވެރި މަންޒަރުތަކެކެވެ. އިރުއޮއްސޭ ވަގުތު ޖެހުމާއެކު، މެހެކްގެ ޙަރަކާތްތައް މުޅިން ބަދަލުވެގެންދެއެވެ. އޭނާ އެ ‘ޒައިފަން’ މާ އަތަށް ލައިގެން، އެއްވެސް މީހެއްގެ ބަހެއް ނާހައި ގޭގެ ބިއްދޮށުގައިވާ ބޮޑު ބަގީޗާއަށް ނުކުމެއެވެ.
އަނދިރިކަން ވެރިވެފައިވާ އެ ހާމަ ބިމުގައި، އެކަނިމާއެކަނި ހުރެގެން ބިރުވެރި އަޑަކުން ނުބައި ލަވަތައް ކިޔަމުން، ޖިންނިންގެ ޙަރަކާތްތަކާ އެއްގޮތަށް ނަށަން ފަށައެވެ. އެ ވަގުތުތަކުގައި އޭނާގެ ދެލޯ އަލިފާންކޮޅެއް ފަދައިން ރަތްވެ، މުޅި ސަރަޙައްދުގައި ޒައިފަން މަލުގެ ބަރު ވަސް ގަދަވެގެންދެއެވެ. ރަޔާން އޭނާ ހުއްޓުވަން ދާ ކޮންމެ ފަހަރަކު، އިންސާނަކަށް ނުއުފެއްދޭނެ ފަދަ ބާރަކާއެކު ދުރަށް ވިއްސައިގެންދާހެން ހޫރާލައެވެ. މުޅި ގޭތެރެއިން ގޮތްނޭނގޭ ފިޔަވަޅުތަކުގެ އަޑާއި، ކުޑަކުދިންގެ ބިރުވެރި ރުއިމުގެ އަޑުތައް އިވެމުންދިޔައީ ޢާއިލާގެ އެންމެންގެ ހިތްތަކަށް ސިހުން ގެނުވަމުންނެވެ.
މެހެކަށް އެ ނުބައި ބާރު އަރައި، މުޅި މީހާ ހަމައިން ނައްޓާފައި ހުރި ވަގުތެކެވެ. ގޭތެރޭގައި ގެންގުޅޭ ކުޑަކުޑަ ލޯބި ބުޅާ މަޑުމަޑުން ހިނގާފައި އައިސް، މޭޒުމަތީގައި އޮތް އެ ނުރައްކާތެރި ޒައިފަން މަލުގައި ކޭއްތިލިއެވެ. އެ މަންޒަރު ފެނުމާއެކު، މެހެކްގެ ސިކުނޑީގައި ހުޅުފަޅައިގެން ދިޔައީ ދުވަހަކުވެސް ނުފެންނަ ފަދަ ގަދަ ރުޅިވެރިކަމެކެވެ. އޭނާގެ އަނގައިން ނުކުތީ އިންސާނުންގެ އަޑަކާ ނުވައްތަރު، ބިރުވެރި ހަޅޭކެކެވެ.
ހިތެއްނެތް، އަނިޔާވެރި ގޮތަކަށް މެހެކް އެ މައުސޫމު ބުޅަލާ ދިމާއަށް ދުއްވައިގަތެވެ. އަދި އެއްވެސް ރަހުމެއް ނެތި އޭގެ ކަރުގައި ހިފާ، ފާރުގައި ޖަހައި، އަނިޔާވެރިކަމުގެ އިންތިހާއަށް ގޮސް އެ ނިކަމެތި ސޮރު މަރާލިއެވެ. ނަމަވެސް، އެވަރުންވެސް މެހެކްގެ ހިތުގައި އަނދަމުންދިޔަ ރުޅިގަނޑަކަށް އެއްވެސް މައިތިރިކަމެއް ނައެވެ.
އެ ގަދަ ރުޅީގައި އޭނާގެ އަތް ދަމައިގަތީ ޒައިފަން މަލަށެވެ. އަދި އެ މާ ހިފައިގެން ގޮސް، ގޭގެ ބެލްކަނީގައި އެލުވާފައި ހުރި ދޫނި ކޮށި ކައިރިއަށް ހުއްޓުނެވެ. ކޮށީގެ ތެރޭގައި ތިބި ކުދިކުދި ރީތި ދޫނިތައް ބިރުން ތެޅިފޮޅެން ފެށިއެވެ. މެހެކް އެ ވިހަ މާ ދޫނި ކޮށީގެ ދާގަނޑާ ކައިރިކޮށް، އޭގެ ނުބައި ވަސް އެ ދޫނިތަކަށް ޖައްސަން ފެށިއެވެ.
ޒައިފަން މަލުން ފޭދިގެންދިޔަ ވިހަ ދުމާއި ވަހުގެ ސަބަބުން، ކޮށީގެ ތެރޭގައި ތިބި ދޫނިތަކަށް ނޭވާލާން ދަތިވެ، ތެޅިގަތެވެ. އަދި އެ ވިހަ އަސަރުކޮށްގެން، ފަހަރަކު ދޫންޏެއް ވިހަވެގެން ތިރިއަށް ވެއްޓި މަރުވަމުން ދިޔައެވެ. މުޅި އެތަން ބިރުވެރި ހަމަހިމޭންކަމަކަށް ގެނބިގެން ދިޔައިރު، މެހެކް ހުރީ އޭނާއަށް ވެރިވެފައިވާ ނުބައި ބާރުގެ އަވާގައި ޖެހި، ހަދާނެ ގޮތް ހުސްވެފައެވެ.
އެންމެން ސިއްސުވާލި ބޮޑު ކަމަކީ، މެހެކް ބަނޑުބޮޑުވި ޚަބަރެވެ. އޭނާ ބަނޑުބޮޑުވި ގޮތާއި އޭގެ ފަހުން ފެންނަމުންދިޔަ ކަންކަމަކީ އިންސާނީ ޠަބީޢަތާ މުޅިން ޚިލާފު ކަންތައްތަކެކެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި އޭނާގެ ބަނޑު އާދަޔާޚިލާފަށް ބޮޑުވަމުން ގޮސް، ބަނޑުގެ އެތެރޭގައި އެއްޗެއް ދިރިހެލިފެލިވާ މަންޒަރު ހަމަލޮލަށް ފެންނަން ހުއްޓެވެ.
އެ ދުވަސްވަރު މެހެކްގެ ގައިން ދުވަނީ ޒައިފަން މަލުގެ ވަހާއި އަދިރި ކުނިވަހެއް އެކުވެފައިވާ ވަހެކެވެ. އެއްވެސް ޑޮކްޓަރީ ޓެސްޓަކުން އެ ކުއްޖާގެ ވިންދެއް ނުދައްކާއިރު، މެހެކްގެ ހަށިގަނޑުން ފެންނަ ބިރުވެރި ބަދަލުތަކާއި ކުއްލިއަކަށް ބަދަލުވާ މިޒާޖުގެ ސަބަބުން ރަޔާން އަށާއި މުޅި ޢާއިލާއަށް ޔަޤީންވީ، މެހެކްގެ ރަޙިމުގައި އަށަގަންނަމުން އެދަނީ އިންސާނެއްގެ ދަރިއެއް ނޫން ކަމާއި، އެއީ ޢާއިލާ ހަލާކުކޮށްލަން އަންނަ ނުރައްކާތެރި ޖިންނި ދަރިއެއް ކަމެވެ.
ބިރުވެރިކަން އިންތިހާއަށް ދިޔަ ހިސާބުން، މެހެކްގެ މަންމަ ރޮމުން އެންމެންގެ ކުރިމަތީގައި ބޮޑު ސިއްރެއް ފާޅުކުރިއެވެ. މެހެކަކީ ޙަޤީޤަތުގައި އިންސާނެއްގެ ދަރިއެއް ނޫނެވެ. އޭނާއަކީ މެހެކްގެ މަންމައަށް ޖިންނިއަކަށް ލިބިފައިވާ ދަރިއެކެވެ. އެ ސިއްރު މަންމަ ވަނީ މުޅި ޢާއިލާއަށް އެތައް އަހަރެއް ވަންދެން ސިއްރުކޮށްފައެވެ.
މެހެކަށް ފެނުނު ‘ޒައިފަން’ މަލަކީ އިއްތިފާޤަކުން ފެނުނު މަލެއް ނޫނެވެ. އެއީ މެހެކްގެ އަސްލު ޖިންނި ބައްޕަ، މެހެކްގެ ލޮލުގައި އަޅުވަން ޤަޞްދުގައި އެތަނުގައި އިންދި މަލެކެވެ. މެހެކްގެ މަންމަގެ ކިބައިން ބަދަލުހިފުމުގެ ގޮތުން، މެހެކްގެ ޖިންނި ބައްޕަގެ ކޮއްކޮ މެދުވެރިކޮށް މެހެކް ލައްވައި އެ ޖިންނި ކުއްޖާ އުފަންކުރުވީ މުޅި ޢާއިލާ އެއްކޮށް ހަލާކުކޮށްލުމުގެ ނުބައި މަޤްޞަދުގައެވެ.
އެ ޖިންނި ދަރިފުޅުގެ ސަބަބުން ބްލެކް ޕާލް ގެއަށް ވެރިވެފައިވަނީ ކަނު އަނދިރިކަމާއި، ސަލާމަތްނުވެވޭ ފަދަ ބިރުވެރި ނާމާންކަމެކެވެ. މުޅި ޢާއިލާ ވަނީ ނުފެންނަ ބާރުތަކެއްގެ އަޅުވެތިކަމުގެ ތެރޭގައި ތާށިވެފައެވެ.
މި ބިރުވެރިކަމުން ސަލާމަތްވުމަށްޓަކައި، މެހެކްގެ މަންމަ ކީރިތިކޮށް ރޮއި އާދޭސްކުރަމުން، މާޒީގައި އޭނާއަށް ކުރެވުނު ކުށަށް އެންމެންގެ ކިބައިންނާއި މާތް ﷲ ގެ ޙަޟްރަތުގައި ތައުބާވެ މަޢާފަށް އެދުނެވެ. އަދި ޖިންނީންގެ ކިބައިން މިންޖުވުމަށް އެދި ދުޢާކުރިއެވެ.
މުޅި ޢާއިލާ އެކުގައި ތިބެ، ރުޤްޔާގެ ބާރުގަދަ އާޔަތްތައް ކިޔަވަމުން، ޖިންނީންގެ ބާރު އެކުލެވިފައިވާ ‘ޒައިފަން’ މާތަކާއި އެ މަލުގެ ގަސްތައް އެއްކޮށް ކަނޑައި، ޤުރްއާން ކިޔެވި ފެން އަޅައި އަނދާ އަޅިއަށް ހަދައިލިއެވެ. އެ މާތައް އަނދައި އަޅިއަށް ވުމާއެކު، ގޭތެރެއިން ބިރުވެރި ހަޅޭކުގެ އަޑުތައް އިވިގެންދިޔައެވެ.
އެތައް އިރެއްގެ ބުރަ މަސައްކަތާއި އަޅުކަމަށްފަހު، މާތް ﷲ ގެ ރަޙްމަތްފުޅުން އެ ޖިންނީންގެ ނުބައި ބާރުތައް އެ ގެއިން ފައްސާލެވި، މެހެކްގެ ހަށިގަނޑުން އެ އަނދިރި އަސަރުތައް އެއްކޮށް ފިލައިގެން ދިޔައެވެ. “ބްލެކް ޕާލް” ގެއަށް އަލުން އަލިކަމާއި އަމާންކަން ވެރިވެ، ޒަމާންތަކަކަށްފަހު މުޅި ޢާއިލާ އެ ނުރައްކާތެރި ބިރުވެރިކަމުން މުޅިން މިނިވަންވިއެވެ.

Be the first to comment

Leave a Reply

Your email address will not be published.


*